ބެޑްމިންޓަން ގައުމީ ޗެމްޕިއަންކަން ޒަޔާންއާއި ނަބީހާ ހޯދައިފި

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ފަރާތްތަކާއެކު--

ފިރިހެން ސިންގަލްސް ބެޑްމިންޓަންގެ ގައުމީ ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދައިފި އެވެ.

ޔަޒާން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާ ވާދަކޮށް 21-18، 21-18 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ނަބީހާ އަބްދުރައްޒާގެވެ. އޭނާ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން މައިސާ ފަތުހުﷲ އިސްމާއިލް އާ ވާދަކޮށް 22-20، 10-21 އަދި 21-14 އިން ސެޓްތައް ގެންގޮސްގެންނެވެ.

ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނީލާ ނަޖީބާއި އަފްނާން ރަޝީދެވެ. މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ފާތުމަތު ނަބާހާ އެވެ. އަދި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއު އެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ހުސެއިން މުހައްމަދެވެ. މި ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފިޔާޒާއި އަހުމަދު ޝަރީފެވެ.

ދެ ވަނަ ޑިވިޝަންގެ އަންހެން ސިންގަލްސް އާއި އަތޮޅު ލީގުގެ އަންހެން ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދީ ޝިފްނާ ހުސެއިން އެވެ. އަދި ދެ ވަނަ ޑިވިޝަންގެ އަންހެން ޑަބަލްސް އާއި އަތޮޅު ލީގުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޝިފްނާ އާއި ނާޒިމާ މުހައްމަދެވެ. ދެ ވަނަ ޑިވިޝަނާއި އަތޮޅު ލީގުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފިޔާޒު އާއި އައިމިނަތު ނަސީމާ އެވެ.

comment ކޮމެންޓް