ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ)، ބައިނަލްއަގުވާމީ މުބާރާތަކުން އިތުރު މެޑައްޔެއް ހޯދައިފިއެވެ.
ލައިބާ މެޑަލް ހޯދާފައިވަނީ ސްލޮވޭނިއާގެ ލި-ނަން މެޑްވޮޑޭ ކަޕްގެ 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުންނެވެ. އޭނާ ވަނީ އެ އިވެންޓުން ލޯ މެޑައްޔެއް ހޯދައިފައެވެ.
އެ މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ ގްރޫޕު ސްޓޭޖުގައި ލައިބާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. ސެމީ ފައިނަލުގައި ވާދަކޮށް، ލައިބާ ބަލިވީ އޮސްޓްރިއާގެ ޒާން ޕިއާ އަތުންނެވެ. އެ މެޗުން ލައިބާ ބަލިވީ 21-10 އަދި 21-8 އިންނެވެ.
ލައިބާ ވަނީ ސްލޮވޭނިއާގެ މުސްތަފިކް އިލާނާއާ އެކު އެ މުބާރާތުގެ 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ލައިބާއާއި އިލާނާގެ ޕެއާ މޮޅުވީ އެންމެ މެޗުންނެވެ.
މިދިޔަ މަހު ޕޮލެންޑުގައި ބޭއްވި ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލުން ވެސް ލައިބާ ވަނީ ލޯ މެޑައްޔެއް ހޯދައިފައެވެ. އެ މެޑަލް ވެސް ހޯދާފައިވަނީ 11 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށްގެންނެވެ.