ދިވެހި ފިލްމު "40+" އަށް ކާސްޓުން ހޯދުމަށް އިއުލާނު ކުރުމުން ހީ ނުކުރާހާ ގިނަ ކުދިން މެސެޖު ކުރިކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނެފިއެވެ.
"ސަން" އާ ވާހަކަ ދައްކަމުން ޝަފީގު ބުނީ ކާސްޓުން ހޯދަން އިއުލާނު ކުރި އިރު "ހީ ކުރީ 20 ނޫނީ 25، 30 ކުދިން ކުރިމަތި ލާނެ ކަމަށް،" ކަމަށާއި، ނަމަވެސް 100 އަށް ވުރެ ގިނަ ކުދިން މެސެޖްކޮށްފައިވާ ކަމަށެވެ.
"މިހާ ގިނަ ކުދިންތަކެއް އެކޮމަޑޭޓް ކުރާނެ ގޮތެއް ނުނިންމިގެން އަދި މިއުޅެނީ. 21 ވަނަ ދުވަހު ޝޫޓިން އަށް ފުރާނެ. އޭގެ ކުރިން ކުދިން ނަގަން މި މަސައްކަތް ކުރަނީ،" ޝަފީގު ބުންޏެވެ.
ފޯޓީ ޕްލަސްގެ ސަޕޯޓިން ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ތަރިން ހޯދަން އިއުލާނު ކުރީ މި މަހުގެ ތިނެއްގައެވެ. ޝަފީގު ބުނީ ސަޕޯޓިންް ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަތަރު ތަރިން ނަގާނެ ކަމަށެވެ. އެއީ އަންހެން ދެ ތަރިންނާ ފިރިހެން ދެ ތަރިންނެވެ. އޭނާ ބުނީ މި ރޯލުތަކަށް ނަގާނީ ޒުވާން ކުދިން ކަމަށެވެ.
ފިލްމުގެ ޝޫޓިން މި މަހުގެ 21ގައި ފަށާއިރު ޝޫޓިން ކުރިއަށް ގެންދާނީ ތ. ބުރުނީގައެވެ. ލޮކޭޝަންގެ ކަންތައްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަފީގު ބުންޏެވެ.
އެ ފިލްމަކީ ޔޫއްޕެގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.
މީގެ އިތުރުން، ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް 40+ގައި ހަރަކާތްތެރިވާނެއެވެ.