"ނޯޓީ 40" ވެސް ލަންކާގެ ސިނަމާއަކަށް

ދިވެހި ފިލްމު ނޯޓީ40 ގެ ޕޯސްޓަރެއް -- ފޮޓޯ: ފޭސްބުކް

މިއަހަރު ރިލީޒްކުރި ކާމިޔާބު ދިވެހި ފިލްމު "ނޯޓީ 40" ސްރީލަންކާގެ ސިނަމާއެއްގައި އެޅުވުމަށް ނިންމައިފިއެވެ.

ލަންކާގައި ނޯޓީ 40 ދެއްކުމަށް ނިންމާފައިވަނީ މިމަހުގެ 15 ،16 އަދި 17 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ދެ ޝޯ ދައްކާނެ ކަމަށާއި އެގޮތުން ރޭގަނޑު 19:00 ގައި އަދި 22:30 ގައި ޝޯ އެއް ދައްކާނެއެވެ.

ލަންކާގެ ލިބަޓީ ލައިޓް ސިނަމާގައި ނޯޓީ ފޯޓީ ދައްކަން ހަމަޖެހިފައިވާއިރު ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނީ އެ ފިލްމު ލަންކާ ގައި ދައްކާނީ "ފޮރިން ފިލްމެއް"ގެ ގޮތުގައި ކަމަށެވެ. އެގޮތުން ފިލްމު ލަންކާގައި އަޅުވާނި އިނގިރޭސި ސަބްޓައިޓްލްސް އާއެކު ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ނިންމީ ލަންކާ ބަހުން ޑަބްކޮށްގެން ފިލްމު އަޅުވަން. އެކަމަކު އެއީ ވަރަށް ބޮޑު ޕްރޮސީޖާ އަކާއެކު ބުރަ މަސައްކަތެއް ކުރަންޖެހޭ ކަމަކަށް ވާތީ ސަބްޓައިޓްލްސް އާއެކު ދައްކަން ހަމަޖެއްސީ،" ޝަފީގު ބުންޏެވެ.

ފިލްމުގައި ތިން ލީޑް އެކްޓަރުން ފެނިގެންދެއެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު އަދި އަހްމަދު ސައީދު، އަދި އަލީ ސީޒަން އެވެ. ފިލްމުން ފެނިގެންދަނީ އެ ތިންމީހުންގެ 40ގެ އަހަރު ތަކާއި 25ގެ އަހަރުތަކެވެ. ފިލްމުންލޯތްބާއި، ބަދަލު ހިފުމާއި، އަދި މަޖާކުރުންވެސް އިންތިހާއަށް ފެނިގެންދާނެއެވެ.

ތަޖްރިބާކާރު ބަޠަލާ ނިއުމާ މުޙައްމަދު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ ނޯޓީ40ގައި، މަނިކުގެ ކެރެކްޓާއަކީ ތަނަވަސް އަދި މަޖާ މިޒާޖެއްގެ މީހެކެވެ. ސައީދަކީ ދިރިއުޅުމުގައި ތަފާތުއެކި ކަންތައްތައް ފެނިފައިހުރި އަދި މިޒާޖުގައި ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހޭ މީހެކެވެ. ޔޫއްޕެއަކީ ތިން ރަހްމަތްތެރިންގެ ތެރެއިން އެންމެ ހެޔޮވިސްނޭ އަދި ސީރިއަސް ކެރެކްޓާއެވެ. މިތިން ރަހްމަތްތެރިންނަކީވެސް 40ގެ އަހަރުތަށް ގުނަމުންދާ ނަމަވެސް، ހަމަ ސާދަފަނަރައިގެ ޒުވާން ހިތްތަކެއްގެ ވެރި ބައެކެވެ. ސީޒަންއަކީ ފިލްމުގެ "ވިލަން"އެވެ.

comment ކޮމެންޓް