މިއަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ދިވެހި ފިލްމު "ބޮސް"ގެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި އަޅުވާނެއެވެ.
ބޮސްގެ ވަދާއީ ޝޯ މިރޭ އަޅުވާއިރު މިހާތަނަށް މާލޭގައި އެ ފިލްމުގެ 30 ޝޯ ވަނީ ދައްކައިފައެވެ. އަދި އަތޮޅުތެރޭގެ 100 އަށް ވުރެ ގިނަ ރަށުގައި އެ ފިލްމު އަޅުވާފައިވާއިރު މި ފިލްމަކީ ފިލްމު އެޅުވި ރަށްރަށުން ރެކޯޑު އަދަދަކަށް މީހުން ބެލި ފިލްމެކެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
މި ފިލްމު މާދަމާއިން ފެށިގެން ސްރީލަންކާގައިވެސް އަޅުވާނެއެވެ. ލަންކާގައި ފިލްމުގެ ހަތަރު ޝޯ ދައްކާނެއެވެ. އެއީ މާދަމާ އާއި މިމަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ. މި ތިންރޭގެ ރޭގަނޑު ކޮންމެ ރެއަކު އެއް ޝޯ އަދި 7 ވަނަ ދުވަހުގެ ހެނދުނު އެއް ޝޯ ދައްކާނެ އެވެ. މި ހަތަރު ޝޯގެ ޓިކެޓްވެސް މިހާރު ދަނީ ވިއްކަމުންނެވެ.
ލަންކާގައި ބޮސް އެޅުވުމަށް ހަމަޖެހިފައިވަނީ މައުންޓް ލެވީނިއާގެ ސިނަމާއެއްގައެވެ. އެ ސިނަމާގައި ނަހުލާގެ 4426ގެ ކާމިޔާބު ޝޯތަކެއްވެސް ވަނީ މިދިޔަ އަހަރުގެ ތެރޭ ދައްކައިފައެވެ. ލަންކާއިން ބޮސް ބަލަން ބޭނުންވާ ފަރާތްތަކުން ޓިކެޓްގެ ކަންތަކުގައި ގުޅަން ޖެހޭނެ ނަމްބަރަކީ 0094775034678 އެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. -- ފޭސްބުކް ފޮޓޯ
މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.
ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.