ސަންޖޭގެ ބަޔޮޕިކްގެ ބައެއް މަންޒަރުތައް ރަންބީރު އަލުން ކުޅެނީ

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމްގެ ބައެއް މަންޒަރުތައް އަލުން ނަގަނީ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނަގަން ހަމަޖެހިފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފިއެވެ.

ރާޖްކުމާރު ބުނީ ފިލްމްގެ މަސައްކަތް ވެގެންދާނީ ވަރަށް ފުރިހަމަ މަސައްކަތަކަށް ކަމަށާއި ބައެއް މަންޒަރުތައް އަލުން ނަގަން ހަމަޖެއްސީ ރަންބީރުގެ އެދުމުގެ މަތިން، ފިލްމް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށެވެ.

"އެ މަންޒަރުތައް އަލުން ޝޫޓް ކުރާނަމަ ކުރިއަށް ވުރެ ފުރިހަމައަށް ކުޅެވޭނެ. ޖައްގާ ޖާސޫސްވެސް ފްލޮޕްވީ. މިފަހަރު ބޭނުން ކޮންމެ ގޮތެއް ހަދާފަ ވިޔަސް ސަންޖޭގެ މި ފިލްމް ކާމިޔާބު ފިލްމަކަށް ހަދަން. އެންމެ ފުރިހަމަ އެކްޓް ދައްކަން ބޭނުން،" ރަންބީރު ބުންޏެވެ.

ފިލްމް ކުޅުމަށްޓަކައި ރަންބީރު ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސަންޖޭގެ ރޯލު ކުޅުމަށް ރަންބީރު، އޭނާގެ ހަށިގަނޑު ވަރުގަދަކޮށް ބަރުދަން 13 ކިލޯ ވަނީ އިތުރު ކޮށްފައެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާއާ ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ފިލްމްގެ ބަޠަލާއަކަށް ޓީވީ އެކްޓްރެސް ކަރިޝްމާ ތަންނާ ހަމަޖައްސައިފައިވާއިރު ދެން ފިލްމްގައި ފެންނާނެ ބައެއް ތަރިންނަކީ ޕަރޭޝް ރާވަލް، މަނީޝާ ކޮއިރާލާ، ދިއާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކޯޝަލް އަދި އަނުޝްކާ ޝަރްމާ އެވެ.

ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް