ވާރުތަވަމުން އައި ދަރަނިތައް އަދާކުރުމަށް ފަހު މިސަރުކާރުގެ ދަރަންޏަކީ އެއް ބިލިއަން ރުފިޔާ: ރައީސް

" މަވެސް ޕީޕީއެމް" ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ--ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ސަރުކާރު ވެރިކަމާ ހަވާލުވެ، މިވީ މުއްދަތުގެ ތެރޭގައި ޖުމުލަ ދަރަނީގެ އަދަދަކީ އެއް ބިލިއަން ރުފިޔާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް" ނަމުގައި މިއަދު މެންދުރު ފަހު ބޭއްވި ޖަލްސާގާއި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 13 ބިލިއަންރުފިޔާގެ ދަރަނި ދައްކައިފި ކަމަށެވެ. އަދި ވިދާޅުވީ މިވީ މުއްދަތުގައި ސަރުކާރުން އުފެއްދީ 14 ބިލިއަންރުފިޔާގެ ދަރަނި ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ޖުމުލަ ދަރަނީގެ އަދަދަކީ 1 ބިލިއަން ރުފިޔާ ކަަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" އެހެން ސަރުކާރު ތަކުގެ ދަރަންޏަށް ވެސް ޝިފާއެއް ހޯދައިދިނީ މި ސަރުކާރުން. ވާރުތަ ވެފައި މިއޮތް ބޮޑު ދަރަނީގެ 13 ބިލިއަން ރުފިޔާގެ ދަރަނި އަދާ ކުރީ މި ސަރުކާރުން. މިހާރު އެއޮތީ އެ ދަރަނި ދައްކާފައި. މި ސަރުކާރުން އުފެއްދި ދަރަންޏަކީ 14 ބިލިއަން. ކުރީގެ ސަރުކާރު ތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ވާރުތަވެގެން އައި ދަރަނި މި ސަރުކާރުން ދެއްކީމާ ހަގީގަތުގައި މި ސަރުކާރުގެ ދަރަންޏަށް ވަނީ އެއްގޮތަކުން ބަލައިފިއްޔާ އެއް ބިލިއަން ރުފިޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް ބިލިއަން ރުފިޔާގެ ދަރަނީ އަރަންޏަށްވެސް ބަދަލުވެގެން ދިޔައީސް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވީ ކުރީގެ ސަރުކާރުން ދިވެހިންގެ އެއާޕޯޓް ބޭރުގެ ބަޔަކަށް ދިނުމުން އެތަން އަނބުރާ ހޯދުމަށް ކުރަން ޖެހުނު ހޭދައިގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެ ހޭދަތައް ނުކުރި ނަމަ މިއަދު މި ސަރުކާރުގައި އޮންނާނީ އަރަނި ބަޖެޓެއް ކަމަށެވެ.

"މި ސަރުކާރުން ދެއްތޯ 300 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައި އެއާޕޯޓް ސަލާމަތް ކުރީ. އެކަން ކުރަން ޖެހުނީ ކުރީ ސަރުކާރުގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން. އެ 300 ސަތޭކަ ބިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ. އެކަން ކުރަން ނުޖެހުނު ނަމަ މިހާރުވެސް އަރަނީގައި އުޅޭނެ ގާތް ގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރުއުތަކަކީ ފަހުން އެކަމުގެ ނަފާޔާއި މަންފާ ދިވެހި ރައްޔިތުންނަށް ލިބޭނެ މަޝްރޫއުތަކެއް ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ތިންހާހަށް ވުރެ ގިނަ މަޝްރޫއު ހިންގައިފި ކަމަށެވެ. އެއީ ކުރީގެ އެއްވެސް ސަރުކާރަކަށް ނުހިންގޭ ވަރުގެ ގިނަ މަޝްރޫއު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މި އަހަރަށް ފޮނުވި ބަޖެޓާ މެދު އިދިކޮޅު އެއްވެސް މީހަކަށް ފާޑު ނުކިޔޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގި އިރު މިހާރަށް ވުރެ ބޮޑު ދަރަންޏެއް މި ސަރުކާރަށް ވާރުތަކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓްގައިވާ އަދަދު ތަކަކީ ސީދާ އެމަނިކުފާނު ޖައްސަވާ އަދަދުތައް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުން އޮޅޭގޮތަށް އަދަދުތައް ބުނަމުންދާ ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް