ހެމާގެ ހަރަދުގައި މިސްޓަރ މޯލްޑިވްސްއަށް ނައުޝާދާއި ޔަޒްދާން

އަންނަ އަހަރަށް މުޅިން ހިލޭ ހެމާއިން މިސްޓަރ މޯލްޑިވްސް މުބާރާތައް ތައްޔާރު ކުރާ ދެ ބޮޑީ ބިލްޑަރުން، މުހައްމަދު ޔަޒްދާން(ކ) ނައުޝާދު ނަސީރު (ވ)--ފޮޓޯ/ ދި ހެމާ

ވޭތުވެ ދިޔަ ދެއަހަރު މިސްޓަރ މޯލްޑިވްސް މުބާރާތް ކާމިޔާބުކުރި " ދި ހެމާ"އިން އަންނަ އަހަރުގެ މުބާރަތައް ނެރޭ ޒުވާން ދެ ބޮޑީ ބިލްޑަރުންގެ ގޮތުގައި ޔަޒްދާން މުހައްމަދު (17)އާއި ނައުޝާދު ނަސީރު (24) ހަމަޖައްސައިފިއެވެ.

މި ގޮތަށް ހަމަޖެއްސީ މީގެ އެއްމަސް ދުވަސް ކުރިން އެ ޖިމުން ކުރި އިއުލާނަކާ ގުޅިގެން، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ޒުވާނުންގެ މެދުގައި ބޭއްވި ހާއްސަ އޮޑިޝަނަކަށްފަހުއެވެ.

ޒުވާން ދެ ބޮޑީ ބިލްޑަރުން ހޮވުމަށް ބޭއްވި އޮޑިޝަންގައި ފަނޑިޔާރުކަން ކޮށްފައިވަނީ އެންމެ ފަހުގެ ދެ މިސްޓަރ މޯލްޑިވްސް ކަމަށްވާ މުހައްމަދު ޔާމީން (ޔާމްބެ) އަދި މުހައްމަދު ރަޝީދު ( ރަޗޭ)އެވެ.

ހެމާއިން މިއަދު އިއުލާންކުރި ދެ ބޮޑީ ބިލްޑަރުން ސީދާ މިސްޓަރ މޯލްޑިވްސް މުބާރާތަށް ތައްޔާރު ކުރާނީ އެ ޖިމްގެ ޚަރަދުގައެވެ.

މި ދެ ބޮޑީ ބިލްޑަރުންނަށް އެ އެ ޖިމުން ހިލޭ ކޮށްދޭން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، އެއްވެސް ހަރަދަކާއި ނުލައި އެ ޖިމްގައި މުބާރާތަށް ޓްރެއިންނިގތައް ހެދުމާއި ސިއްހީ ފަރުވާ ހޯދުމުގެ އެންމެހާ ކަންކަމާއި އަދި އޭގެ އިތުރުން އެމީހުންގެ ކެއުންވެސް ހިމެނެއެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާމްބެ) އަކީވެސް ހެމާގެ އުފެއްދުމެކެވެ. މީގެ ކުރިން ވޮލީގެ ތެރެއިން ފެނުނު ޔާމްބެ މިސްޓަރ މޯލްޑިވްސް މުބާރާތަށް ތައްޔާރު ކުރުމަށް ހެމާއިން ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތްކޮށްފައެވެ.

ހެމާގެ ވެރިޔާ އަހްމަދު މުއާޒް ވިދާޅުވީ، އެފަދަ ފުރުޞަތެއް އަބަދުވެސް ޒުވާނުންނަށް ދޭން ބޭނުންވާ ކަމަށާއި މިއަންނަ އަހަރަށް ޓާގެޓްކޮށްގެން މިހާ ކުރިއާލައި ޒުވާން އެތުލީޓުން ތައްޔާރު ކުރަން ނިންމީވެސް ޒުވާނުންގެ ބޮޑު އެދުމެއްގެ މަތިން ކަމަށެވެ.

މިހާރުވެސް 4000އަށް ވުރެ ގިނަ ޒުވާނުން ޓްރެއިނިންގ ހަދަމުންދާ ޖިމްގެ ވެރިޔާ ވިދާޅުވީ މުބާރާތުގެ ކުރިން ތައްޔާރު ވުމަކީ އަބަދުވެސް އެ ޖިމްގެ ވިސްނުމެއް ކަމަށާއި އަންނަ އަހަރަކީ މުބާރަތުގެ ޓައިޓަލް މިލްކް ކުރަން ނުކުންނަ އަހަރަށް ވުމުން، އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން ނިންމީ ކަމަށެވެ.

ބޮޑީ ބިލްޑަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި އަލަށް ފައްކާ ކުރި ފުރަތަމަ ސްޓްރީޓް ޖިމް އިން ފުރަތަމަ ފަހަރަށް މިސްޓަރ މޯލްޑިވްސް ގެންދިޔައީ 2016 ވަނަ އަހަރުއެވެ. އަންނަ އަހަރު ހެމާއިން ނުކުންނާނީ މިސްޓަރ މޯލްޑިވްސް ޓައިޓަލް މިލްކް ކުރާށެވެ.

comment ކޮމެންޓް