މަނަދޫ އަތުން ވެސް މޮޅެއް ހޯދައި، ހެނބަދޫ އިން ގްރޫޕް ސްޓޭޖް ނިންމާލައިފި

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ ބަލިކޮށް، ހެނބަދޫ އިން ތިން މޮޅާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗު ހެނބަދޫ އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާ އަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --

މި މޮޅާ އެކު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ހެނބަދޫ ވަނީ ނުވަ ޕޮއިންޓު ހޯދައިފަ އެވެ. ކުޑަފަރީ އަދި މަނަދުއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލުގެ ތަފާތުން ކުރި ލިބި ގްރޫޕުގެ ދެ ވަނަ ލިބެނީ ކުޑަފަރީ އަށެވެ. މަނަދުއަށް ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ އެންމެ ރަނގަޅު ދެ ޓީމުތަކުގެ ތެރޭ ހިމެނި ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮންނާނެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު 41 ވަނަ މިނެޓުގައި ހެނބަދުއަށް ޖަހައިދިނީ މުހައްމަދު ވަހީދެވެ. މީގެ އިތުރުން ވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މެޗުގައި ވަނީ ލިބިފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --

މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް ތިނެއްގެ މެޗުގައި ބައްދަލު ކުރާނީ ވެލިދޫ އާއި މާޅެންދޫ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާގެ ޖާގައެއް ކަށަވަރުވާނެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ އާއި ހެނބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --

މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

  • ގްރޫޕް އެކެއް: ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.
  • ގްރޫޕް ދޭއް: މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް: ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް