ޓުވިޓާ އިން "ލައިޓް ވާޝަން"އެއް ތައާރަފްކުރަނީ

މަގްބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން "ޓްވިޓާ" އިން އެ އެޕްލިކޭޝަންގެ ލައިޓް ވާޝަންއެއް ޓެސްޓް ކުރުމަށް ފަހު އާންމުކޮށް ދޫކޮށްލަން ނިންމައިފި އެވެ.

ޓުވިޓާ އިން ވަނީ މި ވާޝަން ޕިލިޕީންސްގައި ޓެސްޓް ކުރުމަށް ފަހު 24 ގައުމަކަށް ތައާރަފްކުރަން ނިންމައިފަ އެވެ. މި ވާޝަން އަކީ ސައިޒްގެ ގޮތުން ކުޑަ، ފޯނުގެ މެމޮރީ އަށް ލުއި ވާޝަން އެކެވެ.

ޓުވިޓާ އިން ވަނީ އެ އެޕްލިކޭޝަންގެ ލައިޓް ވާޝަން އޭޝިއާ، މެދު އިރުމަތި، އެފްރިކާގެ އިތުރުން ލެޓިން އެމެރިކާގައި ޓެސްޓް ކޮށްފަ އެވެ.

ޓުވިޓާ ލައިޓް އަކީ ތިން އެމްބީގެ އެޕްލިކޭޝަނެކެވެ. ޓުވިޓާ ލައިޓް ބޭނުންކުރާއިރު ހުރިހާ ފޮޓޯއެއް ލޯޑްވުމުގެ ބަދަލުގައި ބޭނުންވާ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ލޯޑް ކުރުމުގެ އިހްތިޔާރު ބޭނުން ކުރާ މީހާ އަށް ލިބޭނެ އެވެ.

ޓުވިޓާ ލައިޓް ޕްލޭ ސްޓޯ މެދުވެރިކޮށް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓުވިޓާ އިން ބުނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު ޓުވިޓާ ބޭނުންކުރާ 330 މިލިއަން މީހުން އެބަތިއްބެވެ.

comment ކޮމެންޓް