ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއަށް މި ހިނގާ ޑިސެމްބަރު މަހުގެ މިހާތަނަށް 10 މިލިއަން ކަސްޓަމަރުން އިތުރުވެއްޖެ ކަމަށް އެޕްލެޓްފޯމްގެ ސީއީއޯ ލިންޑާ ޔަކަރީނޯ ވިދާޅުވެއެޖެއެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން އެކްސްއަށް އަލަށް ސައިންކޮށްފައިވާ ކަމަށެވެ.
ސީއީއޯ ލިންޑާ ޔަކަރީނޯ މިކަން ހާމަކުރެއްވީ ދޮގު މައުލޫމާތު ދިނުމާއި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ކަންބޮޑުވުންތަކާ ގުޅިގެން، އިޝްތިހާރުކުރާ ގިނަ ފަރާތްތަކެއް އެ ޕްލެޓްފޯމުން ދުރަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އަލަށް އިތުރުވި ކަމަށް ބުނާ ކަސްޓަމަރުންގެ ތެރެއިން އެކްސްއަށް ފައިސާ ދައްކަނީ ކިތައް މީހުންކަމާއި އެވްރެޖުކޮށް މަހަކާ އަޅާބަލާއިރު އެ އަދަދު އިތުރުވެފައިވަނީ ކިހާ ވަރަކަށް ކަމެއް ޔަކަރީނޯ ވިދާޅެއް ނުވެއެވެ.
އެޕަލް، ޑިޒްނީ، އައިބީއެމް އަދި ލަޔަންސް ގޭޓް އެންޓަޓެއިންމަންޓް ފަދަ ބޮޑެތި ބްރޭންޑްތަކުން ފާއިތުވި މަސްތަކުގައި އެ ޕްލެޓްފޯމް ދޫކޮށް ގޮސްފައިވަނީ އެ ޕްލެޓްފޯމްގެ ވެރިޔާ އަދި ބިލިއަނަރު އީލޮން މަސްކް ސެމިޓިޒަމްއާ ދެކޮޅު ހެދުމަށް ހިތްވަރު ދޭ ކަމަށް ބުނާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތް އީލޮން މަސްކް މިދިޔަ ހަފުތާގައި ވަނީ އެ ޕްލެޓްފޯމުން ފިލައިގެން ދިޔަ ކުންފުނިތަކުން އޭނާ ބްލެކްމެއިލް ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އިޝްތިހާރުކުރާ ފަރާތްތަކަށް ފާޑުކިޔާފައެވެ.
ނިއުޔޯކް ޓައިމްސްއިން މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އިޝްތިހާރުގެ އާމްދަނީ ދަށްވުމުގެ ސަބަބުން މި އަހަރު ނިމުމުގެ ކުރިން އެކްސްއަށް އިޝްތިހާރުގެ އާމްދަނީގެ ގޮތުގައި 75 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް ކުންފުނީގެ އެތެރޭގެ ފައިލްތަކުން އެނގެއެވެ.
ކުރިން ޓްވިޓާގެ ގޮތުގައި މަޝްހޫރުވެފައިވާ އެކްސް އީލޮން މަސްކަށް ލިބުމާ އެކު އެޕްލެޓްފޯމްގެ ގިނަ ކަންކަމަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ސަބަބުން އެޕްލެޓްފޯމަށް ގިނަ ބަޔަކު ކުރަމުންއައި އިތުބާރު ކޮންމެ ވެސް ވަރަކަށް ކުޑަވެފައިވާކަން މީޑިއާ ރިޕޯޓްތަކުން އެނގެއެވެ.