އީލޯން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ އިޝްތިހާރުވިއްކާ މިންވަރުދަށްވެ، އިޝްތިހާރު ފައިދާ މި އަހަރު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރަށް ވެއްޓޭނެ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ.
ބްލޫމްބާގްއިން އެގޮތަށް ލަފާކޮށްފައިވަނީ ކޮމްކާސްޓް އާއި ޑިޒްނީ ފަދަ އިޝްތިހާރުކުރާ ބޮޑެތި ކުންފުނިތަކުން މިދިޔަ މަހު އެކްސްއަށް ކުރާ ހޭދަ މެދުކަނޑާލުމާ ގުޅިގެންނެވެ. އެކްސްއަށް ފާއިތުވި ފަސް ކުއާޓަރުގައި އިޝްތިހާރުގެ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަސްކް އެކްސްއާ ހަވާލުވި ފަހުން ކޮންމެ ކުއާޓަރަކަށް އެކްސްއަށް ލިބޭނީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ކަމަށެވެ.
އެކްސްއިން ވަނީ އިޝްތިހާރާއި ސަބްސްކްރިޕްޝަންއިން މި އަހަރު ތިން ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދުމުގެ އަމާޒެއް ކަނޑައަޅާފައެވެ. ނަމަވެސް މަސްކް ގެންނަ ކުއްލި ބަދަލުތަކާ މެދު އިންވެސްޓަރުން ނުތަނަވަސްވެ، އަންދާޒާ ކުރިވަރަށްވުރެ އެކްސްގެ ފައިދާ މާބޮޑަށް ދަށްވާނެ ކަމަށް ބެލެވެއެވެ.
އެކްސްގެ ޖުމްލަ އާމްދަނީގެ 70-75 އިންސައްތަ ހިއްސާކުރަނީ އިޝްތިހާރުތަކެވެ. މަސްކް އަމިއްލައަށް ވެސް ގަބޫލުކުރެއްވި ގޮތުގައި އިޝްތިހާރުތައް ގާތްގަނޑަކަށް 50 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، އެކްސްގެ ކޭޝްފްލޯ ނެގެޓިވް ވެފައި ވަނީ ބޮޑު ދަރަނީގެ ސަބަބުންނާއި، އާމްދަނީ ދަށަށް ދިއުމުންނެވެ.
އެކްސްއަކީ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މިއީ ޓެކް ބިލިއަނަރު މަސްކް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ގަނެފައިވާ ޕްލެޓްފޯމެކެވެ. ދެހާސްހަ ވަނަ އަހަރު އުފެއްދި ޓްވިޓާއަކީ އަދިވެސް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެންމެ ނުފޫޒުގަދަ އެއް ސޯޝަލް ނެޓްވޯކެވެ. މި ނެޓްވޯކް ނުވަތަ ޕްލެޓްފޯމް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެކްސްގެ ނަމުން ރީބްރޭންޑްކޮށްފައެވެ.
ދުވާލެއްގެ މައްޗަށް 230 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ހިމެނޭ މި ޕްލެޓްފޯމަކީ ސެލެބްރިޓީންނާއި ސިޔާސީ ފަރާތްތަކާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް މުވާސަލާތީ މުހިންމު ޗެނަލެކެވެ. ނަމަވެސް އެކްސް މެނޭޖްމެންޓާ މަސްކްގެ ހަވާލުވި ފަހުން ވަނީ ހަލަބޮލިވެފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އިޝްތިހާރުކުރާ ފަރާތްތަކާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ އިތުރުން މަސްކްގެ އަމިއްލަ ހަރުކަށި ޓުވީޓުތަކުގެ ސަބަބުން ކުންފުނީގެ މިސްރާބާއި ހަރުދަނާކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.