ބެކަމްގެ ހިލޭ ޖެހުމުގެ ސިއްރުތަކުން ޕިރްލޯ ވައްކަންކުރި!

ބެކަމް، ޕިރްލޯ އަދި ރޮނާލްޑީނިއޯ --

އިޓަލީ ލެޖެންޑް އަންދުރޭ ޕިރްލޯގެ ވޯލްޑް ކްލާސް ހިލޭ ޖެހުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އިނގިރޭސި ލެޖެންޑް ޑޭވިޑް ބެކަމްގެ ހިލޭ ޖެހުމުގެ ސިއްރުތަކުން "ވައްކަން" ކޮށްފައިވާނެ ކަމަށް ޕިރްލޯ ބުނެފި އެވެ.

ފުޓްބޯޅަ ކެރިޔަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، ޕިރްލޯގެ ކެރިޔަރަށް ނިމުމެއް ގެނެސްފައި ވަނީ ނިއު ޔޯކް ސިޓީ އެފްސީގެ ކޮންޓްރެކްޓް ހަމަވުމާ އެކު މިއަހަރުގެ ތެރޭގަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޕިރްލޯ ވަނީ އޭސީ މިލާން އަދި ޔުވެންޓަސްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ އިތުރުން އިޓަލީ ގައުމީ ޓީމާ އެކު އޭނާ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ގިނަ ހުނަރުތަކެއްގައި ފާހަގަކޮށްލެވޭ ޕިރްލޯގެ އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ އޭނާގެ ހިލޭ ޖެހުމުގެ އުކުޅުތަކެވެ. އެގޮތުން އޭނާ ވަނީ ހިލޭ ޖެހުންތަކުން ގިނަ ލަނޑުތަކެއް ވެސް ކާމިޔާބުކޮށްފަ އެވެ.

"އަހަރެން ކުޑައިރު ކުޑަ ބޯޅައެއް ހަދައިގެން ގޭގެ ކުޑަދޮރުގެ ކަނަށް އެ ބޯޅަ ފޮނުވާލައިގެން ވަރަށް ފޯރި ނަގަން. މިލާނަށް ކުޅުނު އިރު އަހަރެމެންގެ ޓީމުގައި ބެކަމް، ރޮނާލްޑޯ އަދި ކްލެރަންސް ސީޑޯފް ހިމެނޭ. އެއީ ހިލޭ ޖެހުންތަކަށް ވަރަށް ރަނގަޅު ކުޅުންތެރިން. އަހަރެމެން އެކަކު އަނެކަކާ ވާހަކަދައްކައި، ހިލޭ ޖެހުންތަކުގެ ސިއްރުތަކުން ވައްކަން ކުރަން. އަހަރެން ވައްކަން ކުރަނީ ބެކަމްގެ ހިލޭ ޖެހުމުގެ ސިއްރުތަކުން،" އޭނާ ބުންޏެވެ.

ޕިރްލޯ ބުނީ، ބްރެޒިލް ލެޖެންޑް ޖުނީނިއޯގެ ހިލޭ ޖެހުންތައް ބަލައި އެގޮތަށް ހިލޭ ޖެހުންތައް ފޮނުވާލެވޭތޯ މަސައްކަތްކުރާ ކަމަށާއި މަސައްކަތްތަކަށް ފަހު އެންމެ ފަހުން ހިލޭ ޖެހުންތައް ފޮނުވާލެވޭ ގޮތްތަކެއް ދަސްވި ކަމަށެވެ.

comment ކޮމެންޓް