މިއީ ފުރާވަރުގެ ކުދިންތަކެކެވެ. މި ކުދިންނަކީ ތަފާތު ކުދިން ތަކެކެވެ. ހުނަރު މިކުންދިންގެ ކިބައިގައި އަރާ އުތުރެނީ އެވެ. ފުވައްމުލަކު ސިޓީއަށް އުފަން މި ކުދިންގެ ހުނަރުން އެތައް ބަޔަކު މިއަދު ހެއްވާލައިފި އެވެ. ސޯޝަލް މީޑިއާގައި އެންމެ މަޝްހޫރީ މިކުދިންގެ "ފަން މޭޓްސް" ޕޭޖެވެ. އެކްޓް ކުރުމުގެ މޮޅު ހުނަރާއެކު މަޖާ ގޮތަކަށް މި ކުދިން އަޅުގަނޑުމެންނާ ހަމައަށް ދޫކޮށްލަނީ "ބޮޑު ވާހަކަ" ތަކެކެވެ. އިބުރަތްތެރި ވާހަކަތަކެކެވެ.
ފޭސްބުކްގައި ޕޭޖެއް ހަދައި، މަޖާ ވީޑިއޯ އިބުރަތްތެރި މެެސެޖްތަކަކާ އެކު ދިނުމުގެ ހިޔާލު މި ކުދިންގެ މެދުގައި އުފެދުނީ މި އަހަރުގެ ކުރީ ކޮޅު އެވެ. އަބަދުވެސް އެއްކޮށް އުޅޭ މި ފަސް އަންހެން ކުދިންގެ މެދުގައި މި ހިޔާލު އުފެދިގެން އައި ގޮތް އެ ކުދިން ވަނީ "ސަން" އާ ހިއްސާކޮށްފަ އެވެ.
ފުރަތަމަ ވީޑިއޯ ވުޖޫދަށް އައީ މި ގުރޫޕް ކުދިން ފުވައްމުލަކުގެ ހިތްގައިމު ތުނޑިއަށް ދަތުރު ދިޔަ ދުވަހަކު އެވެ. އެ ދުވަހު ވީޑިއޯއެއްގައި އެކްޓް ކޮށްލީ އަބަދުވެސް އެކްޓް ކުރުމަށް ހުންނަ ޝައުގުވެރިި ކަމެއްގެ ސަބަބުން ކަމަށް "ފަން މޭޓްސް"ގެ އެންމެ އިސް އެއް މޭސްތިރިއާ އައިމިނަތު ސާރާ އަހްމަދު ކިޔައިދިނެވެ. އޭނާ ބުނީ އެ ވީޑިއޯއަށް ގިނަ ބައެއްގެ ތައުރީފް ލިބުނު ކަމަށެވެ.
"އެއީ ޕިކްނިކް ދިޔަ ދުވަހެއް. ދެން އެދުވަސް އެއީ ވަރަށް ރީތި ހިތްގައިމު ދުވަހެއް. އެހެންވެ ހިތަށް އެރީ އެކްޓްކޮށްލާފައި ވީޑިއޯއެއް ކުޅެލަން، އެހާ ހިސާބުން ފުރަތަމަ މި ހިޔާލު އުފެދިގެން މަސައްކަތް ފެށީ،" ސާރާ ކިޔައިދިނެވެ.
މިހާތަނަށް "ފަން މޭޓްސް" ޕޭޖްގައި މި ކުދިން ވަނީ 50 އަށް ވުރެ ގިިނަ ވީޑިއޯ ޕޯސްޓްކޮށްފަ އެވެ. ކޮންމެ ވީޑިއޯއެއްގެ ހިޔާލަކީ ވެސް އެއްކޮށް އުޅޭ މި ފަސް އަންހެން ކުދިންގެ ހިޔާލެވެ. ސްމާޓް ފޯނަކުން ނަގާ މި ވީޑިއޯތައް އެޑިޓް ކުރަނީ ވެސް މި ކުދިން އަމިއްލަ އަށެވެ. އެއްވެސް އިތުރު މީހެއްގެ އެހީއެއް "ޕްރޮޑަކްޝަން"ގައި މި ކުދިން ބޭނުމެއް ނުކުރެ އެވެ.
"އަމިއްލަ އަށް ހުރިހާ ކަމެއް ކުރަނީ. ވަރަށް ބުރަ މަސައްކަތެއް މިއީ. ބައެއް ފަހަރު އެންމެ ތަންކޮޅެއް ނަގަން ވެސް ވަރަށް ގިނަ ވަގުތު ހޭދަ ކުރަންޖެހޭ. އެކަމު އަނެއްބައި ފަހަރު އެއް ފަހަރުން ވެސް ވީޑިއޯ ނަގާ ނިންމާލެވޭ،" ފުވައްމުލަކުގައި ތައުލީމް ހާސިލް ކުރަމުންދާ ސާރާ ކިޔައިދިނެވެ.
"ފަން މޭޓްސް"ގެ ވީޑިއޯތައް އަމާޒުކޮށްފައި ހުންނަނީ އާންމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައްތަކަށެވެ. ކައިވެނި ކުރުމަށް ފަހު ޅީ ދަރި މައިދާތައަށް ހަދާ ގޮތް މި ކުދިން ވަނީ އިބުރަތްތެރި މެސެޖަކާއި އެކު ގެނެސްދީފަ އެވެ. ލޯބިވެރިއާ މައިން ބަފައިންގެ މަޖުބޫރުން ބީވުމުން އަންހެން ކުއްޖާއަށް ކުރާ އަސަރު "ކުޗް ކުޗް ހޯތާ ހޭގެ" ލަވައަކާ އެކު ހިންދީ ބަހުން މި ކުދިން ވަނީ ގެނެސްދީފަ އެވެ. އަދި ފިހާރައަކަށް ދިޔުމުން އެ ތަނުގެ "ސޭލްސް ގާލްސް" ކިބައިން ޖެހޭ ދުއްތުރާތައް ވެސް މަޖާ ގޮތަކަށް ވަނީ ގެނެސްދީފަ އެވެ. މީނުން ވެސް އެތައް މައްސަލައަކަށް މި ކުދިން ވަނީ އިންސާފް ކޮށްފަ އެވެ.
"ވީޑިއޯއެއް ހަދާއިރު ވަރަށް ބަލަން އާންމު ދިރިއުޅުމުގައި ހިނގާ ކަންކަން ގެނެސްދެވޭތޯ، ދެން އަބަދުވެސް ބަލަނީ މަޖާ ގޮތަކަށް އަދި މީހުން ބަލާ ހިތްވާނެ ކަހަލަ ގޮތަކަށް އިބުރަތްތެރި މެސެޖެއް ދެވޭތޯ،" މިހާރު 7000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ "ފަން މޭޓްސް" ޕޭޖްގެ އެއް ބާނީ، ސާރާ ކިޔައިދިނެވެ.
"ފަން މޭޓްސް"ގެ ވީޑިއޯތަކުގައި މީގެ ކުރިން ހިންދީ ބަސް ބޭނުން ކުރި ނަމަވެސް އެ ޓީމްގެ ވީޑިއޯތައް ބަލާ މީހުންގެ އެދުމުގެ މަތިން މިހާރު ވަނީ މުޅިން ވެސް ދިވެހި ބަސް ބޭނުން ކުރަން ފަށައިފަ އެވެ.
މި ހުނަރުވެރި އަންހެން ކުދިން އެކްޓް ކުރުމަށް އޮތް ޝައުގުވެރިމެއްގެ ތެރެއިން ފެށި މަސައްކަތަށް ވަރަށް ބޮޑަށް އެކުދިންގެ ބެލެނިވެރިންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށް އެކުދިން ބުންޏެވެ. މި ކުދިންގެ ކެރުމާއި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުންދާއިރު އެ ކުދިންނަކީ މި ގޮތަށް ހުސް އަންހެން ކުދިން ވެގެން މަޖާ ވީޑިއޯ ތައްޔާރު ކުރާ ހަމަ އެކަނި ދިވެހި ޕޭޖްއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ލިބެމުންދާ ތައުރީފާއެކު މި ކުދިން އަދިވެސް ތިބީ ދިވެހިންގެ މޫޑް ބަދަލު ކޮށްލުމުގައި ދެމި ތިބޭ ގޮތަށެވެ. ފޭސްބުކް ޕޭޖަށް ފަހު މިހާރު ޔޫޓިއުބް ޗެނެލެއް ވެސް އެ ކުދިން ވަނީ ވުޖޫދަށް ގެނެސްފަ އެވެ.
ކޮންމެ ދުވަހަކު މާޔޫސް ކަމާއި ވަރުބަލި ކަމާ އެކު ފޭސްބުކަށް ވަންނަ ޒުވާނުން މުނިފޫހިފިލުވުމަށް މި ކުދިން މިކުރާ މަސައްކަތަށް ތައުރީފް ހައްގެވެ. އެ ކުދިން ބޭނުން ވަނީ ކުޑަޔަކަސް އަންހެން ކުދިންނަށް ވިޔަސް މުޖްތަމައުއަށް ފައިދާ ހުރި ބޮޑު ވާހައެއް ބުނާށެވެ. އެ ވާހަކައިގެ ސަބަބުން މުޖްތަމައު އިސްލާހުވެގެން ދިޔުމަކީ މި ކުދިންގެ އެންމެ ބޮޑު މަގްސަދެވެ.