އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމް އިއްވީ ރަނގަޅަށް: ސުޕްރީމް ކޯޓު

ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އިމްރާން އަރުވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އިސްތިއުނާފު މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

ޓެރަރިޒަމްގެ ދައުވާ އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގީ އިމްރާން އެދުވަހު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކަމުން ހިތްވަރު ލިބިގެން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކޮށް އިމްރާންގެ ވަކީލުންނަށް ފޮނުވާފައިވާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށަހެޅި ސަބަބުތަކަށް ބެލިއިރު، ހައިކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ. އެ ހުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

އެހެންކަމުން ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައަކަށް ނުވާތީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ލިޔުމުގައިވެއެވެ.

comment ކޮމެންޓް