މެލޭޝިއާގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، އަދާލަތު ޕާޓީން 20 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ އަލް-ބުޚާރީ އިންޓަނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން އެ ޕާޓީއަށް 20 ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެ ސްކޮލަޝިޕްތަކުގެ ތެރެއިން އަންނަ އޮކްޓޫބަރު މަހުގެ 26ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ސްކޮލަޝިޕްތަކުން، ތިން އަހަރު ދުވަހުގެ ޑިގްރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
1. ސްކޫލް އޮފް ބިޒްނަސް: ވިޔަފާރިއާ ގުޅޭ ދާއިރާތަކުގެ ޑިގްރީ
2. ސްކޫލު އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސް: ތަޢުލީމު، އިޖުތިމާޢީ އަދި އިންސާނީ ސައިންސް އާ ގުޅޭ ދާއިރާތައް
3. ސްކޫލު އޮފް ކޮމްޕިއުޓިންގް: ކޮމްޕިއުޓަ ސައިންސް، ޑާޓާ ސައިންސް، އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސައިބަ ސެކިއުރިޓީ
އެ ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، 17 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނަކަށް ވުމާއި، ކައިވެނި ނުކޮށް ހުރުން ހިމެނެއެވެ.
މީގެ އިތުރުން، ގްރޭޑް 12 ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ދަށްވެގެން ސީޖީޕީއޭ 2.8 ގައި ހިފެހެއްޓުން ހިމެނެއެވެ. އަދި މި ވަގުތު އެއްވެސް މަތީ ތަޢުލީމު ދޭ ތަނެއްގައި ކިޔަމުންދާ ފަރާތެއް ކަމުގައި ނުވުމާއި އެއްވެސް އެއްބަޑު، އެއްބަފާ ނުވަތު އެއްބަނޑު އެއްބަފާ މީހަކަށް އެ ޔުނިވާސިޓީގެ ފައުންޑޭޝަންގެ ފަރާތުން އެހީ ލިބިފައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދާލަތު ޕާޓީން ވަނީ ސްކޮލާޝިޕް ދޭއިރު، މާލީ ޙާލަތަށް ރިޢާޔަތްކޮށް، މާލީ ފުދުންތެރިކަން ދަށް ކުދިންނަށް އިސްކަން ދޭނެ ކަމަށް ބުނެފައެވެ.
އެ ޕާޓިން ބުނި ގޮތުގައި، ސްކޮލަޝިޕްގެ ތެރެއިން ތިން ޚަރަދެއް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސާނެއެވެ. އެގޮތުން ހަމަޖައްސައި ނުދެނީ، ވިސާ ފީއާއި މެލޭޝިޔާއަށް ދަތުރު ކުރުމުގެ ޚަރަދާއި ޔުނިވާސިޓީއަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓްއެވެ. އެ ޑިޕޮސިޓްއަކީ 1،200 ރިންގިޓު (294.21 ޑޮލަރު) އެވެ.
އަދާލަތު ޕާޓީން ވަނީ، އެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ޒުވާނުން މި މަހުގެ 25ގެ ކުރިން، އެ ޕާޓީގެ އީމެއިލްއަށް ލިޔެކިޔުންތައް ފޮނުވުމަށް އެދިފައެވެ. އެގޮތުން ފޮނުވަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑު ކޮޕީއާއި ސީވީ އާއި އެޓެސްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ހިމެނެއެވެ. އަދި އެ މީހެއްގެ ބެލެނިވެރިންނަށް ލިބޭ އާމްދަނީ ކަށަވަރުކޮށްދޭ ލިޔުންތައް ވެސް ފޮނުވުމަށް އެދިފައިވެއެވެ.