ކުރިއަށް އޮތް 5 ނޫނީ 10 އަހަރު ތެރޭ ރާއްޖޭގެ ފިލްމުތައް އޮސްކާއަށް ވާދަކުރާނެ: މުއާ

ޭޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ފަހެއް ނޫނީ 10 އަހަރު ތެރޭ ރާއްޖޭގެ ފިލްމުތައް އޮސްކާ އެވޯޑަށް ވާދަކުރާނެ ކަމަށް ނޭޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ވިދާޅުވެއްޖެ އެވެ.

ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އާއިޝަތު ރިޝްމީއަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން މުއާ ވިދާޅުވީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ ކުރިއަރަމުން އަންނަ ކަމަށެވެ. ފިލްމީ ދާއިރާ ކުރިއަރުވަން ޕޮލިސީ ލެވެލްގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކުޅިވަރަށް ކުރާ ބޮޑު ހަރަދާ އެއްވަރަށް ފިލްމީ ދާއިރާ ކުރިއަރުވަންވެސް ހަރަދު ކުރަން ޖެހޭ ކަމަށެވެ.

ސާކް ފިިލްމު އެވޯޑަކީ ބައިނަލް އަގުވާމީ އެވޯޑެއް ކަމަށާއި ރިޝްމީ އަށް ލިބުނީ ފަހުރުވެރިވުން ހައްގު އެވޯޑެއް ކަމަށް ވެސް މުއާ ވިދާޅުވި އެވެ.

"ޕާކިސްތާނުގެ މޮޅު އެކްޓްރެސް އަކާ ވާދަކޮށްގެން ރިޝްމީ އަށް މި އެވޯޑް ލިބުނީ. އޮސްކާގައި ވާދަކުރި އެ ގައުމުގެ ފިލްމުގެ ލީޑް އެކްޓްރެސް އެއީ. އެހެންވިމާ ރިޝްމީ އަށް މި ލިބުނީ ބޮޑު ކާމިޔާބީއެއް،"

ފާއިތުވި އަހަރުތަކުގައި ސާކް ފިލްމު ފެސްޓިވަލުން ރާއްޖެއަށް ފާހަގަ ކުރެވޭ ކާމިޔާބީތައް ލިބިފައިވާކަން ފާހަގަކުރައްވައި މުއާ ވިދާޅުވީ ބައިނަލް އަގުވާމީ އެހެން ފިލްމު ފެސްޓިވަލްތަކުގައި ވާދަކުރުމަށް ފަހު ކުރިއަށް އޮތްތަނުގައި އޮސްކާ އެވޯޑަށް ވެސް ދިވެހި ފިލްމުތަކަށް ވާދަ ކުރާނެ ކަމަށެވެ.

ދެހާސްސާދަ ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ދިވެހި ފިލްމު އިނގިލި އަށް ވަނީ ބްރައުންޒް އެވޯޑް ލިބިފަ އެވެ. އެ ފިލްމުގެ ލީޑް އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބުނު އިރު 2015 ވަނަ އަހަރުގެ ފެސްޓިވަލުގައި ވާދަކޮށް ދިވެހި ފިލްމު އިންސާނާ އަށް ވަނީ ބްރައުންޒް އެވޯޑް ލިބިފަ އެވެ. މި އަހަރުގެ ފެސްޓިވަލްގައި ފިލްމު "ވިޝްކާ" އިން ރިޝްމީ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ.

ސާކް ފިލްމު ފެސްޓިވަލުން އެންމެ ފުރަތަމަ އެވޯޑެއް ހޯދި އިއްސެ މިއަދު ބުނީ މިފަދަ އެވޯޑްތަކާ ކާމިޔާބީތައް ބަލައިގަނެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ. ފިލްމީ ދާއިރާ ކުރިއަރާނީ އޭރުން ކަމަށް އިއްސެ ބުންޏެވެ.

comment ކޮމެންޓް