ރާއްޖޭގެ މިވަގުތު ހުރި އެންމެ ހަގު "ހާފިޒު"، ފަސް އަހަރުގެ މުހައްމަދު އަޝްހަމް އަލީ އަށް ސައުދީ ސަރުކާރުގެ ފަރާތުން ފައިސާގެ އިނާމަކާއި ހިލޭ ކިޔެވުމަށް ސްކޮލަޝިޕެއް ދީފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ބޭއްވި ހަފްލާ އެއްގައި، ސައުދީ ސަރުކާރުން ވަނީ އަޝްހަމް އަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1000 އެމެރިކާ ޑޮލަރާއި އޯޓިޒަމް ކުދިންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހުޅުވާފައިވާ ސެންޓަރުން ސްކޮލަޝިޕެއް ދީފަ އެވެ.
ސައުދީ އަރަބިއްޔާގެ އެހީގައި ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނުން ގާއިމް ކުރި އެ ސެންޓަރުން އަޝްހަމްގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ސައުދީ ސަރުކާރުން ނެވެ. އަދި އެކަން މިހާރު އެ ސެންޓަރަށް އަންގާފައިވާ ކަމަށް ވެސް ސައުދީ އެމްބަސީން ބުނެ އެވެ.
އޭގެ އިތުރުން މިއަދުގެ ހަފްލާގައި އަޝްހަމް އަށް ގުރުއާން ދަސްކޮށްދިނުމަށް އޭނާގެ މައިންބަފައިން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، ހަދިޔާއެއްގެ ގޮތުގައި އެމީހުންނަށް އަގުބޮޑު ދެ ގަޑި ވަނީ ހަދިޔާ އަކަށް ދީފަ އެވެ.
އަޝްހަމް އަކީ އޯޓިޒަމްގެ ވައްތަރެއް ކަމަށްވާ އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ ނުވަތަ ސަމާލުކަން ނުދެވި ވަރަށް ހަލަނިކޮށް އުޅޭ ކުއްޖެެވެ.
ނަމަވެސް ޤުރުއާން ހިތުދަސްކޮށް އަޝްހަމް ކިޔެވި ދޮންދޫނި ޕްރީ ސްކޫލުން އެކަން ފާހަގަ ކޮށްފައިވާ އިރު، އޭނާއަށް ރަސްމީކޮށް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ޤުރުއާނާ ބެހޭ މަރުކަޒުން ނެވެ.
އަދި އަންނަ އަހަރު ތާޖުއްދީން ސުކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަން ތައްޔާރު ވަމުންދާ އަޝްހަމް ދަނީ ރަސްމީކޮށް ހާފިޒު ކަމުގެ ސަނަދު ނެގުމަށް ތައްޔާރު ވަމުންނެވެ.