އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ" ނުވަ މަސް ދުވަހަށް ފަހުން އެ ފިލްމްގެ ތިން ޝޯވްއެއް އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެެވެ.
މިމަހު 30 އިން އަންނަ ޑިސެމްބަރުގެ މަހުގެ 2 އަށް އަޅުވާ އެ ތިން ޝޯވްއަކީ ޝްވެކް ސިނަމާގައި ފިލްމް އެޅުވުމަށް ފަހު ވެސް ގިނަ ބެލުންތެރިން އެ ފިލްމް ބެލުމަށް ޝައުގުވެރިކަން ފާޅުކޮށް އަލުން ފިލްމް އެޅުވުމަށް އެދުމުން އަޅުވާ ތިން ޝޯވް ކަމަށް ފިލްމްގައި ހަރަކާތްތެރިވި ކުޅަދާނަ ބަތަލާ އާއިޝަތު ރިޝްމީ ރަމީޒް ބުންޏެވެ.
"މިހާރުވެސް ފިލްމްގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ލިބިގެންދާނެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ،" އޭނާ ބުންޏެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރާ ކްރައިމް ތްރިލާ އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން ރިޝްމީ އާއި މުހައްމަދު ސައީދެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ވެސްމެ އެވެ.
ފިލްމްގައި ދައްކުވައިދެނީ އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ ޒުވާން އަންހެނެއްގެ ވާހަކަ އެވެ.
ފިލްމް ރިލީޒް ކުރިތާ ނުވަ މަސް ފަހުން "ވިޝްކާ" އޮލިމްޕަހަށް ގެންނަން ނިންމި އިރު މި ފިލްމް ވަނީ މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވެސް ދައްކައިފަ އެވެ.
ދެ ގަޑިއިރާއި 17 މިނެޓްގެ އެ ފިލްމު ބަލާލަން ވަދެ ތިބި އެންމެން ހައިރާން ވާކަހަލަ އެތައް މަންޒަރެއް ފިލްމުން ފެނިގެން ގޮސްފައިވ ާއިރު "ވިޝްކާ" ބަލައިގެން ނުކުތް އެންމެން ވެސް ދަނީ ފިލްމަށާއި ފިލްމުގައި އެކްޓް ކޮށްފައިވާ ތަރިންނަށް ތައުރީފުގެ ބަސްތައް ރައްދު ކުރަމުންނެވެ.
ޔާރާ ޕްރޮޑަކްޝަނުން އުފެއްދި "ވިޝްކާ" އަކީ މި އަހަރު އެޅުވި ދެވަނަ ފިލްމެވެ.
"ވިޝްކާ" ފިލްމް ނުބެލި ތިބި މީހުންނަށް މި ފިލްމް ބަލައިލުމަށް މި ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެކެވެ.