އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވެ، ކްލަބް ގްރީން ސްޓްރީޓަށް ތާވަލުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ އަތުން ގްރީން ބަލިވެފައި ވަނީ 1-4 ގެ ނަތީޖާ އަކުންނެވެ. އެއީ ދެ ޓީމު ވެސް މި ސީޒަނުގައި ލީގުގައި ކުޅުނު ފަހު މެޗެވެ.
އެ މެޗުން ބަލިވުމުން ލީގުގައި ކުޅުނު 14 މެޗުން ގްރީން އަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ނަމަވެސް މިއަދުގެ މެޗު މޮޅުވި ނަމަ އެ ޓީމަށް 18 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނާގައި އޮތް ގދ. ތިނަދޫއަށް ވުރެ ޕޮއިންޓުގެ ގޮތުން ކުރި ލިބި، ހަތަރު ވަނަ މަގާމު ކަށަވަރު ވީހެވެ. މިއަދުގެ މެޗުން މޮޅުވި ޓީސީ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނާގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ގްރީންއިންނެވެ. އެ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުުު ކޮށްދިނީ އަހުމަދު ހަސަނެވެ. ގްރީންގެ އެ ލަނޑާއެކު ޓީސީން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުގެ ނަޝާހް އަހުމަދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ރަނގަޅަށް ފެށީީ ޓީސީންނެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ކޯނެލިއަސް ވަނީ ލަނޑެއް ޖަހައި ޓީސީއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ.
ލީޑު ނެގުމަށް ފަހު ޓީސީން ވަނީ މެޗުގެ ގިނަ ވަގުތު ކުޅެ ބޯޅަ ހިފަހައްޓާފައެވެ. އަދި މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ނަޝާހުއެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދީ މުހައްމަދު އަޖުފާން އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިރޭ ބައްދަލު ކުރާނީ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.