ދުބާއީ (26 ނޮވެމްބަރު) :ގަތަރުގެ ނިއުސް ޗެނަލް އަލް ޖަޒިރާ އަށް ބޮން އެޅުމަށް ދުބާއީގެ ސެކިޔުރިޓީ ޗީފް ލެފްޓިނެންޓް ޖެނެރަލް ދާހީ ކަލްފާން ގޮވައިލައްވައިފި އެވެ.
ދާހީ ކުރެއްވި ޓުވީޓެއްގައި ސައިނާއަށް ހުކުރު ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާއަށް އިޝާރަތްކުރައްވަމުން ވިދާޅުވީ އެ ހާދިސާ ހިނގީ އަލް ޖަޒީރާއަށް އެފަދަ އަމަލުތަކަށް ހިތްވަރުދޭތީ އެވެ.
"އަލް ޖަޒީރާއަކީ އައިސިސް، އަލްގައިދާ އަދި އަލްނުސްރާގެ ޗެނަލެއް. އެއީ ޓެރެރިސްޓުންގެ ޗެނަލެއް، ގުޅިފައިވާ އިއްތިހާދުން އެބަ ޖެހޭ ކޮންމެހެންވެސް އެޗެނަލަށް ބޮން އަޅަން. އަލް ޖަޒީރާއިން މިސްރާއި އަރަބިގައުމުތަކުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާނީ ކިހާ ދުވަހެއް ވަންދެންތަ؟"
جزيرة الارهاب pic.twitter.com/DDqqFXoOHx
— ضاحي خلفان تميم (@Dhahi_Khalfan) November 24, 2017
ދާހީ ވަނީ އުސާމާ ބިން ލާދިން އާއި އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ، މިސްރުގެ ދީނީ އިލްމުވެރިޔާ ޔޫސުފް ގަރަދާވީގެ އިތުރުން ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ހިމެނޭ ގޮތަށް އަލްޖަޒީރާގެ ލޯގޯ ޖަހާފައިވާ ފޮޓޯއެއް ވެސް ޓުވީޓުކޮށްފަ އެވެ.
އަލްޖަޒީރާ އަރެބިކްގެ މެނޭޖިން ޑިރެކްޓަރު ޔާސިރު އަބުހީލަހާ ވަނީ ދާހީގެ ބަހުގެ ހަމަލާތަކަށް ރައްދު ދީފަ އެވެ. ޔާސިރު ވިދާޅުވީ އަލްޖަޒީރާގެ މުވައްޒިފުންނަށް އަމާޒުކޮށްގެންދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ ދާހީ ނަގަން ޖެހޭނެ ކަމަށެވެ.
ދާހީ މީގެ ކުރިން ކުރެއްވި ޓުވީޓުތަކުގެ މައްސަލަތައް ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ. އެގޮތުން އަރަބިން އިޒްރާއިލާ އެއްބައިވެ އިރާނާ ދެކޮޅަށް ނުކުތުމަށާއި އަދި ޔޫއޭ އީން ގަތަރަށް އަރައި އެގައުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ދާހީ ވަނީ ގޮވައިލައްވައިފަ އެވެ.
އަލްޖަޒީރާ