ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ކޮންޓެންޓު ގެނެސްދޭ ކަމަށް ބުނެ ފަލަސްތީނު ސަރަހައްދުތަކުގައި އަލް ޖަޒީރާ ބްރޯޑްކާސްޓްކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ހުޅަނގު އައްސޭރީގައި ހިންގާ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން އަންގައިފިއެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަގާފަތާއި ދާޚިލީ އަދި މުވާސަލާތީ ވުޒާރާތައް ހިމެނޭ ޚާއްސަ މިނިސްޓްރީއަލް ކޮމިޓީއަކުން އަލް ޖަޒީރާ އޮޕަރޭޝަންތައް ހުއްޓާލަން ނިންމީ އޮޅުވާލާ އަދި ހަމަނުޖެހުން އުފެދޭ ކޮންޓެންޓާއި ރިޕޯޓްތައް އުފެއްދުމަށް ބާރުއަޅާ ކަމަށް ބުނެއެވެ.
މީގެ އިތުރުން އަލް ޖަޒީރާއިން ފަލަސްތީނުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށާއި އެހެންވެ ނޫސްވެރިންނާއި މުވައްޒަފުންނާއި ކްރޫ މެންބަރުންގެ ގާނޫނީ ހައިސިއްޔަތާ މެދު އޮތް ސުވާލު ހައްލުކުރެވެންދެން އެ އެންމެން މަސައްކަތްކުރުން ވެސް ވަގުތީ ގޮތުން މަނާވާނެ ކަމަށް ޕީއޭ އިން ނެރުނު ނިންމުމުގައި ބުނެފައިވެއެވެ.
އަލް ޖަޒީރާގެ ބައެއް ނޫސްވެރިން ވަނީ ރާމަﷲ ގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކުރުމުގެ ނޯޓިސް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ ވިދާޅުވީ އަލް ޖަޒީރާ މަނާ ކުރުމަކީ ފަލަސްތީނު ރައްޔިތުން ހައިރާންވާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިއީ ބޮޑު ގޯހެއް ކަމަށް. މި ނިންމުން ވީހާވެސް އަވަހަކަށް އަނބުރާ ގެންދަން ޖެހޭ." ރަމަالله އިން އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ބަރްޣޫތީ ވިދާޅުވިއެވެ.
"ޕީއޭ އިން އަލް ޖަޒީރާއާ މައްސަލައެއް އޮތް ނަމަ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ."
ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހާމަކުރަމުން އަދި އާންމުކޮށް ފަލަސްތީނުގެ މައްސަލަ ޕްރޮމޯޓް ކުރަމުން އަލް ޖަޒީރާއިން އަންނައިރު އެ ނިންމުން އަނބުރާ ގެންދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ވާދަވެރި ފަތަހަ ޖަމާއަތުން އެކުލަވާލާފައި އޮންނަ ޕީއޭ ސަރުކާރުގެ އެ ނިންމުން ހަމާސްއިން ވަނީ ކުށްވެރިކޮށްފައެވެ.
އަލް ޖަޒީރާއާއި ފަތަހައާ ދެމެދު ހިތްހަމަނުޖެހުން އުފެދިފައި މިވަނީ ޖެނިންގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް އެ ޗެނަލުން ގެނެސްދޭ ގޮތުގެ ސަބަބުންނެވެ.
ޕީއޭއިން އަދިވެސް ގެންދަނީ ހަމަނުޖެހުންތައް ކުރިއަށް ގެންދަމުން ކަމަށާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ހަނގުރާމަވެރިން އަދި ސަލާމަތީ ބާރުތަކުގެ މީހުންވެސް އެ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އެ ހަމަނުޖެހުންތަކުގެ ސަބަބުން ޕީއޭ ހިންގަނީ ޔަހޫދީން ޒަޔަނިސްޓުންގެ އެޖެންޑާއާ އެއްގޮތަށް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ ޕީއޭއަށް ފާޑުކިޔަމުންނެވެ.
އިސްރާއީލުންވެސް މީގެކުރިން ވަނީ އަލް ޖަޒީރާ މަނާކޮށްފައެވެ. އަދި އެތައް ފަހަރު އަލް ޖަޒީރާގެ އޮފީހަށް ވަދެ ތަކެއްޗަށާއި ނޫސްވެރިންނަށް ހަމަލާދީ އެތައް ނޫސްވެރިންނެއް ޝަހީދުވެސްކޮށްލައިފައިވެއެވެ.