ސާކް ފިލްމު ފެސްޓިވަލުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ރިޝްމީއަށް

މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލުގައި ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑާއި ގައުމީ ދިދަ އާއެކު ރިޝްމީ ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ ޓްވިޓާ

ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއަށް ލިބިއްޖެ އެވެ.

ކޮލަމްބޯގައި މި މަހުގެ 21 އިން 25 އަށް ބޭއްވި ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ބަތަލާއަކަށް ރިޝްމީ ހޮވުނީ ރާއްޖޭން މިފަހަރުގެ ފެސްޓިވަލުގައި ވާދަ ކުރި ހަމައެކަނި ފިލްމު "ވިޝްކާ" އިންނެވެ.

މިއަހަރުގެ މާޗް 8 ވަނަ ދުވަހު ޕްރިމިއާ ކުރި "ވިޝްކާ" އަކީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ރަވީ ފާރޫގް، ޑައިރެޓް ކޮށްފައިވާ ކްރައިމް ތުރިލާ އެކެވެ. އެ ފިލްމުގައި ލީޑު ރޯލް ކުޅެފައިވަނީ ރިޝްމީގެ އިތުރުން ރަވީ ފާރޫގާއި އަހުމަދު ސައީދެވެ.

"ވިޝްކާ" ޕްރޮޑިއުސް ވެސް ކުރި ރިޝްމީއަށް ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނު އިރު، އޭނާ އަކީ ސާކް ފިލްމު ފެސްޓިވަލުގައި އެ އެވޯޑް މިހާތަނަށް ލިބުނު ހަމައެކަނި ދިވެހި ބަތަލާ އެވެ.

މީގެ ހަތަރު އަހަރު ކުރިން ބޭއްވި ސާކް ފިލްމު ފެސްޓިވަލުގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވަނީ ފެސްޓިވަލުގެ އެންމެ މޮޅު ބަތަލުގެ އެވޯޑް ހޯދާފަ އެވެ. އޭނާ އަށް އެ އަހަރު އެވޯޑް ލިބުނީ، ފެސްޓިވަލުގައި ރާއްޖޭން ބައިވެރިކުރި ދެ ފިލްމުގެ ތެރެއިން ފިލްމު، "އިނގިލި" އިން ނެވެ.

ރިޝްމީ އަށް އެވޯޑް ލިބުމާއެކު އަހުމަދު މަހްދީ ވަނީ ރިޝްމީއަށް މަރުހަބާ ކިޔާފަ އެވެ. ފޭސްބުކްގައި ޖެހި އެ ޕޯސްޓުގައި މަހުދީ ބުނީ، ރިޝްމީއަށް ލިބުނު އެ އެވޯޑާއެކު މުޅި ގައުމާއެކު އޭނާ ވެސް ފަހުރުވެރި ކޮށްދީފި ކަމަށެވެ.

ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތަކަށް ވެސް މީގެ ކުރިން ވަނީ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެ ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު "އިނގިލި"އަށް ބްރޯޒް މެޑަލް ލިބިފައިވާއިރު، 2015ގައި އަލީ ސީޒަންގެ ފިލްމު، "އިންސާނާ"އަށް ވެސް ބްރޯންޒް މެޑެލް ލިބުނެވެ.

comment ކޮމެންޓް