ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވަހީދުއްދީނަށް އަރުވައިފި

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާޑްސް ގާލާ 2017 އިވެންޓްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މަޓާޓޯ އިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެންޑް އެވޯޑު ހަފްލާގައި މަޓާޓޯގެ ފަރާތުންދޭ ހާއްސަ އެވޯޑު "ރިކޮގްނިޝަން ފޯ ލައިފްޓައިމް އެޗީވްމަންޓް އިން ސާވިސް" އެވޯޑު މުހައްމަދު ވަހީދުއްދީން (ޑީން) އަށް އަރުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަދާރަން ސެލެކްޓް، ހުދުރަންފުށި ރިސޯޓުގައި ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެންޑް އެވޯޑު ހަފްލާގައި އެ އެވޯޑު ވަހީދުއްދީނަށް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގާލާ 2017 އިވެންޓްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މަޓާޓޯގެ ފަރާތުން އެ އެވޯޑު ވަހީދުއްދީނަށް އަރުވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމްގެ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ވާހީދުއްދީން އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ނާއިބު ރައީސް އެވެ. އަދި ރައީސް މައުމޫނުގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އަދި އޭރުގެ ނައިބްރައީސް މުހައްމަދު ވަހީދުއްދީން ސަލާމް ކުރަނީ -- ސަން ފޮޓޯ

ވަހީދުއްދީން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ އެންމެ ފުރަތަމަ ކުނރުބާ އައިލެންޑް ރިސޯޓުގަ އެވެ. ކުރުބާ އައިލެންޑް ރިސޯޓުގައި ޕަބްލިކް ރިލޭޝަންގެ މަސައްކަތް ކުރެއްވުމަށް ފަހު ގެސްޓް ރިލޭޝަން އޮފިސަރެއްގެ ގޮތުގައި ވެސް ޓޫރިޒަމް ދާއިރާގައި އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ވަހީދުއްދީން އަކީ، ރާއްޖޭގައި ތިން ވަނައަށް ހުޅުވި ރިސޯޓް، ބަނޑޮސް އައިލެންޑް މޯލްޑިވްސްގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ހިންގުންތެރިއެކެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގާލާ 2017 އިވެންޓްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެމަނިކުފާނަކީ މިހާރު މިދެކޭ ޓޫރިޒަމްގެ ކާމިޔާބީގެ ފަހަތުގައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭސްތިރިއެކެވެ. އިންޓަނޭޝަނަލް ހޮޓެލް ބްރޭންޑްތައް ރާއްޖެ އަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން އެމަނިކުފާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭން ރާއްޖޭގައި 126 ރިސޯޓާއި 459 ގެސްޓް ހައުސް އާއި 11 ހޮޓެލް އަދި 150 ސަފާރީ ހިންގަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ އިރު އެ ދާއިރާ އަކީ ވާދަވެރިކަން ބޮޑު ދާއިރާ އެކެވެ. އެ ވާދަވެރިކަން އުފައްދުމަށް ވެސް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ވަހީދުއްދީންނެވެ.

"ރިކޮގްނިޝަން ފޯ ލައިފްޓައިމް އެޗީވްމަންޓް އިން ސާވިސް" އެވޯޑު ވަހީދުއްދީނުގެ އިތުރުން ރާއްޖޭގެ މައި ދޮރާށި އަދި ފަތުރުވެރިންނަށް ރާއްޖޭން އެންމެ ފުރަތަމަ މަރުހަބާކިޔާ މަންޒިލް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަނީ އެ އެވޯޑު ދީފަ އެވެ.

comment ކޮމެންޓް