މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) އޭ ބުނުމުން ނޭނގޭ މީހަކު ރާއްޖޭގައި މަދުވާނެއެވެ. އޭނާގެ ރީތި ވާހަކަތައް ގިނަބަޔަކަށް ކަމުގޮސްފައި ވާއިރު، މަރީ ލިޔެފައިވާ އަސަރުގަދަ ލޯބީގެ ވާހަކަތަކަށް މީގެ ކުރީން ވަނީ ތަފާތު ފިލްމުތައް ވެސް އުފައްދައިފައެވެ.
ވާހަކަތަކުން ހަމަ ރަގަޅަށް ވެސް ކިޔުންތެރީންނާއި ބެލުންތެރީން މަރީގެ ޖާދޫގައި ޖައްސާލައިފައިވާނެއެވެ. މަރީ އަކީ ވާހަކަ ލިޔުމުގެ ހުނަރުގެ އިތުރުން ޑައިރެކްޓް ކުރުމުގެ ހުނަރު ވެސް ލިބިފައިވާ ފަންނާނެކެވެ.
މަރީގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލް ޑައިރެކްޓް ކުރި "ސިއްރު"ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް މަރީ އަދި މިހާތަނަކަށް ފީޗާ ފިލްމެއް ޑައިރެކްޓެއް ނުކުރެއެވެ. ނަމަވެސް ދެން މާ ލަސްތަކެއް ނުވެ މަރީގެ ފުރަތަމަ ފީޗާ ފިލްމް ފެނިގެންދާނެއެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ ގޮޅާ އައްޔަ
މަރީގެ ފޭނުންނަށް އުފާވެރި ހަބަރަކަށް މި ހަބަރު ވެގެންދާނެއެވެ. އަވައްޓެރި ލަންކާގައި ދިރިއުޅެމުން ގެންދާ މަރީ ބުނީ މިހާރު އޭނާ ކުރަމުން އަންނަ މަސައްކަތަކީ "ތިޔަ ލޯތްބާ ދުރަށް" މި ފިލްމުގެ މަސައްކަތްކަމަށެވެ.
" ފިލްމްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި އެބަ ކުރިއަށް ދޭ. މި މަހު 28ގެ ކުރިން ފިލްމް ޝޫޓް ކުރުމުގެ މަސައްކަތް ނިންމޭތޯ މި ބަލަނީ. ފިލްމުގެ މުޅި މަސައްކަތް ނިންމާލެވޭނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށް. މިހާރުވެސް ފިލްމުގެ 90 އިންސައްތަ މަސައްކަތް ނިމިފައި އޮތީ،" މަރީ ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޝޫޓިން ކުރިއަށް ދަނީ--- ފޮޓޯ/ އެފްބީ
ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެއެވެ.
ފިލްމުގެ ކާސްޓުންނާ މެދު މަރީ ބުނީ ފިލްމުގެ ކާސްޓުންނާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށާއި ހުރިހާ ތަރިންނާ އެކީ ވެސް މަސައްކަތް ކޮށްލަން ވަރަށް ފަސޭހަކަމަށެވެ. އަދި މުޅި ޓީމަކީ ވެސް ވަރަށް ސަޕޯޓިވް ވަރަށް ގުޅޭ ޓީމެއް ކަމަށެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ ގޮޅާ އައްޔަ
ފިލްމު އެއްކޮށް ލަންކާގައި ޝޫޓް ކުރާއިރު ފިލްމުގައި ލަންކާގެ ރީތި އެތައް މަންޒަރުތަކެއް ފެނިގެން ދާނެއެވެ. އަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާގެ މަސައްކަތް ކުރާ އެ ފިލްމުގައި ތީމް ލަވައަކާ ޖުމްލަ ތިން ލަވަ ހިމެނޭކަމަށް ވާހަކަ ލިޔުންތެރިޔާ މަރީ ބުންޏެވެ.
ފިލްމު އަޅުވާނެ ތާރީހެއް އަދި ފައިނަލް ނުވާ އިރު އެ ފިލްމަކީ ވެސް މަރީގެ އަމިއްލަ ވާހަކަ އެއްގެ މައްޗަށް އުފައްދާ މަރީގެ ޑައިރެކްޝަނެކެވެ.
މަރީގެ މަޝްހޫރު ބައެއް ވާހަކަ ތަކުގެ ތެރޭގައި "ސަޒާ، ސިއްރު، މަޖުބޫރު ލޯބި،" ގުރުބާނީ ހިމެނެއެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ އެފްބީ
ތިނެސްކަން ލޯބީގެ މައްޗައް އުފައްދާފައިވާ ފިލްމު ބެލުންތެރީންނަށް ކަމުދާނެ ކަމުގެ ޔަގީންކަން މިހާރުވެސް މަރީދެއެވެ. މަރީގެ ފުރަތަމަ ފީޗާ ޑައިރެކްޝަނަށް ވީނަމަވެސް ބެލުންތެރިން މާޔޫސްކޮށް ނުލާނެކަން ގައިމެވެ.