ނޭނގި ހިތާ ކުޅެލީ -04

ސަވާނާ ފުމެމުން ދުވެގޮސް ލޯމަތިން ގެއްލުމާއިއެކު ލުކުމާން ލިވިއާއަށް ގުޅައިގެން ވާހަކަ ދެއްކިއެވެ.

"އުނަގަނޑާއި ހަމަޔަށްވެސް ފޯރަނީކީ އެއްނޫނޭ. އަހަރެން ވީ އެ ކުޑަ އަންހެންކުއްޖާއާއި އިންނަންތަ؟ ވިލް ދެޓް އިވެން ބީ ލީގަލް؟"

"ތަންކޮޅެއް ކުރުކޮށް ހުރީމަ އޭނަ ކުޑަކުއްޖެއްހެން ހީވަނީ. އެކަމަކު ޝީޒް ޓްވެންޓީ ވަން.. ހީލްސް ހުންނަނީ ކަމަކުއެއްނު ލަވް ޕްލަސް މިއީ ކޮންމެހެން އޭނައާއި އެކު އުޅޭކަށް ކުރާކަމެއް ނޫނޭ. އަހަރެން ކުރިންވެސް ބުނީމެއްނު ނަންނިއާއި ކައިވެނި ކުރިޔަސް ލޫކްގެ ހުރި މައްސަލައަކުން ކައިވެނީގެ އެއްވެސް ރިލޭޝަނެއް ނަންނިއަކާއި ނުބޭއްވޭނެ. ކައިވެނީގެ ފުރަތަމަ ރޭ ލޫކް އެވާހަކަ އޭނަ ކައިރީ ބުނާނީ. ބޭސްކޮށްގެން ފަހުން ރަގަޅުވާންދެން ހުރެދޭށޭ ބުނާނީ. ނަންނި ނުލާހިކު..."

"ސަވާނާ......"ލުކުމާން ކިޔައިލީ އަދި ވަކިން އެމެރިކަން ރާގަކަށެވެ.

"ލައްބަ ލޫކް ޑާލިން. އޭނަގެ ނަމަކީ ސަވާނާ. އެކަމަކު އަހަރެމެން އެންމެން ލޯބިން ކިޔަނީ ނަންނި. ލޫކްވެސް ނަންނި ކިޔާ......."

"އަހަރެން ބޭނުން ނަމަކުން ކިޔާނީ. ކޮންމެ ކަމެއް ލިވީ ބޭނުންވާގޮތަށް ނޫން ނިމޭނީ. ރިމެމްބަރ ދިސް. މިއަދުން ފެށިގެން އަހަރެން އަމިއްލައަށް ހުރިހާ ޑިޒިޝަނެއް ނަގާނީ. މިހާރު މާ މައްޗަށް ދަނީ. ނަމެއް ކިޔަންވިޔަސް ލިވީގެ ހުއްދަ ހޯދަންޖެހޭ އެހެނެއްނޫން ދޯ ވާން ޖެހޭނީ. ސީ ޔޫ ލޭޓާ.." ލުކުމާން ފޯނު ބޭއްވިއެވެ. އަދި ސަވާނާއަށް އިންތިޒާރުކުރަން ފެށިއެވެ. ސަވާނާއާއި ދައްކަންވީ ކޮންވާހަކައެއްކަން ސިކުނޑީގައި ރާވައިލިއެވެ. ލިވިއާދެކެ ނުރުންވެފައި ހުރެވުނީވެސް މާ ވަރަކަށެވެ. ލިވިއާ އޭނަ ލައްވާ ކުރުވަން މިޖެއްސީ ހާދަ ބޮޑުކަމެކެވެ. އެބުނާފަދަ ޑިޕްރެސްޑް އަންހެންކުއްޖެއް ލުކުމާންއަކަށް ނުފެނުނެވެ. ސަވާނާ އޭނައަށް ފެނުނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް މިނިވަން އަންހެންކުއްޖެއްގެ ގޮތުގައެވެ. ފިރިހެނަކު ނުވެގެން އުޅޭހާ ހުތުރު އަންހެންކުއްޖެއްވެސް ނޫނެވެ. ސަވާނާފަދަ މުއްސަދި އަންހެންކުއްޖަކަށް ނުލިބޭނީ ކޯންޗެއް ހެއްޔެވެ؟ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި އިންނާނެ ކިތަންމެ މީހަކުވެސް ވާނެއެވެ. ނަމަވެސް ލިވިއާ ސަވާނާގެ އިމޭޖް ކުރަހާލަދިނީ މުޅިން ތަފާތު ގޮތަކަށެވެ.

ސަވާނާ ޗަކައިން ފޯވެފައިވާ ހެދުންތައް ހެދުން ވަށިގަނޑަށްލާފައި ޝަވަރަށް ދޫކޮށްލާފައި އޭގެ ދަށުގައި ހުއްޓުނެވެ. ބޮޑީޝޮޕްއިން ފެންވަރައިލުމަށްފަހު އަވަހަށް ފެން ހިއްކާލައިގެން ޑެނިމް ޖިންސަކާއިއެކު އަތްދިގު ރަތްކުލައިގެ ޓީޝާޓެއްލައިގެން އަތުން އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ. ލިޕްގްލޮސްކޮޅެއް ތުންފަތުގައި ހޭކިއެވެ. އެހުރިހާކަމެއް ކުރިއިރު ހިތް އަވަސްވެފައި ހުރިވަރުން އެއްޗެހި ބިމަށްވެރި އަތް ރޫރޫއެޅިއެވެ. ހާސްކަންވަނީ އޭނަ ވަށާލާފައެވެ. ލުކުމާން އިންތިޒާރުގައި އިންނާނެކަން އެނގޭތީ ވީހާވެސް އަވަސްކުރަން ތެޅެން ހަދައިގެން ދުވަހަކު ނުވާކަހަލަ ކަންތައް ހިނގިކަން ފާހަގަކުރެވި ސަވާނާއަށްވެސް މަޖާވިއެވެ. އޭނަ ތައްޔާރުވެ ނިމުނުއިރު ލުކުމާންގެ ކުރިމައްޗަށް ދާން ފަސްޖެހުނެވެ. ލޯގަނޑުކުރިމަތީގައި ހުއްޓުނުގޮތަށް އިރުގަނޑެއް ކުރިން އެހިނގި ހާދިސާ އޭނައަށް ފެނިލީ ފިލްމެއްގެ މަންޒަރެއްހެން ލަސްލަހުންނެވެ. ކަންބޮޑުވުމާއިއެކު އިނގިލީގައި ދަތްއަޅާލެވިއްޖެއެވެ. ސަވާނާ އެހާލުގައިވެސް ލުކުމާން ކައިރިއަށް ދާން މަޖުބޫރުވިއެވެ.

ބޭރަށް ނުކުތްއިރު ލުކުމާން ހުރީ ފޯނެއްގައެވެ.

"ޔެސް؟ " ލުގުމާން ފޯނު ޖީބަށް ލާފައި އެހިގޮތުން ހީވީ ކަމަކު އެދިގެން އުޅެނީ ސަވާނާހެންނެވެ. ސަވާނާ ދެލޯ ބޮޑުކޮށްގެން ހުރީ ގާވެފައިވާ ބުދެއްހެނެވެ.

"އޯކޭ. އަހަންނަށް އެނގޭ ސަވާނާ ތިހިރީ މިގޮތަށް އަހަރެން އައީމަ ހަމަ ޝޮކެއްގައިކަން. އައިކެން އަންޑަސްޓޭންޑް. އަހަރެން ނެތިން ސަވާނާއާއި ރައްޓެހިވާން އަހާކަށް. ސަބަބަކީ ލިވިއާ އަހަންނަށް ސަވާނާގެ މަންމަގެ ދީންވެރިކަމާއި ބެހޭގޮތުން ކިޔާދީފައިވާތީ. މަންމަ އަހަރެމެން ރައްޓެހިވެގެން ގުޅިގެން އުޅެން ނޭދޭނެޔޯ. އެއީ އަހަރެންވެސް އެހާ ސަޕޯޓްކުރާކަމެއްނޫން. ވީހާވެސް އަވަހަށް ކައިވެނީގެ ގޮތުން ގުޅެން ބޭނުމީ. ސޯ އަހަންނަށް މިސާލަކަށް ސަވާނާ ކަމުދަންޏާ އަދި ސަވާނާ އަހަންނާއި ގަބޫލުކަމަށްވަންޏާ ވައި ވެއިޓް؟ ހަމަ މެރީކުރަންވީ. ކީކޭ ސަވާނާ ބުނަނީ؟ ސަވާނާ ބޭނުމިއްޔާ މަންމަމެންގެ އޮޕީނިއަން އެއް ހޯދާ އަހަރެން ޑެޑްލައިނެއްވެސް ދޭނަން. މިއަދުންފެށިގެން ދިހަ ދުވަސްތެރޭ އަހަރެން ބޭނުމީ މެރީކުރަން. އޯކޭ؟ ވެލް........އަހަންނަށްވެސް ނޭގޭ އަހަންނަށް މިހިސާބަށް އާދެވުނުގޮތެއް. ނޫނީ މިއީ އެންމެ ރަގަޅުކަމެއްކަންވެސް؟ " ލުކުމާން އެހުރިހާ ވާހަކަތަކެއް ދައްކާ ނިމުނުއިރު ސަވާނާގެ ނިތްކުރިން ދާތިކިތައް ވިދާލައިފިއެވެ.

ތަގުދީރުގެ މި ރޭވުމާއި ސަވާނާ ހުރީ ހަމަ އަޖައިބުވެފައެވެ. އޭނަ އަކީ މީގެ ކުރިން ދުވަހަކުވެސް ފިރިހެންކުއްޖަކު ރައްޓެހިވާން އެހި ކުއްޖެއްނޫނެވެ. އެހެން އަންހެންކުދިން ފަދައިން އެކަމާއި ވިސްނާ އުޅުނު ކުއްޖެއްވެސް ނޫނެވެ. އޭނަ އުޅުނީ އެހުރިހާ ކަންތަކުން ހުސްވެ ކުޑަކުދިންނާއިއެކު ސަކަރާތް ޖެހުމުގައެވެ. އޭނަ އެހެން އުޅޭތީ ލިވިއާފަދަ ގާތް އެކުވެރިންވެސް އެހެން ކިޔާއުޅެއެވެ. ދުވަހަކު މީހަކާއި ނީންނާނަންތޯ ސުވާލުކުރެއެވެ. ސަވާނާ ޔަގީންކުރަނީ އޭނަ ހުންނާނީ ހުހަށްކަމުގައެވެ. ނަމަވެސް ލުކުމާން ފެނުމާއިއެކު އޭނައަށް ޔަގީންވީ އެއީ އޭނަގެ ހަޔާތަށް ބައިވެރިޔަކު އަންނާނެނަމަ އެމީހަކު ހުންނާނެ ހުރިހާ ސިފަތައް އެކުލެވޭ މީހެއްކަމެވެ. އެހާ އަޅައިގަންނަ ގޮތެއް ހުރި ޒުވާނެއް ސަވާނާ އަދި ދެކެފައެއްނެތެވެ. އަދިވެސް ސަވާނާގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. ލުކުމާންއައިހެދި އޭނަ ހިތުގެ ބަލިމީހަކަށްވެސް ވެއްޖެއެވެ.

"ބުނެބަލަ. ސަވާނާ ޖަވާބެއް ނުދޭނީތަ؟ " ލުކުމާން ދެވަނަ ފަހަރަށް ސުވާލުކުރިއެވެ.

"މަންމައަށް އެނގޭނީ...." ސަވާނާ ޖެހިލުންވެފައި ހުރެ ރަކި ހިންޏަކާއިއެކު ބުނެލިއެވެ.

"ތިހާ ބޮޑު ކުއްޖެއްވެސް. އޯކޭ މަންމަ ކައިރިން އަހާލާފައި ޖަވާބެއް ދީ. މިއޮތީ އަހަރެންގެ ނަމްބަރު. މާދަން ޖަވާބެއް ދޭންވާނެ. އޭރުން ދިހަދުވަސްތެރޭ މެރީ ކުރެވޭނީ ދޯ......" ލުކުމާން ސަވާނާއަށް ފޯނު ނަމްބަރުދިނެވެ.

ލުކުމާން މަޑުކޮށްނުލާ ދާން ހިނގައިގަތުމުން ސަވާނާ ހުރީ ބަލާށެވެ.

އޭނައަށް ލުކުމާންއާއިމެދު ކަންތައް ކުރެވުނީ ރަގަޅަށް ނޫންކަން ވިސްނުމާއިއެކު ސަވާނާ ލަދުން މަރުވާވަރުވިއެވެ. ކޮޅަށް ހުރެ ވާހަކަދެއްކިއިރު ފެންފޮދެއް ހާ މިންވަރު ދިއްކޮށްލާކަށްވެސް ނުކެރުނެވެ. މިހާވަރުގެ މެހުމާންދާރީއެއް އެހެން މީހަކު އަދާކުރާނެކަމެއް ނޭގެއެވެ. އަމިއްލަ ނަފުސް ކުށްވެރިކުރަމުން ސިޓިންރޫމަށް ވަދެފާ ކައުޗްގައި އޮށޯވެލިއެވެ. ދެފައި މައްޗަށް އަރުވާލައިގެން އިރުކޮޅެއްވާންދެން އޮވެލާފައި ލޫކް ޖަހާފައި އެ ނަން ސޭވްކޮށްލައިފިއެވެ. އެންމެ ކުރިންވެސް ބެލުނީ ވައިބާ ނޫނީ ވަޓްސްއަޕްކަހަލަ އެއްޗެއް ބޭނުންކުރާތޯއެވެ. ފޭސްބުކްއިންވެސް އެނަން އެކިގޮތްގޮތަށް ޖަހައިގެން ހޯދާލެވުނެވެ. ކޮންމެ ގޮތެއްވިޔަސް އެނަން ވެސް ހިތުގައި އަޅައިގެންފިއެވެ. ނަމަވެސް ހިތުގައި އަތްލެވުނުއިރު ހިތް އާއްމު ހާލަތަށް އެޅިއްޖެއެވެ. އަތްފައިގެ ފިނިކަން ވެސް ކުޑަވެލައިފިއެވެ.

ސަވާނާ ހަމަޖެހިލައިގެން އިނދެ ލިވިއާއަށް ގުޅިއެވެ. ލުކުމާން އޭނައާއި ބައްދަލުކުރަން އައި ވާހަކަ ބުނެލައިފިއެވެ.

"ލޫކް ކިހިނެއް؟ ރީތިތަ؟ ހަމަ ފެއިންޓްވެއްޖެ ދޯ. ބިންމަތިން ނަގަންވެސް ޖެހުނީ ލޫކްކަން ޔަގީން.. އަންހެންކުދިން ވަރަށް ވަރުވެއޭ އޭނަ ފެނުނީމަ.." ލިވިއާ އިނީ މަޖާވެފައެވެ.

"ނޫނޭ.. ދެން ލިވީ ތިހީކުރި ގޮތަކަށް ނޫން އެކަން ދިޔައީ. އަހަރެން އޭނަ ގެއަށް ވަންނާކަށްވެސް ދައުވަތެއްނުދެން. ފެންޑާގައި ތިބެ ވާހަކަދައްކާލާފައި އޭނަ ޕްރޮޕޯސްކޮށްފައި ހިގައްޖެ. މާދަމާއަށް ޖަވާބު ބޭނުމޭ. އަހަންނަކަށް ނުކެރޭނެ މަންމަ އަދި ބައްޕައާއިވެސް ކައިވެނީގެ ވާހަކަދައްކާކަށް. ފޯ ގޯޑްސް ސޭކް އަހަރެން ކިހިނެއް އެންމެ ދުވަހަކުން އެހާ ބޮޑު ކަމެއްގައި ގޮތެއް ނިންމާނީ. އަދި އަހަރެންގެ އަމިއްލަ ނަފުސަށްވެސް ގަބޫލެއްނުކުރެވޭ. އެހާވަރުން މީހަކު އުޅެފާނެކަމަކަށް. އަދި ކުއްލިއަކަށް މީހަކު މެރީކުރަން އަހާފާނެކަމަށް. އިޓްސް ސޯ އަންރިއަލް ދޯ. ދިސް ޑަޒަންޓް މޭކް ސެންސް..." ސަވާނާގެ ހިތާއި ސިކުނޑިވެސް އެދެނީ ވީހާވެސް އަވަހަކަށް ލުކްމާންގެ އަންބެއްގެ މަގާމުގައި ވުމަށެވެ. މިވަގުތުކޮޅުވެސް ވާނެ ނަމަ އެންމެ ރަގަޅެވެ. ނަމަވެސް ހީވަނީ ހަމަ ރީތި ހުވަފެނެއްގައި އުޅެވޭހެންނެވެ. ހަގީގީ ދުނިޔެއެއްގައި މިކަހަލަ ކަންތައްތަކެއް ނުހިނގާނެއެވެ.

ނަމަވެސް ބައެއްފަހަރު މީހުންގެ ހަޔާތަށް އަންނަ ބޮޑެތި ބަދަލުތަކުން ހައިރާންވާހާވެއެވެ. ސަވާނާ ކިތަންމެ މުއްސަދި ކުއްޖަކަށްވިޔަސް ދިރިއުޅުންދިޔައީ ދޮންމަންމަމެންނާއިއެކު އާދައިގެ ކޮށެވެ. ޑިޕްރެޝަންއަށް ފަރުވާކުރާ ހިސާބަށް ގޮސްފައިވެސް ނަސީބަކުން ރަގަޅުވިއެވެ. ކިޔެވިއިރުވެސް ދިރިއުޅުމުގެ ދުވަސްތައް ގުނަން ޖެހުނީ ވަރަށް އެއްގޮތަކަށެވެ. އެހާ ތަފާތެއް ނާދެއެވެ. ނަމަވެސް އަބަދުވެސް ހިތްވަރަކީ އާއިލާގެ ކުދިންތަކެވެ. އޭނަ މޮޔަނުވެ ހުންނަނީވެސް އެހެންވެއެވެ. އެކުދިންނާއިއެކު ކުޅެ ސަކަރާތްޖަހާ ހެދުމުން ސިކުނޑިއަށް ލުއިވެއެވެ. ވަޒީފާއަކަށް ދާންފެށީ ދިރިއުޅުން ތަފާތުކޮށްލުމަށެވެ. ވަޒީފާއާއިއެކު ހަޔާތަށް އަންނަން މިއުޅޭ ބޮޑު ބަދަލު އަދިވެސް ހިތަށް ނަގައިނުގަނެވިގެން އުޅެނީ އެހެންވެއެވެ.

"އައި ކެން ހެލްޕް. އެބަދަން ތި ގެއަށް....." ލިވިއާ ހުށަހެޅިއެވެ.

"ނޫން. ލިވީ އަތުވެއްޖެއްޔާ މަންމަގެ ސުވާލު މާގިނަވާނެ. އެންމެރަގަޅުގޮތަކީ ލުކުމާންއަކީ އަހަރެން އޮފީހުގެ އިސް ވަޒީފާއަކަށް ހޮވާފައި ހުރި ކުއްޖެކޭ ބުނެފިއްޔަ. ބޮޑުދައިތައެއްގެ ކައިރީވެސް ބުނެފިން އަހަރެންގެ ޕާސަނަލް އެސިސްޓެންޓޭ....."

"އޯ...." ލިވިއާއަށް އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

އޭނަގެ ދުޢާއަކީ ވީހާވެސް އަވަހަށް އެކައިވެނި ވުމެވެ. ނަމަވެސް ލުކުމާންއާއި ބެހޭގޮތުން ދޮގުހެދިކަން އެނގިއްޖެއްޔާ ނަބީލާ ހާދަ ރުޅިއެއް އަންނާނެއެވެ. އަދި އޭނަގެ އަތެއްވާކަން އެނގުނަސް ބޮޑު މައްސަލަގަނޑެއް ހިލިދާނެއެވެ. އެކަންތައް ފޮރުވާފައި ބޭއްވިއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ. ކައިވެންޏަށްފަހު ލުކުމާން ސަވާނާގެ އޮފީހަށް ވެރިވަނިކޮށް އެނިމުނީއެވެ. އެތަނަށް ބައިވަރު ފައިސާ ވަންނާނެތާއެވެ. ލުކުމާންގެ އަތްމައްޗަށް އަރާ ފައިސާގަނޑުން ލިވިއާއަށްވެސް ޚަރަދުކުރެވޭނެއެވެ. ނޫނީ ސިއްރު އަންބެއްގެ ގޮތުގައި ހުންނާކަށްވެސް އޭރުން އޭނަގެ އެއްވެސް އިއުތިރާޒެއް ނޯންނާނެއެވެ. އޭނަ ބޭރު ގައުމެއްގައި ބަހައްޓާފައި ލުކުމާން ދޭތެރެއަކުން އޭނަގެ ކައިރިއަށް ޖައްސައިލާނީއެވެ. އެކިގޮތްގޮތަށް ޚިޔާލުކުރިވަރަކަށް ލިވިއާގެ އުފާވެރިކަން އިތުރުވިއެވެ. އޭނަ އުޅޭ އޮފީސްކުދިންވެސް އޭނަ ކަންނެތްކަމުންނާއި ވަޒީފާއަށް ސަލާމް ބުނާވަރުން ފޫހިވެގެން އެއްޗެހި ގޮވައެވެ. ސިއްރުން މަލާމާތްކުރެއެވެ. އޭނަ މުއްސަދި ބައިވެރިޔަކު ހޯދައިގެން އެހެން ތަނަކަށް ބަދަލުވީމަ އެމީހުންނަށް ހާދަ އަސަރެއްކުރާނެއެވެ. ފޭކް އެއްޗެހީގެ ބަދަލުގައި އޭރު އޭނަ ގެންގުޅޭނީ އޮރިޖިނަލް ބްރޭންޑްގެ ސާމާނެވެ. ސަވާނާއާއި އެކު ދިރިއުޅެގެން އޭނަގެ މުޅި ހަޔާތްވެސް ބަދަލުކޮށްލާނެއެވެ.

ރޭގަނޑު އިޝާ ނަމާދަށްފަހު ސަވާނާ ކާ ބަޔަށް ދިޔައިރު މަންމަ ތަށިތައް އަތުރަން މޭޒުކައިރީގައި ހުއްޓެވެ. ސަވާނާ ބޭނުންވާ ގޮތަށް މިރެއަށް ހުރީ ހިކިމަހުން ތައްޔާރުކޮށްފައި ހުރި ސްޕެގެޓީއެވެ. ތަށީގެ މަތި ހިއްލާލާފައިވެސް ސަވާނާގެ ކުޅު ދިޔާވިއެވެ. މޭވާ ޓުކުރިން މޭބިސްކަދުރު ކޯނިކޮޅެއް ނެގުމަށްފަހު ސަވާނާ އިށީނެވެ. މަންމަ އާދައިގެ މަތިން އެންމެ ކުރިންވެސް އެހީ ނަމާދުކޮށްފިންތޯއެވެ. މަންމަ އޭނައާއި ދޭތެރޭވެސް ދެކެނީ ކުޑަކުއްޖެއްގެ ކަމުގައިކަން އެވަގުތު ސަވާނާއަށް އިހުސާސްކުރެވުނެވެ. ބޮޑުމީހުން ކައިރިން މީހުން ކުރާ ސުވާލެއްވެސް ނޫންތާއެވެ. ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔަވަން މަންމަ ނަސޭހަތްދިނެވެ. މިދުނިޔެއަކީ ވަގުތީ ހިޔަލެއްކަން ފަހަރެއްގައިވެސް ހަދާން ނައްތާނުލުމަށާއި ކޮންމެ ވަގުތަކުވެސް ލޯމަރާލަން ޖެހިދާނެކަމަށް ބުނުމުން ސަވާނާ ކުޑަކޮށް ހާސްވިއެވެ.

"އޯކޭ މަންމާ. މިރޭ ބައްޕަ ހާދަ ލަހުން ދުރުވަނީ؟ "

"ބައްޕަގެ ބަދަލުގައި ބޮޑުދައިތައެއް ނު މިހިރީ...." އިމާދުއްދީންގެ ކޮއްކޮ އަމީނާ ވަދެފައި ގޮނޑިއެއް ދަމާލައިގެން އިށީދެ ލާނެތް ނަޒަރަކުން ސަވާނާއަށް ބެލިއެވެ.

"ނަންނި މިއަދު ހާދަ ރީތި ފިރިހެންކުއްޖަކާއިއެކު ޑޭޓަށް ދިޔައީ. އެވެސް އަދި ދޮރުމަތީ ބަހައްޓައިގެން. އޮފީހަށް އެހާވަރުން ދާން އުޅުނީ މާ ހެންޑްސަމް ޕީއޭ އެއް ނަގައިގެން ދޯ. ކޮންއިރަކު ދައްތަމެންނާއި އެ މިސްޓީރިއަސް ބޯއިއާއި ބައްދަލުކުރުވާނީ..." އަމީނާވެސް މޭބިސްކަދުރުކޮޅެއް ނެގިއެވެ. ލަސްލަހުން ކާންފެށީ ކޮންމެ އެތިކޮޅެއްގެވެސް މީރުކަން ރަގަޅަށް އަރުތެރޭގައި ލައްވާލަމުންނެވެ.

"ވެލް......" ސަވާނާ ރަކި ހިނިގަނޑެއްޖަހައިލިއެވެ. އެކަމުން ނަބީލާއަށްވެސް ސިހުމެއް ލިބުނެވެ. އޭނަގެ ދަރިފުޅު ފިރިހެނަކާއި ހިތާވެގެން ގެއަށް ގެންނަން ފެށިކަމެއް މަންމަގެ ހައިސިއްޔަތުން ނޭގުނެވެ. އެއީ ވެގެންވާނެ ކަމެއްނޫނެވެ. އަންހެންދަރިންނަކީ މީހަކާއި އިންނަން ދެން މަންމަގެ ބެލުމުގެ ދަށުން ނިކަން ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ ބަޔެކެވެ. ކައިވެނީގެ ދުވަހާއި ހަމަޔަށް އެފަދަ ރަގަޅަށް ބެލެހެއްޓިއްޖެ މަންމައަކު ފަޚުރުވެރިވާނެއެވެ.

"ތެދެއްތަ ސަވާނާ؟ " ނަބީލާ އިށީނީ ސަވާނާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އެއީ އިމާދުއްދީންވެސް އެތަނަށްވަދެ އެމީހުން ދައްކާ ވާހަކައެއް އޮޅުންފިލުވަން ސުވާލުކުރި ވަގުތެވެ. ބައްޕައާއި ހަތަރުކަޅިހަމަކޮށްލަން އުދަގޫވެ އިސްޖަހައިލެވުނު ވަގުތެކެވެ. ލުކުމާންގެ ސަބަބުން އޭނަ މިވަނީ ކޮންފަދަ އުދަގޫ ހާލަތަކަށް ވެއްޓިފަހެއްޔެވެ؟ ބައްޕަމެން ކައިރީ ލުކުމާންގެ ވާހަކަދެއްކުމަށްވުރެ މަރުވުންވެސް މާރަގަޅެވެ. އޭރު މަންމަގެ ނުރުހުމުގެ ނަޒަރުވެސް ވަނީ އޭނައަށް ހުއްޓިފައެވެ. މަންމަގެ ސިކުނޑީގައި އެތައް ސުވާލުމާކްތަކެއް ޖެހިފައިވިއެވެ. އެކަން ހައްލުކޮށްދިނީ ބޮޑުދައިތައެވެ.

"ފާރުގައި ކަންފަތް ހުރެއޭ ބުނެއުޅެއެއްނު. އަމީދައްތައަށްވުރެ ކުރިން ވިހެއީ ކަންފަތްކަން ނޭގޭ. އެހެންވެ އެހާ ތޫނީ. އެނީވޭސް އަމީދައްތަ ސިޓިންރޫމްގައި އިންއިރު ދެކެވުނުހާ ވާހަކަތައް ރީއްޗަށް އިވުނު. އެ ޒުވާނާ ނަންނިގެ ކައިވެންޏަށް އަހާފައި އެދިޔައީ. މާދަން ޖަވާބެއް ބޭނުމޭ. މަންމައާއި ބައްޕައާއި ވާހަކަދައްކާފައޭ ނަންނި ބުނީ އެހެންނު. ބަލާބެލުމަށް ތައުލީމީ ޒުވާނަކާއި ވައްތަރު. ހަރު ސީރިޔަސްގޮތެއް ހުރި. ހަމަ ވަރަށް ޑީސެންޓް ޒުވާނެއް. ނަމަވެސް އެހާ އަވަސް އަރުވާލައިގެން އުޅެނީ ކީއްވެބާވައޭވެސް ހިތަށް އެރި......." އަމީނާ ހިނިތުންވެލައިގެން އިނދެ ދެއްކި ވާހަކަތަކުން އިމާދުއްދީންއާއި އެއްވަރަށް ނަބީލާއަށް ޝޮކެއް ލިބި ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ތިބެވުނެވެ.

"އެއި ތެދެއްތަ ނަންނި؟ " އިމާދުއްދީން ސުވާލުކުރިއެވެ.

"ލައްބަ ބައްޕާ.. އަޅުގަ...އަޅުގަނޑު. އެއްގޮތަކަށްވެސް ހިޔެއްނުކުރަން އޭނަ އެގޮތަށް އެހާ އަވަހަށް މެރީ ކުރަން........" ސަވާނާ ހާސްވިވަރުން ވާހަކައެއް ނުދެއްކުނެވެ. ސަވާނާ އަތްދިއްކޮށްލާފައި ފެންތަށި ނަގައިގެން އެއްނޭވައިން ހުސްކޮށްލިގޮތުން އޭނަ ހާސްވެފައިވާ ވަރު ކޮންމެމީހަކަށްވެސް ލަފާކުރެވޭނެއެވެ. ނިތްކުރީގައި ދާތިކިތައް އެތުރިފައި ހުރީ ކުދި މުތީތަކެއްހެންނެވެ. ސަވާނާގެ ޅަކަމާއި މައުސޫމްކަން ކުއްލިއަކަށް އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. ލަދުވެތިކަން އެ އަންހެންކުއްޖާގެ މިޒާޖު ބަދަލުކުރުވީ ހީނުކުރާހާވަރަށެވެ. އިމާދުއްދީން ދަރިފުޅުގެ މޫނަށް އިރުކޮޅެއްވާންދެން ބަލަންއިންއިރު ކޮންމެވެސް ވަރަކަށް އެހިތުގައިވާ އެއްޗެއް ދެނެގަނެވިއްޖެއެވެ. އޭނަ ކިތަންމެ ޅަކޮށްގެން އުޅުނަސް ސަވާނާ ޒުވާންވެ މީހަކާއި އިންނަވަރުވެއްޖެއެވެ. އަބަދަށް ޅަ ކުއްޖެއްގެ ގޮތުގައި ސަވާނާއެއްވެސް ނުހުންނާނެއެވެ. އުމުރުން އެކާވީސް އަހަރުވުމަށްފަހު ހަޔާތުގެ ބައިވެރިޔަކު ހޮވިޔަސް އެކަމާއި ދެކޮޅަށް އޭނަ ބުނާނެ އެއްޗެއް ހުރިކަމަކަށް ނުދެކުނުތާކައި އެކުއްޖާގެ ހުވަފެންތައް ހަގީގަތަކަށް ހަދާދޭނެ ބައްޕައަކަށް ނޫނީ އޭނަ ނުވާނެއެވެ.

"ބައްޕަ ބޭނުން އެއީ ކާކުކަން އެނގެން. ބައްދަލުކޮށްލަން. ކޮން އާއިލާއެއްގެ ކާކުކަމެއް ނޭގި ހުރި އެންމެ އަންހެންދަރިފުޅު ފިރިހެނަކާއި ހަވާލެއް ނުކުރެވޭނެ. މާދަން ރޭގަނޑު ކެއުމަށް ދައުވަތުދީ. ކިރިޔާވެސް ކަމުދާ މީހަކަށްވެއްޖެއްޔާ ހަމަ ވީހާވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމަންވީ. ބައްޕަ ފަހަރެއްގައިވެސް ނަންނިގެ ޗޮއިސްއަކާއި ދެކޮޅުހަދާކަށް ނެތިން ނަމަވެސް އެއީ ރަގަޅު މީހަކަށް ވާންވާނެ ދޯ........." އިމާދުއްދީން އޭނަގެ ޚިޔާލު ފާޅުކުރިއިރު ނަބީލާއިނީ އިސްޖެހިފައެވެ.

"އެއީ ސަވާނާގެ ޕީއޭތަ؟ " ނަބީލާ އޮޅުން ފިލުވަން އުޅުނެވެ.

ސަވާނާ ބޯ ޖަހައިލިއެވެ. މިކަހަލަ ދޮގެއް ހަދަންވީމަ ކަންބޮޑުވިއެވެ. ނަމަވެސް އޭނައަށްވަނީ އެދޮގުހެދިފައެވެ. ދޮގެއް ހަދައިފިއްޔާ އެދޮގު ފޫބައްދަން ކިތަންމެ ގިނަ ދޮގެއް މަތިމައްޗަށް ބުނަން ޖެހިދާނެއެވެ. އެންމެ ރަގަޅެވެ. އެއީ ސީދާ ދޮގަކަށްނުވެ ހިނގައިދާނެއެވެ. އޭނަ ހުރީ އެމަގާމަށް ލިވިއާ ގެންނާށެވެ. ނަމަވެސް މިވީގޮތުން މާދަމާއިން ފެށިގެން އޭނަގެ ޕީއޭއަކަށް ލުކުމާން ގެނައީމަ އެއީ ދޮގަކަށް ނުވާނެ ނޫންހެއްޔެވެ؟ އޭނަ ލުކުމާންއަށް ގުޅައިގެން އެކަން ހައްލުކޮށްފާނެއެވެ. ޕީއޭގެ ގޮތުގައި މަސައްކަތްކޮށްދޭން ހުށަހަޅާފާނެއެވެ. ނޫނީ އެއަށްވުރެ މަތީ މަގާމެއްވެސް ދެވިދާނެއެވެ. ލުކުމާންއަކީ ނުކިޔަވާހުރި މީހެއްކަމަކަށް ސަވާނާ ގަބޫލެއްނުކުރެއެވެ. ސަވާނާގެ ކައިރިން މަންމަ އެހެން ސުވާލުތައްވެސް ކުރިއެވެ. މިސްކިތަށް ގަވައިދުންގޮސް ދީނީކަންތައްތަކަށް ފަރުވާ ބަހައްޓާތޯ ވެސް އެހިއެވެ. ކިޔަވައިގެން ހުރި ފެންވަރު އެހުމުން ވިސްނާލާފައި ބުނީ މެނޭޖްމެންޓުން ޑިގްރީ ހަދާފައިވާކަމުގައެވެ. އިމާދުއްދީންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. އަމީނާ ބޭނުންވީ އެންމެ ކަމެއް އެނގުމަށެވެ. ކާކުގެ ދަރިއެއްކަން އޮޅުން ފިލުވަންވެގެން ވަރެއްވިއެވެ. އަދި މާލޭގެ ގެދޮރުހުރޭހެއްޔޭވެސް އަހައިލިއެވެ. ކޮންމެ ސުވާލަކަށް ސަވާނާ ދިނީ އެންމެން ރުހޭ ކަހަލަ ޖަވާބެކެވެ. އެއްވެސް ޔަގީންކަމެއް ނެތަސް އޭނަ ލުކުމާންއާއި ދޭތެރޭ ދެކުނުގޮތް އާއިލާ މީހުނަށް ހާމަކޮށްދިނެވެ.

ލުކުމާން އޭނަގެ ބައްޕަގެ ކުޑަ ކެފޭއަށް ވަން އިރު މިރޭ މީހުން ތަންކޮޅެއް މަދު ރެއެކެވެ. އޭނަ ކުޑައިރުއްސުރެން ބައްޕަ ކުރަމުން އައި މަސައްކަތް މިވީހާތަނަށްވެސް ހުއްޓުމެއްނެތި ކުރަމުން އައީ ލުކުމާންއާއި އާއިލާގެ ހައްގުގައެވެ. އެތަނުން ލިބޭ އާމްދަނީ އިން ކިރިޔާ ގޭގެ ޚަރަދުތައް ބެލެހެއްޓޭކަމެވެ. ލުކުމާންއަށް މަތީ ތައުލީމު ހާސިލުކުރަން އެއަކުން މާބޮޑު ފައިދާއެއް ނުކުރިޔަސް ބައްޕައަށް ވެވޭވަރަކުން އެހީތެރިކަން ފޯރުވާދެމުން އައިސް މިއަދު މިވަނީ ދަރިފުޅުގެ އެހީތެރިކަމާއި ޚިދުމަތަށް ބައްޕަ ބޭނުންވާ ހިސާބަށް ގޮސްފައެވެ. ލުކުމާން ކިޔަވަން ހުރިއިރު ޗުއްޓީގައި އައުމަށްފަހު ބައެއްގަޑީގައި ބައްޕައަށް އެހީވާން ކެފޭގައި ސަޔާއި ކޮފީ ހެދުމުގައި އަވަދިނެތި އުޅުމުގެ އިތުރުން ވެއިޓަރެއްފަދައިން މަސައްކަތްކުރުމަކީ ޖެހިލުންވިކަމެއްނޫނެވެ. އެތަނަށް އަންނަނީ ފިރިހެނުންކަމުން ސިގްރެޓް އަދި ޝީޝާބުއިމުގެ ކަންތައްވެސް އެހާ ބޮޑެވެ. އެކުޑަ ކުޑަ މާހައުލުގައި ވަނީ ސިގްރެޓާއި ކޮފީގެ ވަހެވެ. ޚުދު ބައްޕަވެސް ހުންނަނީ ސުއްޓާ އަދި ދުންފަތަށް ދެވިހިފާފައެވެ. އޭގައި ހުރި ނުރައްކާ ބުނެދިނަސް ބައްޕައަށް އިވޭކަމަކަށް ނުވެއެވެ.

"މިރޭ މިތަން ހާދަ ފަޅޭ ބައްޕާ...." ލުކުމާން ކައުންޓަރުގައި އަތްއަޅުވައިލިއެވެ. ދެތިން ބިދޭސިން ނޫނީ އެތަނުގައި އިތުރު ބަޔެއް މިރޭ ނެތެވެ.

"އާން ލުގުމާން. މި ދުވަސްކޮޅު ތަންކޮޅެއް މީހުންމަދުކޮށް މިއުޅެނީ ކައިރީގައި އިތުރު ކޮފީވިއްކާތަނެއް ހުޅުވާލީމަ...." ލުގުމާންގެ ބައްޕަގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލުކުމާން ބައްޕައަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ސާފުކުރަންފެށިއެވެ. ބައްޕައަށް އޭނަގެ ހަގީގަތް އަންގައިދޭންވީ ވަގުތުޖެހުނީ ބާވައޭ ހިތަށް އަރާފައިވެސް ހިމޭންވިއެވެ. ވަޒީފާއެއް ނުލިބެނީސް ބައްޕައަށް އެކަމުން ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ވަޒީފާއަށް ސިޓީ ލީގޮތަށް ޖަވާބެއްލިބުނީއެއްވެސް ނޫނެވެ. ހުރިހާކަމެއްގައި ނިކަމެތިންނަށް އޮންނަނީ ވަކިގޮތެއްހެއްޔެވެ؟ ހުރިހާ ދިމާލެއްގައި ކޮރަޕްޝަން އޮވެދާނެކަމަކަށް އޭނަގެ ހިތް ގަބޫލެއް ނުވެސްކުރެއެވެ. ކިޔަވައިގެން އައުމަށްފަހު ވަޒީފާ ނުލިބެންވީ އެއްވެސް ސަބަބެއްނެތެވެ.

"އަހަންނަށް ރަގަޅު ޚިޔާލެއްލިބިއްޖެ. ބައްޕަވެސް މިއަށްވުރެ ބޮޑުތަނެއް ހޯދައިގެން ވިޔަފާރި ފުޅާކުރަންވީ......"

"ކޮންމެ ކަމަކަށް ފައިސާ ބޭނުންވާނެ ދަރިފުޅާ. ލޯނެއް ނަގާކަށް ބައްޕަބޭނުމެއްނޫންކަން އެންމެ ރަގަޅަށް ލުގުމާންއަށް އެނގޭނީ. ހަލާލުގޮތުގައި ކައިބޮއި އުޅެން ބޭނުމީ......"

ލުކުމާންގެ ފޯނު ރިންގުވާންފެށިއެވެ.

(ނުނިމޭ)

comment ކޮމެންޓް