އަންދާޒާ ކުރީ 30 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ނަމަވެސް ބަޖެޓް ކުޑަކުރީ ހަރަދު ކުޑަކުރަން: މުނައްވަރު

ފިނޭންސް މިނިސްޓަރު މުނައްވަރު 'ސަން' އަށް އިންޓަވައި ދެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޑްރާފްޓްކުރި އިރު 30 ބިލިއަނަށް އެރިކަމަށާއި ނަމަވެސް އެ އަދަދު 27.9 ބިލިއަން ރުފިޔާއަށް ކުޑަކުރެއްވީ ހަރަދު ކުޑަކުރެއްވުމަށް ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މުނައްވަރު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުންނާއި މިނިވަން މުއައްސަސާތަކުގެ އިތުރުން އެހެނިހެން ތަންތަނުން އެދިފައިވާ އަދަދާ އެކު އަންނަ އަހަރަށް ލަފާކުރި ބަޖެޓު 30 ބިލިއަން ރުފިޔާއަށް އެރި ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސީދާ އެދިލެއްވުމުގެ މަތީން ބަޖެޓު ކުޑަކުރެއްވީ ކަމަށެވެ.

"ގާތްގަޑަކަށް 30 ބިލިއަން ރުފިޔާގެ ރިކުއެސްޓްތައްއައި. އަދި އެއަށް ވުރެން ވެސް މަތި. އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ހަރަދު ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާ އަޅުގަނޑުމެންގެ ހިންގަމުން ދާ ޕްރޮޖެކްޓްތަކަށް އިސްކަން ދިނުމަށްފަހު. މިހާރު އެވަނީ އަޅުގަނޑުމެނަށް ފެންނަ ވަރަށް ރަނގަޅު މިންވަރެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު މުނައްވަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންތިހާބާ ގުޅުވައިގެން ބަޖެޓަށް ބަދަލު ގެންނަމުންދާ ތަން ފެންނަ ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން ހުށަހެޅި ބަޖެޓުގައި އިންތިހާބާ ގުޅުވައިގެން އެއްވެސް ޕްރޮޖެކްޓެއް ހިންގުމަށް ހިމަނާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވި މިންވަރަށް ވުރެން ވެސް ހަގީގަތުގައި ހަރަދު ކުޑަކުރައްވާފައި އެހުރީ. އަޅުގަނޑުގެ އެންމެ ފުރަތަމަ ދިރާސާ ހުރި ވަރުން ގާތް ގަޑަކަށް ހަ ޕަސެންޓް ނުވަތަ ހަތް ޕަސެންޓަށް ޑެފިސިޓް ގެންދެވިދާނެ. އަޅުގަނޑުމެންގެ ރައިސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބައްލަވާފައި އަދި އިކޮނަމިކް ކައުންސިލްގެ ވެސް ލަފާގެ މަތިން ތިން ޕަސެންޓަށް ގެންދިޔައީ،" މުނައްވަރު ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅު ހުރީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމައި މިހާރު ހުރި ދަރަނި މެނޭޖަބަލް މިންވަރަކަށް ކުޑަ ކުރުމަށް ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ބަޖެޓު އެކުލަވާލާފައި ވަނީ އެކަމަށް ޚާއްސަ ސިސްޓަމެއް މެދުވެރިކޮށް ކަން މިނިސްޓަރު މުނައްވަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ މިނިސްޓްރީތަކަކުން ވެސް ބަޖެޓު ހަދާފައިވަނީ އެ ސިސްޓަމް މެދުވެރިކޮށް ކަމަށާއި އެ ސިސްޓަމް އެއްކޮށް ނިންމާލާފައި ވަނީ ހަ ވަރަކަށް މަސް ތެރޭގައި ކަމަށެވެ.

"ދިހަ ވަރަކަށް އަހަރު ވެއްޖެ އަޅުގަނޑުމެންގެ އަތުގައި މި ސިސްޓަމް އޮތްތާ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީ ތަރޭގައި ބައެއް މައްސަލަތަކެއް ހުރުމާއި އެކު މި ކަން ނުކުރެވޭނެ ކަމަށް ވިސްނާފައި އޮތީ މިކަން ނުކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް