ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު މައުލޫމާތުތަކަކާއެކު ޓްރެވަލް ކޮންފަރެންސް ނިންމާލައިފި

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގައި މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށް މިއަހަރުގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ނިންމާލައިފިއެވެ.

ބަނޑޮސް އައިލެންޑް މޯލްޑިވްސްގައި 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ އެ ކޮންފަރެންސަކީ މަޓާޓޯ މޯލްޑިވްސް އާއި ޓްރިޕްއެޑްވައިޒާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

މިފަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ އެ ދާއިރާގައި ހިމެނޭ ޑިޖިޓަލް އަދި ޓްރެންޑިން ނުވަތަ ކުރިއަރަމުން އަންނަ ކަންތައްތަކާބެހޭ ގޮތުންނެވެ.

މިފަހަރުގެ ޓްރެވަލް ކޮންފަރެންސް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ވެބްސައިޓާ ގުޅިގެން ކުރިއަށް ގެންދިޔައިރު، މިފަހަރުގެ ކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރު ހަތަރު ބޭފުޅަކު ކީނޯޓް ސްޕީކަރުންގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެ ލައްވާނީ އީ ޓުއަރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ޑޭމިއަން ކުކް، ޓްރިޕް އެޑްވައިޒާގެ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން ސާރާ މެތިއުސް، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ޑިރެކްޓާ ހެލޯނާ ޕެޑިއާޗީ އަދި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖާ ޑރ. އަބްދުﷲ މައުސޫމެވެ.

މިއަދުގެ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޭރުގެ މާކެޓްތަކުގައި މާކެޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މަޓާޓޯއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ބޭރުގެ މާކެޓް ތަކުގައި އިޝްތިހާރު ކުރުމަށް ކަމަށެވެ. އަދި މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ފަތުރުވެރިކަން މާކެޓްކޮށް ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ޤިޔާސް ވިދާޅުވި އެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުރިހާ ރިސޯތުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެން ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގައި މައުސޫމު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މައުސޫމު ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާތަނަށް ހާސިލް ނުކުރެވި ހުރި ކަންކަމަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފަ އެވެ. އަދި އެ ކަންކަން ހާސިލް ކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވެސް އެ ކޮންފަރެންސްގައި ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މިއަދުގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކާފައިވާ މައިގަނޑު ފަސް މައުލޫއަކީ:

  • ޑެސްޓިނޭޝަން ރިވިއު
  • އިވޮލިއުޝަން އޮފް ޓްރެވަލް
  • 2017 ގްލޯބަލް ޓްރެވަލް ޓްރެންޑްސް އެންޑް މޯލްޑިވްސް ޑެސްޓިނޭޝަން އިންސައިޓްސް
  • ބެސްޓް ޕްރެކްޓިސަސް އޮފް ޑިޖިޓަލް މާކެޓިން
  • ޓްރެވެލާސް ޕާތް ޓު ޕާޗޭސް އެންޑް ދަ ރައިޓް އެޓްރިބިއުޝަން

މޯލްޑިވްސް ޓްރެވަލް ކޮންފަރަންސަކީ، ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުކޮށް، އިންޑަސްޓްރީގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރަންސެކެވެ. އެ ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާތައް ވަނީ ކޮށްފައެވެ.

comment ކޮމެންޓް