މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސްއާ ގުޅިގެން ތަފާތު ތިން އިވެންޓެއް ކުރިޔަށްގެންގޮސް ކާމިޔާބު ކަމާއެކީގައި ނިންމާލައިފަވާއިރު މިރެއަކީ މަޓާޓޯއަށް ބޮޑު ރެއެކެވެ. މިއަހަރުގެ ޓްރެވަލް އެވޯޑުގެ އެންމެ ބޮޑު އަދި ޝަރަފުވެރި އެވޯޑުތައް ދެވިގެންދާ ގާލާ އެންޑް އެވޯޑްސް ހަފްލާ އޮންނަ ރެއެވެ.
އަންދާރަން ހުދުރަންފުށި ރިސޯޓުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލްސް އެވޯޑުގެ ގާލާ އެންޑް އެވޯޑު ނައިޓަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިވެންޓް މޯލްޑިވްސް އާއި ޕީއެސްއެމްގެ ޓީމުން ގުޅިގެންދަނީ ކުރަމުންނެވެ. އެ ހަފްލާ ކާމިޔާބު ހަފްލާ އެއްގެ ގޮތިގައި ކުރިއަށްގެންދިއުމަށް މަޓާޓޯއިން ވަމުން އައި ތައްޔާރީތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިރޭގައި ފެނިގެންދާނެ ކަން ހަމަ ޔަގީނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެންޑް އެވޯޑް ހަފްލާއަށް އަނދާރަން ހުދުރަންފުށީގައި ވަމުންގެންދާ ތައްޔާރީތަކުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ
މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ ގާލާ އެންޑް އެވޯޑްސް ހަފްލާގައި 27 ކެޓަގަރީއަކުން އެވޯޑު ދެވިގެންދާނެއެވެ. މަޓާޓޯއިން ބުނީ ގާލާ އެޑިޝަނަށް 430 ފަރާތެއް ނޮމިނޭޓް ވެފައިވާއިރު އެފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި އެއް ލައްކައަށްވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ފުރިހަމަކަމާއި ކާމިޔާބީތައް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ބައިވެރިންނާއި އެ އެވޯޑު ކުރިއެރުމަށްޓަކައި މަސައްކަތް ކުުރާ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން އިތުރުވަމުން އައުމަކީ މަޓާޓޯ ޓްރެވަލް އެވޯޑަށް ލިބިގެންދާ އެންމެ ބޮޑު އެއް ކުރިއެރުންކަން މަޓާޓޯއިން ފާހަގަ ކުރެއެވެ. އެގޮތުން މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑު ކުރިއަށްގެންދަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ސައިޓް ކަމަށްވާ ޓްރިޕް އެޑްވައިޒަރާއި ގުޅިގެންނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެންޑް އެވޯޑް ހަފްލާއަށް އަނދާރަން ހުދުރަންފުށީގައި ވަމުންގެންދާ ތައްޔާރީތަކުގެ ތެރެއިން -- ފޮޓޯ/ މަޓާޓޯ
ގާލާ އެންޑް އެވޯޑު ހަފްލާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ބޮލީވުޑްގެ އެކްޓްރެސް އުރުވަޝީ ރައުޓެލާ ވަނީ ރާއްޖެ އައިސްފައެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގައި ދޭ، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރަކީ ޓްރެވަލް އެވޯޑްސް ދޭ ހަވަނަ އަހަރެވެ. ނަމަވެސް މިއަހަރުގެ މި އެވޯޑްސް ދެނީ މުޅި އަހަރަށް ބަހައިލެވިގެންވާ، ބޮޑު ހަރަކާތެއްގެ ގޮތުގައެވެ.