ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކަށް ޕީއެސްޖީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ސެލްޓިކް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ސެލްޓިކް ކޮޅަށް ހަތް ލަނޑު ޖަހައި ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކަށް ޕީއެސްޖީ ވެގެން ހިނގައްޖެއެވެ.

ޕީއެސްޖީން ވަނީ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި 24 ލަނޑު މިހާތަނަށް ޖަހާފައެވެ. މިއީ މުބާރާތުގެ އާ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ބޮރުޝިއާ ޑޯޓްމަންޑުގެ އަތުގައެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 21 ލަނޑު ޖަހާފައެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-7 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ޕީއެސްޖީ އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި ބަޔާން 12 ޕޮއިންޓާއެކު އޮތްއިރު ތިން ވަނާގައި އޮތް ސެލްޓިކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނަ ލިބޭ ޓީމު ކަށަވަރު ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާން އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗަށް ފަހުއެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނެގީ ސެލްޓިކުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މޫސާ ޑެމްބޭލޭ އެވެ. ނަމަވެސް ގާތްގާތުގައި ނޭމާ ޖެހި ދެ ލަނޑާއެކު ޕީއެސްޖީން ވަނީ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. އަދި ހާފް ނިމުމުގެ ކުރިން އެޑިސަން ކަވާނީ އާއި އެމްބާޕޭ ކާމިޔާބު ކުރި ލަނޑާއެކު ޕީއެސްޖީ ފުރަތަމަ ހާފް ނިންމާލީ 4-1 ގެ ނަތީޖާއަކުން ކުރީގައިއޮވެއެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ވެސް ޕީއެސްޖީން ދިޔައީ ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއް ގޮތުގައި މެޗުގެ 75 ވަނަ މިނެޓުގައި މާކޯ ވެރާޓީ ވަނީ ލަނޑެއް ޖަހާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ކަވާނީ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ 80 ވަނަ މިނެޓުގައި ޕީއެސްޖީގެ ހަތް ވަނަ ލަނޑު ޖަހައިދިނީ ޑެނީ އަލްވޭސް އެވެ.

comment ކޮމެންޓް