ބަޖެޓް ފާސްކޮށްފައިވަނީ ގާނޫނާ ގަވާއިދުގެ ތެރެއިން: މަސީހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ބޭއްވި ޖަލްސާގައި މަސީހު: އޭނާ ވިދާޅުވީ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށް -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެންބަރެއްގެ ވޯޓާ ނުލައި ހާޒިރުވެވަޑައިގެން 40 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކަޓްކޮށް ވަނީ އެ ވޯޓު ނެގުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އިދިކޮޅު މެންބަރުން ބުނަމުން ދަނީ ރައްޔިތުންގެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސް ކުރުމަށް ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަން ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާކަމަށެވެ.

ނަމަވެސް ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ނެގި ވޯޓަށް ފަހު ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ބަޖެޓް ފާސްކޮށްފައިވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.

"މި ދައުރަށް ފެށިއިރު އަޅުގަނޑުމެނާ ކުރިމަތިލައި އެންމެ ބޮޑު އަމާޒަކަށް ހިފީ ދިވެހި ދައުލަތުގެ ބަޖެޓާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށް. އިރާދަކުރެއްވިއްޔާ މާތްﷲ ގެ ވާގިފުޅާއި އެކު އަޅުގަނޑުމެނަށް އެކަން ނިމިގެން ދިޔައީ ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން،" މަސީހު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމެޓީން ދިރާސާ ކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ އެއް އިސްލާހާ އެކުއެވެ. އަދި މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ ކޮމެޓީން ހުށަހެޅި ގޮތަށެވެ.

comment ކޮމެންޓް