މިއަހަރު އާސަންދައާއި ސަބްސިޑީއަށް ކުރި ޚަރަދު 249.7 މިލިއަން ރުފިޔާ ދަށަށް!

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: މިއަހަރު އާސަންދައާއި ސަބްސިޑީއަށް ކުރި ޚަރަދު ދަށްވެއްޖެ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

މި އަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން އާސަންދައާއި ސަބްސިޑީއަށް ކުރި ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. މާލީ ވުޒާރާއިން ހާމަކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ޚަރަދުތައް މަދުކުރެވިފައިވުމަކީ މާލީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެޅެމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެކެވެ. މި އަހަރުގެ މިހާތަނަށް އާސަންދައަށް 413.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 602.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 189.1 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އިތުރުން މެޑިކަލް ވެލްފެއާއަށް 37.3 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 69.1 މިލިއަން ރުފިޔާގައެވެ. ސަބްސިޑީގެ ގޮތުގައި މި އަހަރު މިހާތަނަށް 758.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 60.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ރާއްޖޭގެ ދަރަނި އަދާކުރުމުގެ ޕްރެޝަރާއި، މެދުއިރުމަތީގެ ހަނގުރާމަތަކުގެ ސަބަބުން އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް އަންނަނީ ސަބްސިޑީ ނިޒާމު އިސްލާހުކޮށް، ހައްގުވެރި ފަރާތްތަކަށް އެކަނި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

  • އާސަންދައަށް މި އަހަރުގެ މިހާތަނަށް 413.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.
  • މެޑިކަލް ވެލްފެއާއަށް 37.3 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ.
  • ސަބްސިޑީގެ ގޮތުގައި 758.3 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކުރެވިފައިވެއެވެ.
  • މިއަހަރުގެ މިހާތަނަށް އާސަންދައާއި ސަބްސިޑީން ޖުމުލަ 249.7 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވިފައިވެއެވެ.

އާއްމުގޮތެއްގައި ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރާ ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމު، އާސަންދައާއި، ސަބްސިޑީއަށް މިއަހަރު ކުރި ހޭދަ ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ 'ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި މި މަހުގެ 19ގެ ނިޔަލަށް އާސަންދައަށް ވަނީ 413.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 189.1 މިލިއަންގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހުގެ 19ގެ ނިޔަލަށް ޚަރަދުކޮށްފަނި ވަނީ 602.4 މިލިއަން ރުފިޔާއެވެ.

އާސަންދައިގެ އިތުރުން މެޑިކަލް ވެލްފެއާއަށް ސަރުކާރުން ކުރި ޚަރަދު ވެސް މިދިޔަ އަަހަރާ އަޅާ ބަލާއިރު މި މަހުގެ 19ގެ ނިޔަލަށް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ އެ މުއްދަތުގައި ވެލްފެއާއަށް 37.3 މިލިއަން ރުފިޔާ ޚަރަދުވިއިރު، މިދިޔަ އަހަރުގެ މާރިޗު 19ގެ ނިޔަލަށް 69.1 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ 31.8 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މި އަހަރަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް އޮތީ 2.02 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއީ 2،022.6 މިލިއަން ރުފިޔާއެވެ.

އާސަންދައިގެ އިތުރުން ދެން ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ސަބްސިޑީއަށެވެ.

ނަމަވެސް މިއަހަރު ސަބްސިޑީއަށް ކުރި ޚަރަދު ވެސް މިހާތަނަށް ވަނީ ކުޑަވެފައެވެ. އެގޮތުން މިއަހަރުގެ މާރިޗު 19ގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި 758.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 818.9 މިލިއަން ރުފިޔާ ޚަރަދުކުރިއިރު އެއީ 60.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި އާސަންދައާއި ސަބްސިޑީއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށްވުރެ އިތުރަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އަދި، ސަބްސިޑީއަށް ބަޖެޓުކުރީ 1.86 ބިލިއަން ރުފިޔާއެވެ. ޖުމުލަ އާސަންދައާއި ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އަހަރު ނިމުނުއިރު އެ ކަމަށް 6.03 ބިލިއަން ރުފިޔާ އޮތީ ޚަރަދުކޮށްފައެވެ.

ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް އިސްލާހުކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

އާސަންދައާއި ސަބްސިޑީ އިސްލާހުކުރަން ބޭރުގެ އިދާރާތަކުން ގޮވާލާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނި ބޮޑުވުން ހިމެނެއެވެ. އެގޮތުން އަންނަ މަހު އެއްފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭ ގޮތަށް، މި އަހަރު އެކަނިވެސް ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ.

https://sun.mv/216917

މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ މަހުގެ 28ގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވެސް އިގުތިސާދީ ގޮތުން ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ފަތުރުވެރިން އައުން މަދުވުމާއި ތެލުގެ ޚަރަދު ބޮޑުވުމުން އާންމު ދިރިއުޅުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.

އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގޮތަށް، ގައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖޭގައި އެފަދަ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި ސަރުކާރުން އަންނަނީ، ރާއްޖޭގެ ދަރަނި ދެއްކޭ ވަރަށް ފައިސާ ހުރިކަމުގެ ޔަގީންކަން ދެމުންނެވެ. އަދި ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް