39 މެމްބަރުންގެ ވޯޓާ އެކު 27.9 ބިލިއަންގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 39 މެންބަރުންގެ ވޯޓާ އެކު ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ހުށަހެޅި ގޮތަށް 27.9 ބިލިއަން ރުފިޔާގެ ބެޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ދިރާސާ ކުރި ކޮމެޓީން ބަޖެޓު ފާސްކޮށްފައިވަނީ އެއް އިސްލާހާ އެކުއެވެ. ނަމަވެސް ބަޖެޓުގެ ޖުމްލަ އަދަދަކަށް އެއްވެސް ބަދަލެއް ގެނެސްފަ އެއް ނުވެއެވެ.

ބަޖެޓް ފާސްކުރަން ފެންނަ ކަމަށް 39 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ. ވޯޓު ނެގިއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 40 މެމްބަރުންނެވެ.

އެ އިސްލާހަކީ ކ. ކާށިދޫގައި ޖަލެއް އެޅުމަށް ބަޖެޓްކޮށްފައިވާ ފައިސާ ކ. ހުރާގެ ބިން ހިއްކުމަށް ހަރަދު ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އެ އިސްލާހު ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި ޕީޕީއެމް އަދި އެމްޑީއޭގެ 12 މެންބަރުންގެ ވޯޓުންނެވެ.

ކޮމެޓީން ބަޖެޓަށް ހުށަހެޅި ރިކޮމަންޑޭޝަންތައް:

  1. މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތި ނުވާނެ ގޮތުގެ މަތިން ފިނޭންސް މިނިސްޓްރީން ބަޖެޓު ދިނުން
  2. އާސާސީ ހިދުމަތްތައް ފޯރުކޮށްދޭ ޕްރޮޖެކްޓްތައް ކުރައަށް ގެންދަންވާނީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާވާ ކުންފުނި ތަކަށް ދިނުމަށް އިސްކަން ދިނުން
  3. ދިރާގު އަދި އެމްޑަބްލިއު އެސްއީ ފަދަ މެޖޯރިޓީ ހިއްސާ ސަރުކާރަށް ބަދަލުކުރެވެން ހުރި މަސަތްކަތްތައް ކުރުން

ދައުލަތުގެ ބަޖެޓްގެ 43 ޕަސެންޓް ހަރަދު ކުރުމަށް ނިންމާފައި ވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް ބަޖެޓްގެ 57 ޕަސެންޓް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ ޕެންޝަނަށާއި މުސާރަ އަށެވެ. ރިކަރެންޓް ހަރަދަކީ ޖުމްލަ 16.1 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 24.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް