ފުރުސަތު ބަންދުވިއިރު، މަޓާޓޯ ޓްރެވަލް އެވޯޑަށް ލައްކައަކަށް ވުރެ ގިނަ ވޯޓު

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ އެޑިޝަން 2017، ނޮމިނޭޝަން ލޯންޗިން -- ފޮޓޯ/ މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ (މަޓާޓޯ)ގެ ޓްރެވަލް އެވޯޑުގެ ގާލާ އެޑިޝަނަށް ވޯޓު ލުމުގެ ފުރުސަތު ބަންދުވިއިރު، ލައްކައަށްވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް މަޓާޓޯއިން ބުނެފިއެވެ.

ގާލާ އެޑިޝަނަށް ވޯޓުލުމަށް ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށެވެ.

މަޓާޓޯއިން ބުނީ، ޓްރެވަލް އެވޯޑުގެ ގާލާ އެޑިޝަނަށް 27 ކެޓަގަރީއަކުން 230 ނޮމިނޭޝަން ހުށައަޅާފައިވާ ކަމަށެވެ. އަދި ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި އެސްއެމްއެސް މެދުވެރިކޮށް 41000 ވޯޓު، އޮންލައިންކޮށް 59000 ވޯޓު ލިބިފައިވާކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގައި މިފަހަރު އެހެން ފަހަރުތަކާ ހިލާފަށް ވަނަ ހޮވާނީ ޓްރިޕް އެޑްވައިޒާ ރިވިއުގެ 40 ޕަސެންޓާއި އެސްއެމްއެސް އަދި އޮންލައިން ވޯޓިންގެ 60 ޕަސެންޓަށް ބަލައިގެން ކަމަށް މަޓާޓޯ އިން ބުންޏެވެ.

މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ދެނީ ތިން އެޑިޝަނަކަށް ބަހާލައިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަންކޮށް، ޖުލައި މަހުގެ ތެރޭގައި "ޕީޕަލްސް އެޑިޝަން" އެވޯޑްސް ބޭއްވި އިރު، ގެސްޓްހައުސް ފަތުރުވެރި ކަމަށް ޚާއްސަ "ގެސްޓްހައުސް އެޑިޝަން"، މިދިޔަ މަހުގެ 30 ވަނަ ދުވަހު މާފުށީގައި ވަނީ ބާއްވައިފައެވެ.

ޓްރެވަލް އެވޯޑުގެ އެންމެ ފަހު އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އަދާރަން ހުދުރަން ފުށީގައެވެ.

comment ކޮމެންޓް