މިއީ ފިލްމީ ދާއިރާއަށް ފިލާވަޅެއް: ނަހުލާ

ދިވެހި ފިލްމު "ބޮސް"ގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ، އަދި ދިވެހި ފިލްމު "ހައްދު"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު -- ސަން ފައިލް ފޮޓޯ: މުޙައްމަދު އަފްރާހް

ޑައިރެކްޓަރު އަބްދުލް ފައްތާހު ފިލްމީ ދާއިރާއިން ދުރަށް ދިއުމަކީ ފިލްމީ ދާއިރާއަށް ލިބުނު ފިލާވަޅެއްކަމަށް ފައްތާހުގެ އެންމެ ބޮޑު އެއް ވާދަވެރިޔާ ފާތިމަތު ނަހުލާ ބުނެފިއެވެ.

ނަހުލާއާއި ފައްތާހުއާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކުރެވުނީ ފައްތާހުގެ ފިލްމު "ހައްދު"ގެ އެކްޓަރު މުހައްމަދު ޝިބާންގެ ފިޒީކް ހަށިގަނޑާ، ނަހުލާގެ "ބޮސް"ގެ ތަރި މުހައްމަދު ޔުނާންގެ ހަށިގަނޑާ އަޅާ ކިޔައި ފައްތާހު މީޑިއާގައި ވާހަކަ ދެއްކުމާ ހިސާބުންނެވެ.

ފައްތާހާއި ނަހުލާގެ ކުރިމަތިލުމާ، ފައްތާހުގެ ރިޓަޔަމަންޓާ ގުޅުވައިގެން "ސަން" އާ ވާހަކަ ދައްކަމުން ނަހުލާ ބުނީ "ފައްތާހު އާ އެއްވެސް ޒާތީ ކަމެއް ނެތް" ކަމަށާ " ފައްތާހު ފެށި ކުޅިވަރު އަޅުގަނޑު ކޮންޓިނިއު ކޮށްލީ" ކަމަށެވެ.

ދިވެހި ފިލްމް "ބޮސް" ރިލީޒްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ނަހުލާގެ ފިލްމުގައި ހިމެނެނީ "ރިހަ" ޑައިލޮގް ތަކެއް ކަމަށްބުނެ ފައްތާހު ވާހަކަ ދެއްކި ކަމަށާ ނަހުލާއަށް އަމާޒުކޮށްވެސް މި ބަސް މިހާރު އަންނަނީ ބޭނުން ކުރަމުން ކަމަށް ނަހުލާ ބުންޏެވެ. އެކަމާއި ގުޅިގެން ނަހުލާ ބުނީ "ރިހަ މިއީ އަޅުގަނޑުގެ ބަހެއް ނޫން. އެއީ އަޅުގަނޑާ ދިމާއަށް އޭނަ ކީ ބަހެއް. އޭތި އަޅުގަނޑު ރިޕީޓް ކޮށްލީ" ކަމަށެވެ.

ނަހުލާގެ ފިލްމު "ބޮސް"ގެ އިޝްތިހާރު ފައްތާހުގެ ފިލްމު "ބޮސް"ގެ ތެރޭ ދައްކައިދިން ކަމަށާ އެކަމަށް ފޭސްބުކް މެދުވެރިކޮށް ޝުކުރު އަދާކުރި ކަމަށް ނަހުލާ ބުންޏެވެ. އޭރުވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާ، ޕްރޮފެށަނަލީ ވަރަށް ގާތް ގުޅުމެއް ދެ މީހުންގެ މެދުގައިވެސް އޮތް ކަމަށެވެ.

"އެކަމަކު އެއްދުވަހު ކުއްލިއަކަށް އޮންލައިން ނޫހަކުން ފެނުނީ ހައިރާން ވާވަރަށް ބޮސް އާ ޖައްސާލާފަ އޮއްވައި. ލިބުނީ ޝޮކެއް. ޔުނާން އަދި ސްކްރީނަށް ނާންނަނީސް އޭނާ ވައްޓާލާފަ އޮތީ ވަރަށް ބޮޑަށް. އިމޯޝަންސް ނޫން އެއްޗެއް ނަހުލާއަށް ހަދަން ނެނގޭނެ ކަމަށް ބުނީމާ އަޅުގަނޑު ބުނިން އަޅުގަނޑު ހަދަނީ ޑޮކިއުމެންޓްރީއެއް ނޫނޭ، ފިލްމޭ. މާ ބޮޑު މައްސަލައަކަށް ނުހަދަން. މަގުމަތިން ފެނުނީމާ ގޮވާލާ ކިހިނެއްތޯ އަހާލާވެސް ހެދިން،" ނަހުލާ ބުނީ މި ހުރިހާ ކަމަކަށް ފަހު އޭނާގެ ފިލްމު ބޮސް ސްކްރީނަށް އައުމުން ފިލްމު މާ ބޮޑަށް ހިނގަން ފެށި ކަމަށާއި، ފިލްމު ބާ ބޮޑަށް ހިނގަން ފެށުމުން ފިލްމު "ވައްޓާލަން" އެގޮތް މިގޮތުން އަނެއްކާ މަސައްކަތް ފެށި ކަމަށެވެ.

8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގައި ފިލްމުގެ ޕްރޮޑިއުސަރު ނަހުލާ -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ނޫސްވެރިންނަށް ގުޅައިގެން އަނެއްކާ ފިލްމު ވައްޓާލަން އޭތި މީތި ޖަހައިދޭން ކިޔުމަކީ އަދި ޖެހުވުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުގެ ފިލްމުގަވެސް ހައްދުގެ އިޝްތިހާރު ވެސް އެބަ ދައްކަން. އަޅުގަނޑު ދުވަހަކުވެސް މީހެއްގެ ކުރިއެރުމަކަށް ހުރަސްއަޅައި ފާޑެއް ނުކިޔަން. އަދި މީހުންގެ ފިލްމު ހިނގާވަރު ބަލަން އެޖެންޓުންނާ ގުޅައެއް ނުހަދަން. އަދި އެ ފިލްމު ބަލަން ކަމަކު ނުދާނެއެކޭ ނުކިޔަން. ނުވެސް ކިޔާނަން،"

"ފައްތާހު އަކީ އެސޯސިއޭޝަން ހިންގުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިކަން ދިން މީހެއް. އެއީ ވަރަށް ކޫލްވެސް މީހެއް ކަމަށް ގަބޫލުކުރިން. އެއީ ބޭނުން އެއްޗެއް ބުނެލާ ސަކަރާތް ޖަހާލާ ހެދޭ ކަހަލަ މީހެއް. ކުރިން ފެނުނު ގޮތާ ފަހުން ވަރަށް ތަފާތު. އެއީ ފިލްމީ ދާއިރާގައި ހުރިހާ މީހުންނާ ގުޅޭ މީހެއް. ވަރަށް ގާތް ކަމަށް ގަބޫލު ކުރެވުނު މީހެއް،"

ނަހުލާ ބުނީ، ފައްތާހުގެ "ރިކޯޑް ބްރޭކިން މޫވީ"ގެ ގޮތުގައި ޕްރޮމޯޓު ކުރި "ހައްދު" އަށްވުރެ ނަހުލާގެ "ބޮސް" ކުރިއަށް އެރުމުން މަންޒަރު މުޅިން ބަދަލުވިކަމަށެވެ.

"ބޮސް އާ ބެހޭ ގޮތުން ފެތުރީ ހަގީގަތެއް ނެތް ވާހަކަކަން ސާބިތުކޮށްދޭން ފެށީ ބެލުންތެރިން. ސޯޝަލް މީޑިއާ ބޮސްގެ އެބުނާ "ރިހަ ޑައިލޮގް" ތަކުން ފުރިގެން އައީ. ސޯޝަލް މީޑިއާގަ ގިނަ ބަޔަކު ވާހަކަ ދައްކާ ބަހުރުވަޔަކަށް އެ ޑައިލޮގްތައް ވީ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،"

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. ފިލްމުގެ ބޮޑުބައެއް ކުޅެފައިވަނީ ސަން އަކުއާ ވިލުރީފް ރިސޯޓުގައި -- ފޭސްބުކް ފޮޓޯ: ބޮސް

"މިއަދު އަޅުގަނޑަށް ގުޅާފަ ބައެއް ނޫސްތަކުން މައާފަށްވެސް އެދެފި. ކަން ހިނގި ގޮތް ކިޔާވެސް ދީފި. ޕޮޒިޓިވްކޮށް ލިޔެދެންހޭވެސް އަހައިފި. އަޅުގަނޑު ބުނިން އެއްވެސް ޒާތީ ކަމެއް ނެތޭ އަޅުގަނޑުގެ. އެކަމަކު ދެން ޕޮޒިޓިވްކޮށްވެސް ލިޔެދޭނެ ކަމެއް ނެތޭ. ބޮސް ބެލި މީހުން ދިފާއުގަ އެބަ ތިއްބޭ. މި ފުރުސަތުގަ ބޮސް ބެލި، އަދި ތަކުރާރުކޮށްވެސް ބަލަމުންދާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"

ނަހުލާ ބުނީ ފިލްމީ ދާއިރާގައި އޭނާ ހޯދާ ކޮންމެ ކާމިޔާބީ އަކާ ގުޅިގެން ކޮންމެ ފަހަރަކުވެސް މިފަދަ "ރޯޅި" އެއް ކޮންމެވެސް މީހެއްގެ ފަރާތުން އަންނަ ކަމަށެވެ.

މިއަދު ފިލްމީ ދާއިރާގެ ހުރިހާ އެންމެންނަށްވެސް ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށް ނަހުލާ ބުންޏެވެ. އެކަކު އަނެކަކާ ޖައްސާލުމާ، ހަސަދަ ވެރިކަން ދޫކޮށްލަން ވެއްޖެ ކަމަށްވެސް އެނާ ބުންޏެވެ.

"އެކަކު އަނެކަކު ދެރަކޮށްލުމުގެ ނިޔަތުގަ ފާޑު ނުކިޔަންވީ. ކޮންމެ މީހަކުވެސް ކޮންމެ ފެންވަރެއްގަ މަސައްކަތް ކުރި ނަމަވެސް އެކުރަނީ ބުރަ މަސައްކަތެއް. މަޖަލަކަށް ހަދާފަވެސް އަނެއް މީހާ އެކުރާ މަސައްކަތް ކަމުނުދާ ކަމަށް ސާބިތުކޮށްދޭން މަސައްކަތް ކުރުމަކީ ގޯހެއްކަން ގަބޫލު ކުރަންވީ. ދާއިރާއަށް ނިކުންނަ އާކުދިންނަށްވެސް ހަމަހަމައަށް ރެސްޕެކްޓް ކުރަންވީ. ނޫސްތަކާ ގުޅިގެން އެކަކު އަނެކަކުގެ އަގުވައްޓާލުން ދޫކޮށްލަންވީ،"

ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ) ---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

"މިއަދު އަޅުގަނޑު ހަދީދަތުގަވެސް ވަރަށް ދެރަވޭ. އަޅުގަނޑުގެ ފިލްމެއް ހިނގަން ފަށާއިރަށް ޒާތީގޮތުން އަޅުގަނޑާ ޖައްސާލިއަސް ފައްތާހުއަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެންނާ އެކީ އެންމެ މަސައްކަތް ކުރި އެކަކު ކަން ގަބޫލު ކުރަން. އަމިއްލައަށް ފެށި ޕާސަނަލް ސަކަރާތެއްގަ މާޔޫސްވެގެން ފައްތާހު ދާއިރާ ދޫކޮށްލަފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ހަގީގަތުގައިވެސް ދާއިރާ ދުކޮށްލައިފިނަމަ އެއީ ވަރަށް ދެރަވާނެ ކަމެއް. ދާއިރާގެ ސީނިއާ މީހަކު އެގޮތަށް ވަކިވުން އެއީ ދާއިރާއަށް ލިބޭ ގެއްލުމެއް. ކޮންމެ ގޮތަކަށް ކަންކުރިއަސް އަޅުގަނޑު ސީރިއަސްކޮށްވެސް ފައްތާހު އާ ޕީސް،" ފައްތާހު ފިލްމީ ދާއިރާ ދޫކޮށްލި ނަމަވެސް އަލުން އެނބުރި އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އަދި އެގޮތަށް އެދެމުންދާއިރު، ފައްތާހު އަނބުރާ އަތުވެއްޖެނަމަ ނަހުލާވެސް ވަރަށް އުފާވާނެ ކަމަށް އޭނާ ބުންޏެވެ.

އޯގަސްޓް 6، 2017: ދިވެހި އާ ފިލްމް "ހައްދު"ގެ އޯޑިއޯ ލޯންޗް ކުރަން ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައްތާހު އާއި ނަހުލާ އާއި ދެމެދު މި އޮތް "ވާދަ" އާއި ގުޅޭ ގޮތުން ފައްތާހު މިއަދު "ސަން" އަށް ބުނީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ ދެމެދު އެއްވެސް ހިތް ބުރަކަމެއް ނުގެންގުޅޭ ކަމަށެވެ.

"ކޮންމެ މީހަކަށް ލިބޭ ކާމިޔާބީއަކަސް އެއީ ފިލްމީ ދާއިރާ އަށް ލިބޭ ކާމިޔާބީއެއް" ފައްތާހު ބުންޏެވެ. އަދި އޭނާ ފިލްމީ ދާއިރާ ދޫކޮށްލުމާ، ނަހުލާ އާއި ގުޅުވައިގެން ދެކެވޭ ވާހަކައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފައްތާހު ބުންޏެވެ.

އޭނާ ބުނީ ފިލްމީ ދާއިރާއާ ދުރަށް ދިއުމަށްފަހު އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް އެއްގޮތަކަށްވެސް ނެތް ކަމަށެވެ.

comment ކޮމެންޓް