ފިލްމީ ދާއިރާއަށް ފައްތާހު އަލްވަދާއުކީއިރު، ނަހުލާ ސިލްވާ ޖުބްލީ ފާހަގަ ކުރަނީ

ދިވެހި ފިލްމު "ބޮސް"ގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ، އަދި ދިވެހި ފިލްމު "ހައްދު"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު -- ސަން ފައިލް ފޮޓޯ: މުޙައްމަދު އަފްރާހް

މިއަދު އިވިގެން ދިޔަ އެއް ހަބަރަކީ ފިލްމީ ދާއިރާގައި 21 އަހަރު ހޭދަކުރި ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހު މިދާއިރާއަށް އަލްވަދާއު ކީ ހަބަރެވެ. ފިލްމީ ދާއިރާ ދޫކޮށްލީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށް ފައްތާހު ވަނީ ބުނެފައެވެ. އެ މައުލޫއަށް އިތުރަށް ވާހަކަ ދައްކަން އޭނާ ބޭނުމެއްވެސް ނުވިއެވެ.

ދިވެހި ފިލްމީ ދާއިރާގެ ހަބަރުތަކަށް ބަލާއިރު މިދުވަސްވަރު އެންމެ ބާރަށް ދެކެވެނީ ނަހުލާ އާއި ފައްތާހުގެ ކުރިމަތި ލުމުގެ ވާހަކައެވެ. ދެ ޕްރޮޑިއުސަރުންވެސް އެމީހުންގެ އެންމެ ފަހުގެ ފިލްމުތަކުގައި ދާއިރާ އަށް އަލަށް ތަރިއަކު ތައާރަފްކުރިއެވެ. ނަހުލާގެ ބޮސް އާއި ފައްތާހުގެ ހައްދުގެ "ޒުވާބު" މި ފަހުން ގަދަވެފައިވަނިކޮށް ނަހުލާ މިހާރު މިވަނީ "ބޮސް"ގެ 25 ވަނަ ޝޯ ފާހަގަ ކުރަން ތައްޔާރުވެފައެވެ.

ދިވެހި ފިލްމް "ބޮސް" ރިލީޒްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ބޮސްގެ ކާމިޔާބު 24 ޝޯއަށް ފަހު މި މަހުގެ 24 ވަނަ ދުވަހުގެރޭ އޮލިމްޕަސް ސްޓޭޖުގައި، ނަހުލާ އެ ފިލްމުގެ ސިލްވާ ޖުބްލީ ފާހަގަ ކުރަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. މި ހުކުރު ދުވަހުގެރޭ ސިލްވާ ޖުބްލީ ފާހަގަކުރަން ބޮސްގެ ތަރިންނާއެކު ބެލުންތެރިންނާ އޮލިމްޕަސް ސްޓޭޖުން ބައްދަލު ކުރާނެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ފިލްމީ ދާއިރާގައި ގިނަ ދުވަސްވީ ޑައިރެކްޓަރަކު، ޕްރޮޑިއުސަރަކު ކުއްލި ގޮތަކަށް ދާއިރާއިން އިސްތިއުފާ ދިނުމާއެކު ފިލްމީ ދާއިރާ މިވަގުތު އޮތީ "ޝޮކެއްގައި" ކަމެވެ. ފައްތާހު ރޭ ދަންވަރު އޭނާގެ "އިސްތިއުފާ" އިއުލާނު ކުރި އިރު ކުރިއަށް ގިނަ ޕްރޮޖެކްޓްތަކެއް ހުރި ކަމަށް އޭނާ ވަނީ ކުރިން އިއުލާނު ކޮށްފައެވެ.

ފައްތާހުގެ އެންމެ ބޮޑު ވާދަވެރިޔަކީ މިވަގުތު ނަހުލާއެވެ. ފައްތާހުގެ އިސްތިއުފާ އާއި ގުޅިގެނ ވާހަކަ ދެކެވެމުންް ދަނިކޮށް، ނަހުލާ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ "އެއީ ސަމާލުކަން ހޯދަންޖެހި ސްޓަންޓެއް" ކަމަށެވެ. ނަހުލާގެ ފޭސްބުކްގައި ވަކި މީހަކަށް އަމާޒު ނުކޮށް މިގޮތަށް ލިޔެފައިވީނަމަވެސް ހާލަތު ދިމާކުރާގޮތުން ބޮޑަށް ލަފާކުރެވެނީ އެ ވާހަކަ އަމާޒުވަނީ ފައްތާހުއަށް ކަމަށެވެ.

ފައްތާހުގެ އިސްތިއުފާ އާއެކު ފިލްމީ ދާއިރާގެ ބައެއް ސީނިއާ ބޭފުޅުންވެސް ދަނީ ހިޔާލު ފާޅުކުރަމުންނެވެ. މި ނިންމުމަކީ "ފިނޑި" ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ގިނަ ޕްރޮޖެކްޓްތަކެއް ފެށުމަށް ތައްޔާރުވުމަށްފަހު ފައްތާހު ކުއްލިއަކަށް ފިލްމީ ދާއިރާއާ ދުރަށް ނުދާނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ދިވެހި ފިލްމު "ހައްދު"ގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް

ކުރިންވެސް ފާހަގަ ކުރިހެން ނަހުލާ އާއި ފައްތާހު އާއި ދެމެދު ދާދިފަހުން ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. މި ދެބަސްވުންތައް ސޯޝަލް މީޑިއާގައި ކުރިއަށް ދިޔައިރު މިކަން ފެށިފައިވަނީ ފައްތާހުގެ ފިލްމު "ހައްދު" އާއި އެއްވަރަށް ނަހުލާގެ "ބޮސް" އަށް ނާދެވޭނެ ކަމަށާއި، އަދި ބޮސްގެ ބަތަލް މުހައްމަދު ޔުނާން އަށްވުރެ ހައްދުގެ ބަތަލުގެ ރޯލުން ފެނިގެންދިޔަ މުހައްމަދު ޝިބާންގެ ފިޒީކް މާ ރަނގަޅުވާނެ ކަމަށް ބުނެ ފައްތާހު ވާހަކަ ދެއްކުމާ ގުޅިގެންނެވެ. ފައްތާހު އޭރު ބުނެފައިވަނީ ހައްދު އާއި އެއްވަރަށް ބޮސް އަންނަން ބޭނުން ނަމަ ނަހުލާ ޖެހޭނީ ކަށިން ހިއްވަރު ނެރެގެން މަސައްކަތް ކުރަން ކަމަށެވެ.

ފައްތާހު އޭރު ދެއްކި އެއްވެސް ވާހަކައަކަށް ނަހުލާ ރައްދު ދީފައެއް ނުވެއެވެ. އޮކްޓޯބަރު 31ގައި ނަހުލާގެ ފިލްމު ބޮސް ރިލީޒް ކުރިފަހުން މި ފިލްމަށް މާލެއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މުޅި ރާއްޖޭގައިވެސް ކާމިޔާބު ފިލްމެއްގެ ގޮތުގައި ބޮސް ދަންކަން ފެށިފަހުން ނަހުލާ ވަނީ އޭނާގެ ފޭސްބުކްގައި ފައްތާހުގެ ވާހަކަތަކަށް ރައްދު ދީފައެވެ.

"ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ނަހުލާގެ ފޭސްބުކްގައި އޭނާ ބުނެފައިވަނީ ފޯނު ކުރިއަސް މިދުވަސްކޮޅު ވާހަކަ ދައކާ ހިތް ނެތް ކަމަށާ ޕްރޮފެޝަނަލީ ކޮށްދެންޖެހޭ ކަންތައް ކުރިއަށް ދާނެ ކަމަށެވެ. ނޫސް ތަކާ ގުޅިގެން ބޮސްގެ ކަމުނުދާ "ކަޑަ" ވާހަކަ ޖަހަން ކުރާ މަސައްކަތަށް ސާބަސް ދޭ ކަމަށާ، ދުވަހަކުވެސް އެހެން މީހެއްގެ ފިލްމަކާ ނަހުލާ ބެހިފައި ނޯންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ބޮސްގައި ހިމެނެނީ "ރިހަ" ޑައިލޮގްތަކޭ ކިޔާއިރު މުޅި ފޭސްބުކްގައި ވެސް ދައްކަނީ ބޮސްގެ ޑައިލޮގް ތަކުގެ ވާހަކަ ކަމަށާ ބޮސްގެ އަގުވައްޓައިލުމަށް ކުރި މަސައްކަތާއެކުވެސް ބޮސް ކުރި ހޯދާފައިވާ ކަމަށް ނަހުލާ ބުންޏެވެ. "ބޮސްގެ ޑައިރެކްޓަރު ރިޝްމީ އަތުންވެސް ތި ބަލިވީ" ކަމަށް ބުނެ ނަހުލާ ވަނީ ރިޝްމީއަށް މަރުހަބާ ކިޔައިފައެވެ.

ނަހުލާގެ މި ސްޓޭޓަސް އަކީ ނޫސްވެރިންނާ ގުޅިގެން ބޮސް އާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާތީ ޖެހި ސްޓޭޓަސް އެއް ކަމަށް "ސަން" އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. އަދި އެހެން މީހުންގެ ފިލްމު ތަކާ ގުޅޭގޮތުން މީޑިއާގައި "ވާހަކަ" ދެއްކުމަކީ ނަހުލާ ނުކުރާނެ ކަމެއްކަމަަށްވެސް އޭނާ ބުންޏެވެ.

ބޮސްގެ ހައުސްފުލް ޝޯތައް ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ 14 ހިސާބެއްގައި ދައްކަމުން އަންނައިރު އަދިވެސް ބޮސް އަޅުވައިދިނުމަށް އެދި ރިކުއެސްޓް ކުރާ ރަށްތައް ކިއުގައި އެބަހުއްޓެވެ.

ބޮސްގެ ޕްރިމިއާ ނައިޓްގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފައްތާހުގެ ރިކޯޑް ބްރޭކިން މޫވީގެ ގޮތުގައި ޕްރޮމޯޓްކުރި ހައްދު ރިކޯޑަކާ ހަމައަަށް ނުގޮސް ނަހުލާގެ ބޮސް އާ ކުރި ޗެލެންޖް ފެއިލް ވުމުން ފައްތާހު މާޔޫސްވީ ކަމަށް ބައެއް މީހުން ދެކެއެވެ. ހައްދު އާއި އަޅާކިޔާއިރު ބޮސް އަށް ކުރި ލިބޭތީ ސޯޝަލް މީޑިއާގައި މީހުން ފާޅުކުރާ ހިޔާލުތަކަށް ކެތް ނުކުރެވި، ނޫނީ ނަހުލާއަށް ފަލަ ސުރުހީ ތަކުން ޖާގަ ލިބޭ މިންވަރު އިތުރުވާތީ، ފައްތާހުވެސް ބޮޑު ސުރުހީއަށް އަރަން ބޭނުންވީ ކަމަަށް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނެއެވެ. މި ސްޓަންޓަށް ފަހު ފައްތާހު އެނބުރި އަންނާނެ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ބަލަން ތިބެމާދޯއެވެ.

ނަހުލާގެ ސިލްވާ ޖުބްލީއަށް ތައްޔާރުވަމުން ދާއިރު ބޮސްގެ 25 ވަނަ ޝޯއަށް ތައްޔާތުތޯއެވެ؟ ސްޓޭޖް މަތިން ފިލްމުގެ ތަރިންނާ ބައްދަލުވާނެއެވެ. ނަހުލާގެ ފަރާތުން ހާއްސަ ސަޕްރައިޒެއްވެސް އެބައޮތެވެ.

comment ކޮމެންޓް