ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފާއިތުވި ހަތަރު އަހަރު ރާއްޖޭގައި އިޖުތިމާއީ އަދާލަތު ގާއިމްކޮށްދެއްވައިފި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުރިއަށްދާ "ބަހާރެކޭ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ފެނިގެންގޮސްފައި ވަނީ މަގުތަކުގައި މުޒާހަރާކުރުމާއި ތަންތަނުގައި އަލިފާން ރޯކޮށް މީހުންނަށް ބަދުބަސްތައް ބުނަމުންދިޔަ މަންޒަރު ކަމަށެވެ. ނަމަވެސް މިއަދު އެފަދަ ކަންތައްތައް ރާއްޖެއިން ފެންނަމުން ނުދާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"މަގުމަތީ އޮތީ މުޒާހަރާ. މީހުންގެ ތެރޭގައި ނޭއްގާނީ ބަދުބަސްތައް ބުނުމާ އަރާރުންވުން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އަލިފާން ރޯކުރުން ފަދަ ކަންތައް. އެކަމަކު އަޅުގަންޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ އަޅުގަނޑުމެންނަށް އިޖްތިމާއީ އަދާލަތު ގާއިމްކޮށްދެއްވާފައި،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ފާއިތުވި ހަތަރު އަހަރު ސަރުކާރުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ކަމަށާއި އެ ކުރިއެރުމާއި ތަރައްގީ އިތުރަށް ފުރިހަމަ ކުރުމަށް ސަރުކާރަށް އިތުރު ވަގުތު ދޭންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ތައުލީމަކީ ތަރައްގީގެ ބިންގާކަން ފާހަގަ ކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސް ޔާމީން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ސަރުކާރުން ޕްރޮގްރާމްތަކެއް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުންގެ ފެންވަރު މަތިކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން ފާސްވާ ކުދިންގެ އަދަދު އިތުރުވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"މަދުރަސީ ތައުލީމުގެ އާމަންހަޖެއް ތަންފީޒު ކުރައްވަން ވަނީ ފައްޓަވާފަ. މުޅިން އާ ޔުނިވާސިޓީއެއް ވަނީ ގާއިމް ކޮށްދެއްވާފަ. މަސައްކަތްތެރި ކަމުގެ ތައުލީމު އާންމުކޮށްދެއްވައިފި،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ނިޒާމަށްވެސް މި ސަރުކާރުން ބޮޑު ބަދަލެއް ގެންނަމުން އަންނަކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"66 ބޭފުޅަކަށް ކިޑްނީ. 34 ކުދިންގެ ބޯންމެރޯ އަދި ހަ ބޭފުޅަކަށްގެ ލިވާ ޓްރާންސްޕްލާންޓް މި ސަރުކާރުން ވަނީ ހަދާދީފަ. މިއީ ވަރަށް ބޮޑެތި ޚިދުމަތްތައް. އައިޖީއެމްއެޗްގައި ގާއިމް ކުރެވުނު ކާޑިއެކް ސެންޓަރުން 21471 މީހަކަށް ވަނީ ޚިދުމަތް ދެވިފަ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރަމުން އަންނަ ބާރު ދިވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ވެސް އިތުރު ވަގުތު ސަރުކާރަށް ދޭންޖެހޭ ކަމަށެވެ.
އެއްޒަމާނެއްގައި ދިވެހި އިސްރަށްވެހިންނަކީ އެބޭފުޅުންނަށް ދޭންޖެހޭ ގަދަރު ނުދެވި ތިބި ބައެއް ކަމަށާއި، މުޖްތަމައުގައި އިސްރަށްވެހިންގެ ގަދަރު އުފުއްލެވީ މިސަރުކާރުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަންހެނުންނަށް އެކަނބަލުންގެ ހައްގުތައް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖެންޑާ އީކުއެލިޓީ ގާނޫނާއެކު އަންހެނުންނަށް ދިމާވެފައިހުރި އެކި ކަހަލަ އިގްތިސާދީ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.