ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ތިން ވަނަ މެޗުގައި މަގޫދޫ އަތުން މަނަދޫ އިން ހަނި މޮޅެއް ހޯދައިފި އެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗު މަނަދޫ އިން ކާމިޔާބު ކޮށްފައި ވަނީ 0-1ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ހަމައެކަނި ލަނޑު މަނަދުއަށް ޖަހައިދިނީ އެ ޓީމުގެ އިބްރާހިމް ނައުފަލެވެ. އެ މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ.
މުބާރާތުގައި މިހާތަނަށް ޖުމްލަ ތިން މެޗު ވަނީ ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ލަންދޫ އިން ވަނީ އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދޫ ގެ މައްޗަށް 0-1 އިން ކުރި ހޯދައިފަ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި އިއްޔެ މާފަރާއި މިލަދޫ ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކުރީ މިލަދޫ އެވެ.
އެ މުބާރާތުގައި މާދަމާ ހަވީރު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު ކުޅޭ ގްރޫޕް ދޭއްގެ މެޗުގައި ބައްދަލުކުރާނީ ހެނބަދޫ އާއި ކުޑަފަރީ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ.
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
- ގްރޫޕް އެކެއް: ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.
- ގްރޫޕް ދޭއް: މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް: ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.