ދިވެހި ލަވަކިޔުންތެރިން ރޭޓްކޮށް ލިސްޓެއް އެކުލަވާލާ ނަމަ އެލިސްޓުގެ އެންމެ ކުރީގައި އޭނާ ހިމެނޭނެ އެވެ. އޭނާ ނިސްބަތްވަނީ މިއުޒިކީ އާއިލާ އަކަށެވެ. ނަމަވެސް އެންމެ ފުރަތަމަ ބޭނުންވީ ލަވަ ކިޔަން ސްޓޭޖަށް އަރާކަށް ނޫނެވެ. އޭނާގެ ހިތް އޮތީ ފުޓްބޯޅަ ދަނޑަށެވެ. ބޭބެއެއްގެ އެދުމަކަށް ލަވަ ކިޔަން ސްޓޭޖަށް އެރިފަހުން މިހާރު ހިތް އޮތީ މި ދާއިރާއަށް އެއްކޮށް ދެވިފަ އެވެ.
މިއީ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ކުރު ތައާރަފެކެވެ. ތޭރަވާ ނިސްބަތްވަނީ ގިނަ ފަންނާނުންތަކެއް އެރަށަކުން އުފެދިފައިވާ އަދި ގިނަ ހުނަރުވެރިންތަކެއް މިހާރު ވެސް އެރަށަކުން އުފެދެމުންދާ ޅ. ނައިފަރަށެވެ. އޭނާގެ އާއިލާ އަކީ މިއުޒިކީ އާއިލާއެކެވެ. ކުޑައިރު ސްކޫލުގައި އުޅުނު އިރު އާއިލާގެ މެންބަރުން ލަވަކިޔާތަން ފެނުނު ނަމަވެސް އޭރު އޭނާގެ ހިތުގައި ލަވައިގެ ދުނިޔެއަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
"އަޅުގަނޑަކީ މިދާއިރާއަށް އެއްވެސް ޝައުގެއް ހުރި މީހެއް ނޫން. އިންޓަ ސްކޫލް ލަވަ މުބާރާތުގައި އަޅުގަނޑުގެ ލަވަ ކިޔާ ހަދާ، ދައްތަ ލަވަކިޔާ ރޭ ބަލާލަން އަޅުގަނޑުވެސް ދަން. އެއްބަނޑު އެއްބަފާ ދައްތަ ވީމަ އަޅުގަނޑު ދަނީ އެއްވެސް ޝައުގު ވެރިކަމެއް އެކަމަށް ހުރެގެންނެއް ނޫން." ސަން އަށް ދިން އިންޓަވިއު އެއްގައި ތޭރަވާ ބުންޏެވެ. "އޭރު ޝައުގު ހުރީ ހަމަ ފުޓްބޯޅައަށް"
އެންމެ ފުރަތަމަ ލަވަކިޔަން ސްޓޭޖަކަށް އެރީ މަދަރުސަތުލް އިފްތިތާހުގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ތޭރަވާ ބުންޏެވެ. އިފްތިތާހު އިންޓަސްކޫލް ލަވަ މުބާރާތުގައި އޭނާ ބައިވެރިވީ ބޭބެގެ އެދުމަކަށް ބޭބެ އަށްޓަކަ އެވެ.
"އޭރު ލަވަ ކިއުމުގެ ގޮތް ފާޑުވެސް ނޭނގޭ. އެފަހަރު ކީ ތޭރަވާ ލަވައެއްވެސް ނޫން،"
އެންމެ ފުރަތަމަ ލަވަމުބާރާތުން ވެސް އެކަށީގެންވާ ކާމިޔާބީއެއް އޭނާއަށް ލިބުނެ އެވެ.
"ޖެހިގެން އައި އަހަރު މުބާރާތުގައި ތޭރަވާ ލަވަކީ، އޭރު ލަވަކިޔުމުގެ ގޮތް ފާޑުވެސް ކޮންމެވެސް ވަރަކަށް އެނގެމުން އައީ،" ސްކޫލު އިންޓަ ހައުސް މުބާރާތުގައި ކީ ލަވަ މާލޭގައި އޮތް އިންޓަ ސްކޫލު މުބާރާތުގައި ވެސް ކި އެވެ.
"އެ ލަވައިގެ ރިކޯޑިން އެއް ދިވެހި ރާއްޖޭގެ އަޑުގެ ކޮންމެވެސް ޕްރޮގްރާމެއްގައި ފޮނުވީ. ލަވަ އިވިގެން ޒީރޯ ޑިގްރީ އެޓޯލްގެ މެންބަރު މޮހޮޖް އަޅުގަނޑަށް ގުޅީ. މޮހޮޖްބެ ބޭނުންވީ މާލޭގައި އޮންނަ ފަންނާނުންގެ މިއުޒިކީ އީދު ޝޯގައި އެލަވަ އެހެން ގޮތަކަށް ޒީރޯ ޑިގްރީ ބޭންޑާ އެކު ކުޅެން،" އާންމުންނަށް ތޭރަވާ ފެނިގެން ދިޔަ ފުރަތަމަ ފެނިލުމުގެ ހަނދާން އާކުރަމުން އޭނާ ބުންޏެވެ.
އޭރުވެސް ތޭރަވާގެ ހިތް އޮތީ ފުޓްބޯޅައަށެވެ. ކުޑަ މޫސަ އަކީ އޭނާގެ އެންމެ ފޭވަރިޓެވެ. "ތޭރަވާ ލަވަ ކިޔަން ރެޑީވެފައި އިނީ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ތެރެއަށް. އަޅުގަނޑަކީ ހައުސްގެ ފުޓްބޯޅަ ޓީމުގެ މެންބަރެއް. އަޅުގަނޑަށް ޖެހުނީ އަޅުގަނޑު އެންމެ ޝައުގުވެރިވާ ދާއިރާ ފުޓްބޯޅަ ދޫކޮށްފައި ފަންނާނުންގެ މިއުޒިކީ ޝޯ އަށް މާލެ އަންނަން،" ފުޓްްބޯޅަ މުބާރާތް ދޫކޮށް މާލެ އަންނަން ޖެހުނު ނަމަވެސް ތޭރަވާގެ ވަރަށް ބޮޑު ހުވަފެނެއް މި ދަތުރުގައި ސީދާވި އެވެ.
"އަޅުގަނޑުގެ ރިކުއެސްޓަކަށް ޒީރޯ ޑިގްރީ އިން އަޅުގަނޑަށް ޕްރޮމިސްއެއް ކުރި. ކުޑަ މޫސަ އާ އެކީ ފޮޓޯއެއް ނެގުން. އެ ހުވަފެން ކާމިޔާބުވި."
ތޭރަވާގެ ހިތުގައި ފުޓްބޯޅަ އަށް އޮތް ލޯބި މިއުޒިކަށް ދެވުނީ ފަންނާނުންގެ މިއުޒިކީ އީދު ޝޯއަށް ފަހު އެވެ.
"ޒީރޯ ޑިގްރީގެ ޕްކްޓިސް ސެޝަންތަކުން ފެންނަމުން ދިޔައީ އާދައިގެ ބޭބޭފުޅުންނެއް ނޫން. މަރުހޫމް ނާޝިދުމެން ފަދަ ހުނަރުވެރި ބޭބޭފުޅުން،" އެ ޝޯ ނިމުނު އިރު ތޭރަވާގެ ހަށިގަނޑުގައި މިއުޒިކްގެ ބީޓްތައް ޖަހަން ފެށި އެވެ.
ރަށު ސްކޫލުގައި އުޅުމަށް ފަހު ތޭރަވާ މާލެ ބަދަލުވެ އަހުމަދިއްޔާ ސްކޫލަށް ވަނެވެ. އެ ސްކޫލުގައި އުޅުނުއިރު އިންޓަހައުސް ލަވަ މުބާރާތުގައި ބައިވެރިވި އެވެ.
"އޭރު ވާދަކުރައްވަން ޖެހުނީ ހުސެން އަލީމެން ފަދަ ބޭބޭފުޅުންނާ. އެއީ މިހާރު ވެސް އެންމެ މަތީފަންތީގައި ގުނާލެވޭ ބޭފުޅުން،" އަހުމަދިއްޔާ އަށް ފަހު އެމްއީއެސް އަށް ބަދަލުވެ، ލަވަ ކިޔުމުގެ ސްޓޭޖުތަކުގައި ސްކޫލު ތަމްސީލު ކުރި އެވެ.
"ލަވަ މުބާރާތްތަކަށް ބަލާއިރު 1992 ވަނަ އަހަރަކީ އަޅުގަނޑަށް އެންމެ ކާމިޔާބު އަހަރު. އެއީ މުބާރާތުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނު އަހަރު،"
ސްކޫލު ދައުރަށް ފަހު ތޭރަވާ ދެން ހަރަކާތްތެރިވީ ރިސޯޓް މިއުޒިކްގެ ދާއިރާގަ އެވެ. "އެމޭޒަން ޖޭޑް"ކިޔާ ބޭންޑަކާ އެކު ރިސޯޓް މިއުޒިކްގައި ދުވަސްކޮޅަ އަކު ހަރަކާތްތެރިވި އެވެ. އެއީ އެދުވަސްވަރު ރިސޯޓް މިއުޒިކްގައި އެންމެ މަގުބޫލު ބޭންޑެވެ. ގިނަ ތަޖުރިބާތަކަކާ އެކު ތޭރަވާ ދެން ގުޅުނީ ދިވެހި ރާއްޖޭގެ އަޑާއެވެ.
"އެއީ މިހާރު އެންސީއޭ. އެންސީއޭގައި މިއަދާ ޖެންހެންދެން ވެސް މިހުރީ" އާންމުންނަށް ތޭރަވާ ފެންނަންފެށީ މިހިސާބުންނެވެ.
މެއިންސްޓްރީމް ލަވައިގެ ދުނިޔެއަށް ތޭރަވާ ނިކުތީ "ޔާރާ" ކުޑައިގެ ދަށުންނެވެ. ޔާރާ ޕްރޮޑަކްޝަންގެ އަލްބަމެއްގައި ހިމެނުނު ލަވަ "ވީރީތި ނޭނގޭ ނޭނގޭ" އަކީ އަލްބަމެއްގައި ހިމެނުނު ތޭރަވާގެ ފުރަތަމަ ލަވަ އެވެ.
އޭގެ ފަހުން މިހާތަނަށް 300 އަށް ވުރެ ގިނަ ލަވަ ތޭރަވާ ވަނީ ރިކޯޑްކޮށްފަ އެވެ. ލަވައިގެ ދުނިޔޭގައި އޭނާ ފާހަގަ ކުރެވެނީ ލަވަ ކިޔުންތެރިއެއްގެ އިތުރުން ގިނަ އަދަދެއްގެ ލަވަ އަދި ޅެން ވެސް ހަދާ މީހެއްގެ ގޮތުގަ އެވެ. ތޭރަވާ ބުނާ ގޮތުން ރިކޯޑް ކުރެވުނު ލަވައަށް ވުރެ ގިނަ ޅެން ނޫނީ ލަވަ މިހާތަނަށް ވާނީ ހެދިފަ އެވެ. "ތޭރަވާ" މި ލަވައިގެ "ގަސްތަކު ތެރޭ ފިލާ މަ އޮތީމޭ" މި ކަޑިއަކީ ތޭރަވާގެ ޅެންވެރިކަމުގައި އެޅި ފުރަތަމަ ފޮޅުވަތެވެ. އޭރު އެކަމަށް އެއްވެސް ޝައުގެއް ނެތި އެޅި ފިޔަވަޅުން ތޭރަވާ މިހާރު ފާހަގަ ކުރަނީ ގިނަ އަދަދެއްގެ ގައުމީ އަދި ލޯބީގެ ލަވަތައް ހަދާ ހުނަރުވެރިއެއްގެ ގޮތުގަ އެވެ. އެކި ފިލްމުތަކަށާއި މުނާސަބުތަކަށް އަދި ލަވަމުބާރާތްތަކަށް 500 އަށް ވުރެ ޅެން މިހާތަނަށް ހެދިފައިވާނެ ކަމަށް ތޭރަވާ ބުންޏެވެ.
އެތައް ސަތޭކަ ލަވައެއް ރިކޯޑު ކުރެވުނު އިރު ތޭރަވާ އަށް އެންމެ ޚާއްސަ ލަވައަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އަޝްފާ އާއެކު ރިކޯޑު ކުރި އެންމެ ފުރަތަމަ ލަވަ "ދަން ދަން ދަންވަރު" މިލަވަ އެވެ.
ލަވަ އާއި މިއުޒިކްގެ ދާއިރާގައި ތޭރަވާ ވަނީ 16 އަހަރު ހޭދަކޮށްފަ އެވެ. ގިބަ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އެގޮތުން 2011 އިން 2013 އަށް ބޭއްވި ގައުމީ ފިލްމު އެވޯޑްސްގެ އެންމެމޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަގާމާއި ގައުމީ ފިލްމު އެވޯޑްސް 6ގެ އެންމެމޮޅު ލަވަކިޔުންތެރިޔާގެ މަގާމާއި، [އިލްޝާ] ފިލްމު އެވޯޑް 2014ގެ އެންމެމޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަގާމު ތޭރަވާ ވަނީ ހާސިލްކޮށްފަ އެވެ.
ލަވަ ކިޔުމާ ޅެން ހެދުމުގެ އިތުރުން ތޭރަވާ އަންނަނީ އެކިއެކި ލަވަ މުބާރާތްތަކާއި މަދަޙަ މުބާރާތްތަކުގައި ފަނޑިޔާރުކަން ވެސް ކުރަމުންނެވެ. އަދި ގައުމީ އެކިއެކި މުނާސަބަތުތަކުގަޔާއި، އަދި ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާ ގުޅިގެން ބާއްވާ ޝޯތަކުގައި ތޭރަވާގެ ހުށަހެޅުންތައް ފެނިގެންދެ އެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތޭރަވާ ވަނީ ޝޯތައް ދީފަ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ބާއްވާ އިންޓަނޭޝަނަލް ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގައި ބައިވެރިވި ލަވަކިޔުންތެރިންނަށް ލަވަކިޔުމުގެ ހުނަރުތައް ދަސްކޮށްދީ އެކުދިންގެ ލަވަކިޔުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ތޭރަވާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. މޯލްޑިވިއަން އައިޑަލްގެ ކުރިއަށް އޮތް ސީޒަނުގައި ވެސް ތޭރަވާގެ ވަޒީފާ އަކީ މިއެވެ.
ލަވަ އާއި މިއުޒިކްގެ ދާއިރާގައި މަސައްކަތެއް ކުރެވުނު ކަމުގެ އިހްސާސް މި އަހަރުގެ ޖުމްހޫރީ ދުވަހު އޭނާ އަށް ވަނީ ކުރެވިފަ އެވެ. ޕާފޯމިންގް އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި މީހުން ތަމްރީނު ކުރުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން ތޭރަވާ އަށް ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފަ އެވެ.
"އަޅުގަނޑަށް ހީވަނީ ލައްކަ މަސައްކަތް ކުރެވިއްޖެހެން މިވީ 16 އަހަރު ތެރޭ. އަޅުގަނޑަށް ހީވަނީ ރަނގަޅު މަސައްކަތެއް ކުރެވިފައި އޮތީމާހެން ދިވެހި ސަރުކާރުން އެކަން އެޕްރިޝިއޭޓް ކުރައްވާނީ،" ގައުމީ އިނާމާ ގުޅޭ ގޮތުން ތޭރަވާ ބުންޏެވެ.
މި ދާއިރާގައިކޮށްފައި ހުރި މަސައްކަތްތަކާ މެދު ތޭރަވާ ހުރީ 70 ޕަސެންޓް ހިތްހަމަ ޖެހިފަ އެވެ.
"އަޅުގަނޑު ދެރަވަނީ އަޅުގަނޑުގެ ސޯލޯ އަލްބަމެއް ނެތީމަ. ބޮޑަށް އަޅުގަނޑު ފެނިގެން މިދަނީ އެހެން މީހުންގެ މަސައްކަތްތަކުގައި. ދަންނަވާލަން އޮތީ އެއީ އަޅުގަނޑެެއް ނޫނޭ. އަޅުގަނޑުގެ މަސައްކަތް އަދި އިރާދަ ކުރެއްވިއްޔާ ފެންނަން އޮތިއްޔޭ" ތޭރަވާގެ ސޯލޯ އަލްބަމެއްގެ މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް އޭނާދިނެވެ. އެކަމަކު އެ މަސައްކަތް ކުރާނީ ވަރަށް ހަމަޖެހިގެން ކަމަށް އޭނާ ބުނެ އެވެ.