ހަރާރޭ (ނޮވެމްބަރު 17): ޒިމްބާބުވޭގެ އަސްކަރިއްޔާ އިން މިިދިޔަ ހަފްތާގެ ބުދަ ދުވަހު އެގައުމުގެ ރައީސް ރޮބާޓް މުގާބޭ 'ގޭ ބަންދުގައި' ބެހެއްޓި ފަހުން އޭނާ ފުރަތަމަ ފަހަރަށް ރިޔާސީ ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގެންފި އެވެ.
ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގެ ޔުނިވާސިޓީއެއްގައި އޮތް ގްރެޖުއޭޝަން ހަފްލާއަށް މުގާބޭ ވަޑައިގެންނެވި އިރު އެ ހަފްލާއަށް އަނބިކަނބަލުން ގްރޭސް ވަޑައިނުގަންނަވަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ގްރޭސް ވަނީ އެގައުމު ދޫކުރައްވާ ނަމިބިއާއަށް ވަޑައިގެންފަ އެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ސިފައިން ދަނީ ރައީސް މުގާބޭއާ މަޝްވަރާތައް ކުރަމުންނެވެ. އަދި މުގާބޭގެ ސަރުކާރުގައި ތިއްބެވި މުޖުރިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަސްކަރިއްޔާ އިން ބޭނުން ވަނީ ކުރީގެ ނައިބު ރައީސް އެމާސަން ނަންގާގުވާ ވެރިކަމަށް އިސްކުރާށެވެ. ނަމަވެސް ވެރިކަން ކުރައްވާތާ 37 އަހަރުވެފައިވާ މުގާބޭ ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ޒިމްބާބުވޭގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ނަންގާގުވާ އަކީ އެގައުމުގެ އަސްކަރިއްޔާގެ ބޮޑު ތާއީދެެއް އޮތް ފަރާތެކެވެ. (އަލްޖަޒީރާ)