މުގާބޭގެ ވެރިކަން ވައްޓާލިފަހުން ހާލަތު މާ ގޯސް: ޒިމްބާބުވޭގެ ރައްޔިތުން

ޒިމްބާބްވޭގެ ރައްޔިތުންތަކެއް--

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭގެ ވެރިކަން ވައްޓާލިފަހުން އެގައުމުގެ ހާލަތު މާގޯސްކަމަށް އެގައުމުގެ ރައްޔިތުން ބުނެފި އެވެ.

ބަޣާވާތެއްގައި މުގާބޭގެ ވެރިކަން ވައްޓާލީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އެގައުމުގެ ރައީސްކަން ކުރައްވަމުންގެންދަވަނީ އިމާސަން މުނަންގަގްވާ އެވެ.

މުގާބާގެ ވެރިކަމުގައި އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވިޔަސް، އެމަނިކުފާނުގެ ވެރިކަން ވެއްޓުނުފަހުން އިގްތިސާދު ރަނގަޅުވާނެކަމަށް އެގައުމުގެ ގިނަ ބަޔަކު އުއްމީދުކުރި އެވެ. މުގާބާގޭ ވެރިކަން ވެއްޓުމާ އެކު އެތައް ބަޔަކު އުފާފާޅު ވެސް ކުރި އެވެ.

"މުނަންގުވާ ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ބަދަލެއް ނުފެނޭ. އޭގެ ބަދަލުގައި ހާލަތު އިތުރަށް ގޯސްވީ. ވަޒީފާއެއް ނުއުފެއްދޭ. އިގްތިސާދު މިއޮތީ މުޅިން ގޯސްވެފައި،" ޒިމްބާބްވޭގެ މީހެއް ކަމަށްވާ އަމޯސް ޗިވެޑޭޑޭ ބުންޏެވެ.

މުނަންގަގްވާ ވެރިކަމަށް އައިތާ ތިން އަހަރުވީއިރު ވެސް ވައުދުތައް ނުއުފެއްދޭތީ އެގައުމުގެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

އެގައުމުގައި ތަކެތީގެ އަގު 700 ޕަސެންޓް މައްޗަށް ޖެހިފައިވާއިރު ބޭރު ފައިސާއަށް ޖެހި ފައިސާގެ އަގު ދަށްވެ ލިބޭ މުސާރައިން ދެކޮޅު ގިނަ ބަޔަކަށް ނުޖެހެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ދަ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ޒިމްބާބްވޭއަށް މިހާރު ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް ކުރިމަތިވި އެންމެ ބޮޑު ބަނޑުހައިހޫނުކަން ކަމަށެވެ. އެގޮތުން 7.7 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާކަމަށް އެ ޕްރޮގްރާމުން ބުންޏެވެ.

މުގާބޭގެ ވެރިކަމަށް ފަހު އިންސާނީ ހައްގުތައް ވެސް ރަނގަޅުވެފައިނުވާތީ އެކަމާ މެދު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. މިހާރު ވެސް އެކްޓިވިސްޓުންނާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރު ދައްކައި ހައްޔަރުކުރުމުގެ މައްސަލަތައް ދަނީ ފެންނަމުންނެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް