ބަޣާވާތްކުރި މީހުން ޖަނާޒާގައި ބައިވެރިނުވުމަށް މުގާބޭ ވިދާޅުވި: އާއިލާ

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވަނީ އުމުރުން 95 އަހަރުގައި އަވަހާރަވެފަ -- ފޮޓޯ: އޭއެފްޕީ

ހަރާރޭ (ސެޕްޓެމްބަރު 9): ޒިމްބާބުވޭގައި 2017 ވަނަ އަހަރު ކުރި ބަޣާވާތުގައި ބައިވެރި މީހުން ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ޖަނާޒާގައި ބައިވެރިނުވުމަށް އޭނާ އެންގެވިކަމަށް މުގާބޭގެ އާއިލާއިން ބުނެފިއެވެ.

މުގާބޭގެ އާއިލާގެ މެމްބަރަކާ ހަވާލައިދީ އަލްޖަޒީރާގައި ވާގޮތުން މުގާބޭ އަވަހާރަވުމުގެ ކުރިން އޭނާ ވަނީ އޭނާގެ ޖަނާޒާ ކުރިއަށްގެންދާނެ ގޮތާ ބެހޭ އިރުޝާދުތައް ދެއްވާފައެވެ. އެގޮތުން އޭނާގެ ވެރިކަން ވައްޓާލި މީހުން ޖަނާޒާގައި ބައިވެރިވެގެން ނުވާނެކަމަށާއި އޭނާ ފަސްދާނުލާން ޖެހޭނީ އުފަން އަވަށް ކަމަށްވާ ޒުވިމްބާގައި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާ ވަނީ މުގާބޭއަކީ "ގައުމީ ބަތަލެއް"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އޭނާ ފަސްދާނުލާނީ ގައުމުގެ ވެރިރަށުގައި އޮންނަ "ނެޝަނަލް ހީރޯސް އޭކާ"ގައި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

މުގާބޭގެ އާއިލާގެ މެމްބަރު ބުނީ އެ މައްސަލައާ ބެހޭ ގޮތުން އެ އާއިލާއިން މިހާރު ސަރުކާރުގެ އޮފިޝަލުންނާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

ނަވާރަސަތޭކަ އަށްޑިހައިގައި ޒިމްބާބުވޭއަށް މިނިވަންކަން ލިބުނު ފަހުން ހަތް އަހަރުވަންދެން މުގާބޭ އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން 30 އަހަރުވަންދެން ރައީސްކަން ކުރެއްވިއެވެ.

މީގެ ދެ އަހަރު ކުރިން މުގާބޭ ވެރިކަމުން އިސްތިއުފާ ދެއްވީ އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް، މުގާބޭއާއި އޭނާގެ އަނބިކަނބަލުން ގޭ ބަންދުގައި ބައިތިއްބައިގެން ތިބޭތާ ހަފްތާއެއް ފަހުން، 21 ނޮވެމްބަރު 2017 ގައެވެ. އެ ބަޣާވާތް ކުރީ އޭރު ނައިބު ރައީސްކަމުގައި ހުންނެވި މަނަންގާގުވާ އެ މަގާމުން ދުރުކުރުމުންނެވެ. އަދި އެމަގާމަށް ދެން އައްޔަން ކުރާނީ އަނބިކަނބަލުން ގްރޭސްކަމަށް ހަބަރު ފެތުރުމުންނެވެ.

އޭގެ ފަހުން މުގާބޭގެ ޒަނޫ ޕީއެފް ޕާޓީން އެޕާޓީގެ ލީޑަރު ކަމުން މުގާބޭ ދުރުކޮށް އެމަގާމަށް މަނަންގާގުވާ ގެނައެވެ. އަދި ބަޣާވާތަށް ފަހު މަނަންގާގުވާ ވެރިކަމާ ހަވާލުވީއެވެ.

މުގާބޭގެ އާއިލާގެ މެމްބަރު ބުނި ގޮތުގައި ބަޣާވާތަށް ފަހު މުގާބޭއާއި މަނަންގާގުވާގެ ގުޅުން ގޯސްވިއެވެ.

މުގާބޭ އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ މަސްތަކެއްވީ ފަހުންނެވެ. އޭނާ އަވަހާރަވީ ކޮން އާލާސްކަންފުޅެއްގެ ސަބަބުން ކަމެއް އާއިލާއިން ހާމަނުކުރެއެވެ.

comment ކޮމެންޓް