ނޭނގި ހިތާ ކުޅެލީ - 02

ލިވިއާ ކޮޓަރިއަށްވަން ގޮތަށް ދަބަސް އެނދާއި ދިމާލަށް ހޫރުވާލައިފިއެވެ. ރޫބީ އަނގޮޓިވެސް ނަގާފައި އެއްލާލަން ހިތަށް އަރާފައިވެސް ލޯބިވާ ލުކުމާން ދިން އެއްޗަކަށް އެހެން ހަދާކަށް ނުކެރުނެވެ. ނަމަވެސް މިއީ އަސްލު ރޫބީއެއް ނޫންކަން އޭނައަށް ޔަގީނެވެ. ފޯނުން އަލިއަޅުވާލާފައި އެކި ގޮތްގޮތަށް ބެލިއެވެ. ނޭގުނެވެ. ޔަގީނެއްނުވިއެވެ. ފާޑުފާޑުގެ އެސްތަކާއި ޖަވާހިރުތައް ވިއްކާ ފިހާރައަކަށްގޮސް އެ ރޫބީގެ ހަގީގަތް ބަލަން ނިންމިއެވެ. ހިތުގައިވާ ޝައްކުތައް އޭރުން ފިލާފާނެ ނޫންހެއްޔެވެ؟ ހެދުން ބަދަލުކޮށްލާފައި އޭނަ މޫނުގައިވާ މޭކަޕް ފިލުވައިލާ މޫނުގައި ކްރީމް ހޭކިއެވެ. ނިދަން ތައްޔާރުވެގެން އެނދަށް ވެއްޓިގަތްގޮތަށް ގުޅައިލީ ސަވާނާއަށެވެ.

ސަވާނާއަކީ ލިވިއާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތުވިޔަސް ދެކުދިންގެ އެކުވެރިކަން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. ކޮންމެ ދުވަހަކުހެން ދެކުދިން ބައްދަލުކޮށް އެކީ ވަގުތު ހޭދަކުރެއެވެ. ސަވާނާ ދިން ޚަބަރަކުން ލިވިއާ ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ.

"ވަ...ވަޓް؟ "

"ލަން....ލަންޑަނަށް ދަނީއޭ؟"

"ރިލެކްސް ލިވީ އެއްކޮށް ބަދަލުވާކަށް ނޫނޭ. ބައްޕަ މެރީ ކުރަންވެގެން އެކޮޅަށް ދަނީ............" ސަވާނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

"އޯ. މައި ގޯޑް. އެހެން ދޮންމަންމައެއް ގެންނަނީތަ؟ ތިއޮތީ ކަންތަކާ ޖެހިފައި...." ލިވިއާ ބުނެލިއެވެ.

"މިފަހަރު މެރީ ކުރަނީ މަންމައާއި. ބައްޕަ ބުނީ މަންމަގެ ކުށެއްނެތި އޯ ދޫކޮށްލެވުނީ. އަހަންނަށް ރަގަޅުވާނީ މަންމަ އާ އަލުން ގުޅުނީމަ ކަމަށް ބައްޕަ ބުނުއްވީ. ދޮންމަންމަމެން ތިބިއިރު ވަރަށް ކޫލް. ދެން މަންމަ އައީމަ ވާނެގޮތެއް ނޭގޭ. ޝީޒް ޓޫ މަޗް. އަހަރަކު އެއްފަހަރު ފެނިލާއިރުވެސް އެހާވަރަށް ލެކްޗަރުދޭނެ. މަންމަ އުޅެނީ ދެން އެހެން ގޮތަކަށް. އެހެން އުޅުނީމާ ބުނާނީ ވައްހާބީއޭދޯ. ކަޅުހެދުން ލާފައި ހުންނަނީ. އެނީވޭސް މަންމަ ވާނީ މަންމައަށް. އެގުޅުމެއް ނުކެނޑޭނެ އަދި ޚިޔާލު ތަފާތުވިއެއްކަމަކު. އެހެންވެ މަންމަ އަޔަސް ވީވަރަކުން ބަލާނަން މަންމައާއި ގުޅިގެން އުޅެން.............." ސަވާނާގެ ޚިޔާލު ހުރިގޮތް ލިވިއާއާއި ހިއްސާކުރިއެވެ.

ސަވާނާގެ ބައްޕަ އިމާދުއްދީންގެ ހަޔާތުގައި ތިންމީހުންނާއި ކައިވެނިކޮށްފައިވިއެވެ. އެންމެފަހަށް އިނދެގެން އުޅުނީ އެމެރިކަންއަކާއެވެ. ނަމަވެސް އޭނަގެ ސަބަބުން ސަވާނާގެ އުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ފާހަގަވެ އިމާދުއްދީން އަންހެނުން ވަރިކުރީއެވެ.

ލިވިއާއާއި ސަވާނާ އިރުކޮޅެއްވާންދެން އަނގަތަޅާލަން ތިބުމަށްފަހު ނިމުމާއިއެކު ލިވިއާ ފޯނު އަތުކޮޅަށް އެއްލާލައިފިއެވެ. ޗުއްޓީހަދާލާ ބާޒާރުކޮށްލަން އެކި ގައުމުތަކަށް ދާއިރު މިވީހާތަނަށް އޭނައަށް ދައުވަތުދީފައެއް ނުވެއެވެ. ނަމަވެސް ލިވިއާގެ އުފަންދުވަހު ސަވާނާގެ ފަރާތުން އަގުހުރި ހަދިޔާތަކެއް ލިބިފައިވެއެވެ. ވީއިރު މިލިއަނަރެއްގެ ދަރިއަކާއި ރައްޓެހިވުމުގެ ފައިދާ ނެތެކޭވެސް ނުބުނެވޭނެއެވެ.

"ލަންޑަނަށް ސިންގަޕޫރުތަންތަނަށް ޝޮޕިންއަށް ދާއިރު އެންމެފަހަރަކުވެސް ގެންދިޔައްޔާ ވާނީ ކީއްތަ؟ " ލިވިއާ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލިއެވެ. ނުސީދާކޮށް އެތައްފަހަރު ބުނެވުނުއިރުވެސް ސަވާނާއަށް އޭނަގެ ހިތުގައިވާ އެއްޗެއް ދޭހަވާކަމަކަށް ނުވިއެވެ. ލުކުމާންއެކޭ ސަވާނާއެކޭ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ އެންމެ ގާތް ދެމީހުންނަށްވެސް އޭނަގެ ހިތުގެ އިހުސާސްތައް ކިޔާކަށް ނޭގެއެވެ. ސީދަލަށް ބުންޏަސް އެދެމީހުންނަށް އޭނަގެ ހިތް އެކަމަށް ބޭނުންވާވަރެއް ނުވިސްނެއެވެ.

ސަވާނާ ފުންނިދީގައި އޮތްވާ ހޭވެރިކަންވީ ކޮންމެވެސް މީހަކު ގޮވަންފެށި އަޑަށެވެ. އެހާ އަރާމުގައި ކުއިލްޓްދަށުގައި އޮތްވާ މީހަކު އަތުގައި ހިފާ މަޑުމަޑުން ތަޅުވަން ފެށުމުން ކަންނެތްގޮތަކަށް ލަސްލަހުން އެސްފިޔަތައް ދުރުކޮށްލައިފިއެވެ. ފަނޑު އަނދިރިކަމުގެ ތެރެއިން މަންމަ ނަބީލާގެ މޫނު ހާމަވިއެވެ.

"ސަވާނާ. ފަތިސް ނަމާދަށް ތެދުވޭ...." ނަބީލާ ކުއިލްޓްވެސް ގައިމަތިން ނަގައިފިއެވެ.

ރުޅިވެރިކަން އެތެރެއަށް ހިންދާލަމުން ސަވާނާ ތެދުވެ ޓައިލްސްމަތީގައި ހުރި މަޑުފައިވާނަށް ދެފައިތިލަ ކޮށްޕާލައިފިއެވެ. އެވެސް ވަނީ ފިނި ހިފާލާފައެވެ. ކިތަންމެ ފިނިގަދަވިޔަސް އެއައކޮންޑިޝަން އެންމެ ފިނިކޮށް ބަހައްޓައިގެނެއް ނޫނީ ސަވާނާއަކަށް ނުނިދޭނެއެވެ. މަންމަގެ އެންގުމަށް ދެކޮޅުހެދުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނުމެއްނެތި އޭނަ ފާޚާނާއަށްވަދެ މޫނުދޮވެ ހެދިއެވެ. ވުޟޫކުރީ މަތިމަތިންނެވެ. ރަގަޅަށް ލޯ ހުޅުވައިނުލެވި ހުރެ މުސައްލާމަތީގައި ނިތްޖަހައިލިއިރު ނިދިގެން ހަމަ ވެއްޓެނީއެވެ. ސަވާނާގެ އުމުރުދުވަހުވެސް ނަމާދުކުރި ހަދާނެއްނުވެއެވެ. ދޮންމަންމަމެން ދުވަހަކުވެސް އޭނައަށް އެކަމަކަށް އަމުރެއްނުކުރެއެވެ. ކުޑައިރު އުޅުނީ ޔޫރަޕްގައެވެ. ދޭތެރެއަކުން އަންނަ ޗުއްޓީއެއްގައި މަންމަމެންނަށް ފެނިލިޔަސް އޭނައަކަށް އަދި ދީނީ ކަންތައްތަކެއް އެހާ އެނިގިފައެއްނެތެވެ. ވާހަކަދައްކަން ފަރިތައީވެސް އިނގިރޭސިބަހުންނެވެ. ދޮންމަންމަމެންނާއި ނެނީއިންގެ ބެލުމުގެ ދަށުން ބޮޑުވެފައިހުރި ސަވާނާއަށް މަންމައެއްގެ ލޯތްބަކީ ކޯނޗެއްކަމެއްވެސް އެނގިފައެއްނެތެވެ. އެލޯބި ހޯދަން އޭނަ ދުވަހަކުވެސް މަސައްކަތެއްނުކުރެއެވެ. އެންމެފަހަށް ލިބުނު ދޮންމަންމަ ޖެސިކާގެ ސަބަބުން އޭނަ ކްރިސްމަސްފަދަ ދުވަސްތައް ފާހަގަކޮށް އުޅުނެވެ. އީދު ދުވަހަށްވުރެވެސް ސަވާނާ ކްރިސްމަސްއަށް ޝައުގުވެރިވިއެވެ. ނަމަވެސް އޭނަ އެދީން ގަބޫލުކުރަނީއެއް ނޫނެވެ. ދީނާއިމެދު ވިސްނާލާނެ ވަގުތެއް ކޮންމެހެން ސަވާނާއަކަށް ނުލިބެއެވެ. ސަޖިދައިގާ އޮވެ ނުނިދުނީވެސް ކިރިޔާއެވެ. ސަވާނާ އެންމެ ގިނަ ވަގުތު ހޭދަކުރީ ސަޖިދައިގައެވެ.

ނަބީލާ އިރުކޮޅެއްފަހުން ދޮރު ހުޅުލާވިއިރު ފެނުނީ ސަވާނާ މުސައްލަމަތީ ނިދާފައި އޮތްވައެވެ.

"ދަރިފުޅާ. ތިއީ ނިދާ ތަންމައްޗެއް ނޫނޭ. ހެއްދެވިފަރާތަށް ކުއްތަންވެ ޚުޝޫއަތްތެރިކަމާއިއެކު އަޅުކަންކުރާ ތަނަށް އިހުތިރާމެއްވެސް އޮންނަންވާނެ. ތެދުވޭ. މަންމަ އެބައަންނަން ކޮފީއެއް ހަދާލައިގެން. މާލަހުން ނިދާތީ އޭ ސަވާނާ ފަތިހުވެސް ނިދި ބަރުކައިގެންފަ ތިހުންނަނީ........" ނަބީލާ ސަވާނާ ބިންމަތިން ނަގާފައި ކޮޅަށް ބެހެއްޓުމުން ސަވާނާ ހިނގައިގަތީ އެނދާއި ދިމާލަށެވެ.

"އޯ ޕްލީޒް. ދެން މަންމައަކާއި ހެދި ނެތެއްނު ނިދޭކަށްވެސް. އެންމެ އަރާމުކޮށް ނިދާލެވޭ ގަޑި. އެއީ ކީއްވެ ބާ މަންމަ އެހެން ހަދަނީ؟ ގަސްތުގައި މަށަށް ނިދިޔަ ނުދޭން ކަމަށްވާނީ...." ސަވާނާގެ ހިތުގައި ޝައްކު އުފެދުނެވެ. އެނދަށް އެރިޔަސް ލޮލަށް ނިންޖެއްނައެވެ. އަމިއްލަ މިނިވަންކަމާއިއެކު ހިތުހުރިގޮތަކަށް އުޅެން ދޫކޮށްލާފައި ހުއްޓާ މިގޮތަށް މަންމަ އަމުރުކުރަން ފެށުމަކީ ގައިމު ސަވާނާ ރުހޭކަމެއްނޫނެވެ.

މަންމަ އައުމުން ހީކުރިވަރަށްވުރެ އުދަގޫވެއްޖެއެވެ.

ހެނދުނު ނާސްތާ ތައްޔާރުކޮށްފައި ގަޑިއަށް ނާސްތާކުރަން ދާން ސަވާނާއަށް ޖެހުނެވެ. ޑެނިމް ޖިންސަކާއި އެކު ލާފައި ހުރި ހުދުކުލައިގެ ޓީޝާޓު އޮތީ ގަޔަށް ދޫކޮށެވެ. އަތުންވެސް ސޮއްސާލާފައެވެ. އޭނަ އާއްމުކޮށް ލައިއުޅެނީ އެކަހަލަ އޯވާ ސައިޒް ހެދުންތަކެވެ. އުޅޭހިތްވަނީ ނިކަން ސާދާކޮށެވެ. އެއްވެސް މޭކަޕެއް ނުކުރާތާގައި އެންމެ ގަހަނާއެއްވެސް ބޭނުންކޮށްފައެއް ނެތެވެ. އެކަނދުރާވެސް ވަނީ ފަޅަށެވެ. އޭނަގެ ކްލޯޒެޓްގައި އެހުރިހާ އެއްޗެއް ފުނިޖެހިފައިވީ ނަމަވެސް ޚާއްސަ ދުވަހެއްގައި ނޫނީ އޭގެ ބޭނުންކޮށްފައެއް ނެތެވެ. އޭނަގެ އިސްކޮޅުގައި ފަސްފޫޓް ކިރިޔާ ހަމަވާކަމެވެ. ތަންކޮޅެއް ޗަބީކޮށް ހުރެފައި ވަށްކަމުން ސެލީނާ ގޮމޭޒްއާއި ވައްތަރޭ ކިޔައިގެން އެންމެން ދިމާކޮށްއުޅެއެވެ. އެހެން މީހުންފަދައިން ހިކޭކަށް ސަވާނާ މަސައްކަތެއް ނުކުރެއެވެ. އޭނަގެ ފެވެރިޓް ކެއުމަކީ ޗޮކްލެޓާއި އައިސްކްރީމެވެ. ޗިޕްސްއެވެ. ފިލްމުބަލަން އިންނައިރު ޗިޕްސް ދަޅެއް ނޫނީ އައިސްކްރީމް ތަށްޓެއް އުނގަށް ލައިގެން އިދެ އެ ހުސްވާ ގޮތެއްވެސް ސަވާނާއަކަށް ނޭގޭނެއެވެ.

ސަވާނާގެ އައި ފޯނު ރިންގުވާންފެށިއެވެ.

"މޯނިން ލިވީ. ހާދަ ހެނދުނަކާ..." ސަވާނާގެ ފަނޑުވެފައިވާ މޫނު ކޮންމެވެސް ވަރަކަށް އަލިވެލިއެވެ.

"ނަންނި. އެބައޮތް ވާހަކައެއް ދައްކާލަން. ހިނގާބަލަ އޮފީލިއާ މޯލަށް އައިސްކްރީމް ކާންދާން. ހަވީރު ނުދެވޭނެތަ؟ " ލިވިއާ އަހައިލިއެވެ.

"ދެވިދާނެ...."

"އެތަނުގައި ހާގެންޑާޒް އައިސްކްރީމްވެސް އެބަހުރި. އެތަނަށް ވަދެފާ ނިކުންނަހިތެއްވެސް ނުވި. ޑޭމިޓް ދަ ޕްލޭސް ވޯޒް އޯސަމް.. ނަންނި ހަމަ މޮޔަވާނެ..........." ލިވިއާގެ އަޑުގައި ފޯރި އެކުލެވެއެވެ.

"އަދި ނުދަން އެތާކަށް...."

"ނުވަދެ ފަރުޖެހޭކަހަލަ ތަނެއްނޫން. ކައިލީ ލިޕްސްޓިކަށް ދާންދެން ހުރިތަން ފެނިފަ ހަމަ މޮޔަނުވީ ކިރިޔާ. ޖެހޭނެ ދޯ ބަލައިލަން. ނަންނި މާލެއިން ޝޮޕިން ނަހަދާތީ ވަރަށް ދެރަވޭ އެކަން އެނގިގެން ބަޔަކު މޯލެއް އެހުޅުވީ. އަދި ރީތި ނަމެކޭ އެއޮތް ކިޔަނީ. އޮފީލިއާ. މަގޭ ގެއަށް ދޭންވެގެން ރައްކާކޮށްފައި އޮތް ނަން ވަގަށް ގެންދިޔައީ ކޮންތާކު ހުރި ވަގު ހިޔަޅެއްކަމެއްވެސް ނޭގޭ..........." ލިވިއާ ކިޔާލިއެވެ.

"އޮފިއެލޭ ގަހޭ ކީނަމަ..." ސަވާނާ ބުނެލިއެވެ.

"ނަންނިގަނޑު........ހޫމް ނަންނިއަށް ރީތި ނުވިޔަސް ހެވޭ. އެބަ ދަމޭ ޝާޕް ފޯ އަށް. ރެޑީވެގެން ހުންނާތި އިނގޭ. އެނގެއެއްނު މަ މީ ކިހާ އިމްޕޭޝަންޓް މީހެއްކަން..." ލިވިއާ ހަނދާންކޮށްލަދިނެވެ.

ސަވާނާ ފޯނު ބޭއްވުމާއިއެކު އަޑުއަހަން އިން ނަބީލާ ސަވާނާ ދާން އުޅޭ ތަނަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. އޮފީލިއާ މޯލަށް އެކުވެރިޔަކާއިއެކުގައި ކަމަށް ބުނުމުން ނަބީލާ ބުނީ ލަސްނުކޮށް ގެއަށް އައުމަށެވެ. ހަޔެއްގެ ކުރިން ގެއަށް އަންނަންވާނެއެވެ. ސަވާނާގެ އެކުވެރިންނަކީ ކޮންކަހަލަ ބަޔެއްކަން ނަބީލާއަށް ޖެހޭނެއެވެ. ނަމާދުގަޑިއަށް ފަރުވާ ބަހައްޓަން ޖެހޭނެކަން ހަދާންކޮށްދިނެވެ. ސަވާނާއިނީ "ކޫލް" ކޮށެވެ. ވަކި ރުޅިއެއްވެސް ނާދެއެވެ. އޭނައަށް އުދަގޫވަނީ އެކަނި ނިދާގަޑީގައި ކޮޅަށް ނަގާތީއެވެ. އެހެންނޫންނަމަ ދެން އޭނަގެ ކަންތަކާއި އެހާ އަޅާލާ މީހަކު ހުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބުނެވެ.

ބޭރަށް ދާން ސަވާނާ ތައްޔާރުވީ ތަންކޮޅެއް ހަވީރީ ހެދުމެއް ގައެވެ. ޑަންގަރީއެއް ލުމަށްފަހު ބޮބްކަޓެއް ޖައްސާފައިވާ އިސްތަށިގަނޑުގައި އަތުން ފުނާއެޅިއެވެ. ފަންކަމުންގޮސް ކިރިޔާ ވައިކޮޅެއް ޖެހިލިޔަސް މޫނަށާއި އެއްކޮށް ފައިބައިގަނެވެ. ތައްޔާރުވެލައިގެން ގޭޓުން ނުކުތްއިރު ލިވިއާ އަރާ ހަމަވީއެވެ. ލިވިއާ ފެނިފައި ސަވާނާ ބަލައިލީ ގަޔާވި ނަޒަރަކުންނެވެ. ލިވިއާ ހުރީ ހަމަ ފިލްމީތަރިއެއްހެން ހެދުން އަޅާފައެވެ. ބޯފޮތީގެ ވިލުނޫކުލައިގެ ސްކާޓަކާއިއެކު އަތުގެ އުޅަބޮށްޓާއި ހަމަޔަށް އޮތް ގަމީސްކޮޅެއްލާފައި އެކުލައިގެ ބޫޓަކަށް އަރާފައެވެ. ލޮލުގައި އަވި އައިނާއި އަތުކުރީގައި ވާ ގަޑީގެ ސަބަބުން އިތުރަށް އަންހެންވަންތަކަމަށް ދައްކައެވެ. ދަބަސް ހިފައިގެން ހުރީ އެހާ ފަރިކޮށެވެ. އެކުދިން ގޮވައިގެންދާން ހުރި ޑްރައިވަރުވެސް ހުރީ ލިވިއާގެ މޫނުން ނަޒަރު ވަކިކޮށްނުލެވިފައެވެ. ކަޅިވިދިފައެވެ.

"ވާއު ލިވީ ހާދަ ރީއްޗޭ މަގޭ މޮޑެލް ފްރެންޑުންނަށްވުރެ ވެސް ލިވީ މާ ރީތި. ގާލްސް ވުޑް ކިލް ފޯ އެ ބޮޑީ ލައިކް ޔޯސް................."ސަވާނާ ހީލީ ވަރަށް ގާތްކޮށެވެ. އަބަދުވެސް ހިތްހެޔޮކަން އެދެލޮލުން އޮހޭފަދައެވެ. އެހާވެސް ހިތްހެޔޮ ގޮތެއް އެމޫނުގައި ހުރެއެވެ. އެމޫނަށް ބަލައިލާ މީހަކަށް އެންމެ ފުރަތަމަވެސް ފެންނާނީ އެސިފައެވެ. މިކުއްޖާއަކީ މިލިއަނަރެއްގެ ދަރިއެއްކަން އެނގިއްޖެއްޔާ ގަބޫލުކުރުން ދަތިވާނެއެވެ.

"ދެމީހުންގެ ބޮޑީ ސްވެޕް ކުރެވޭނެނަމަ..." ސަވާނާ އިތުރުކޮށްލިއެވެ.

"ނަންނި ހާދަ މަޖަލޭ. ނަންނި ބޭނުންވަނީ އަހަންނަށްވާން. އެކަމަކު އަހަރެން ހިތަށް އަރަނީ އަހަރެން ނަންނިއަށް ވާނެނަމައޭ....." ލިވިއާ ދެއްކީ ހަށިގަނޑުގެ ވާހަކައެއްނޫނެވެ. އޭނަ ސަވާނާއަށްވާން ބޭނުމޭ ބުނީ އެހެން މާނައެއްގައެވެ. ސަވާނާގެ މުއްސަދިކަމާއި ހިތްފަސޭހަ ދިރިއުޅުމަށްޓަކާ އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އޭނަ ސަވާނާއަށް ވާން ބޭނުންވާ ހަމަ އެކަނި ސަބަބަކީ އެ މުއްސަދިކަމެވެ.

ދެކުދިން ކާރުގެ ފަހަތަށް އެރިއެވެ. މަޖާ ވާހަކަތަކެއްގައި ތިއްބާ އޮފީލިއާ މޯލާއި އަރާ ހަމަވިއެވެ.

މޯލުތެރޭގައި ލުއި މިއުޒިކެއް ކުޅެވެމުންދިޔައިރު އެތަން އެހެން ދުވަހަށްވުރެ ހަލަބޮލިއެވެ. އެސްކެލޭޓާތައް ދަތުރުކުރާތަން ފެނުމުން ސަވާނާގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފެނިލިއެވެ. ސަވާނާގެ ފޯބިއާތަކުގެ ތެރޭގައި ލިފްޓާއި އެސްކެލެޓާ ހުރުމަކީ ބޮޑު މައްސަލައެއްކަމަށް ލިވިއާ ދެކުނެވެ. ކަންތައްތަކާއި ބިރުގަންނަ މީހުންނަށް ދިރިއުޅުން ހާދަ އުދަގޫވާނެއެވެ. ޓެކްނޮލޮޖީއަކީ އިންސާނުންނަށް ފަސޭހައަކަށް ހަދާފައި ހުންނައެއްޗެއް ނޫންހެއްޔެވެ؟ ދެފައިދަމަމުން ސިޑިން އެތައް ބުރިއަށް އެރުމަށްވުރެ ލިފްޓަށް ނޫނީ އެސްލެކެޓާއަށް އެރުމުންކިހާ އަރާމެވެ. ނަމަވެސް ލިވިއާ ހިތާހިތުން ކުދިކިޔަމުން ސަވާނާއާއިއެކު ސިޑިބަރިއާއި ދިމާލަށް ދިޔައެވެ.

"ނަންނި. ޔޫ ޝުޑް ޓްރައި ތި ބިރުތަކުން އަރައިގަންނަން ނޫނީ މީހުން ކިޔާނީ އަހަރެމެން ހާދަ ތަހުޒީބުނޫން ބަޔެކޭ. އެސްކެލޭޓާއަށް ބިރުގަންނަނީއޭ......" ލިވިއާގެ ޚިޔާލު އެހެން ހުރިއިރު އޭނަ އެއްއިރެއްގައި ކެބިންކުރޫއަކަށްވާން ބޭނުންވިއެވެ. އެމިރޭޓްސް ފަދަ އެއަލައިނަކުން ވަޒީފާ ލިބިއްޖެއްޔާ ދުނިޔެ ކުޑަކޮށްލެވިދާނެއެވެ. އެކަމަކު ހަޔާތުގައި އެންމެ ފަހަރަކު ފްލައިޓަށް އަރާފައި ލިވިއާ ޕެނިކްއެޓޭކެއް ޖެހުނު ހަދާން އަދިވެސް ހިތަކުން ފިލައިގެނެއްނުދެއެވެ.

"މީހުން ހީކުރާނެގޮތަކަށް ކޮށްފާނެއްނު. އައި ޑޯންޓް ކެއަ ލިވީ. އަހަންނަށް އެސްކެލެޓާއަކުން ނޭރޭނީ ކީއްވެކަން ލިވީއަށް އެނގެއެއްނު. އެނިމުނީ......" ސަވާނާ ކުޑަކޮށް ހީލިއެވެ. ސަވާނާގެ މޫނުމަތިން ލުކުމާން ހަދާންވާ އެކަނި ސިފައަކީ ދެމީހުންގެ ކޮލަށް އެޅޭ އަޑިކޮޅެވެ. ސަވާނާ އެންމެ ރީތިކޮށްލަނީވެސް އެ ހިނިތުންވުމެވެ.

ދެމީހުން އައިސްކްރީމް ގަނެގެންގޮސް އިށީދެލީ އެންމެ ކަނުގައި ހުރި މޭޒުގައެވެ. ނަސީބަކުން އެންމެ ކައިރީގައި ތިބިމީހުންވެސް ތިބީ އެމީހުން ވާހަކަދެއްކިޔަސް އަޑުނުފޯރާ ހިސާބުގައެވެ.

"ލިވީ. ކޮން ވާހަކައެއް.....ދެން އިތުރަށް ނުތަޅުވާ ބުނޭ...." ސަވާނާ އަހައިލިއެވެ.

"ނަންނި. ކޮންމެވެސް ފިރިހެންކުއްޖަކު ނަންނި ރީތިވެގެން އުޅުނު....."

"ރިއަލީ؟ ދެން ލިވީ އޭނަ ކައިރީ ބުނީ ކީކޭ..." ސަވާނާ އިނީ ހީލައިގެންނެވެ. ކޮލެޖްގައި އުޅުނު ދުވަސްވަރުވެސް އޭނަގެ މިޒާޖުގެ ސަބަބުން އެއްވެސް ފިރިހެންކުއްޖަކު ރައްޓެހިވާން އަހާފައެއްނެތެވެ. މިއީ އަދި އަލަށެވެ. އެކަމުން ހިތަށް އުފަލެއް ނުލިބުނެވެ. ފިރިހެނަކަށްޓަކާ އޭނަގެ ހިތުގައި އަދި އެއްވެސް އެއްޗެއް ނުވެއެވެ. އޭނަ ކައިރީ ނުބުނެ ލިވިއާ ކައިރީ ދެން ބުނާކަށް ނުވެސް ޖެހޭނެ ނޫންހެއްޔެވެ؟

"މަބުނީ ނަންނި ސިންގަލްއޭ. ޔޫ ނޯ ވަޓް ނަންނި. މިއީ ހަމަ ރަގަޅު ޗާންސެއް. މިރަށަކުން ނުފެންނާނެ އެކަހަލަ މީހެއް. ހެންޑްސަމްކަމުން ދުނިޔެއިންވެސް މަ އެއްވަނަ ދީފާނަން. އިސްކޮޅުގައި ހުންނާނެ ހަޔެއްކަ ފޫޓް. ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑު. ލޮލުގައި ވަރަށް އިޝްގީގޮތެއްހުރޭ. އަދި ހީލާއިރު ޑިމްޕަލްސްވެސް އެޅޭ. ނަންނިގެ ކޮލަށް ހަމަ އެޅޭގޮތަށް......" ލިވިއާ ލުކުމާންގެ ނަން ބުނެލަދިނެވެ. އޭނައާއި ތިމާގެ ކުއްޖެއްކަމަށާއި ރާއްޖެއިން ބޭރުގައި ކިޔަވަން އުޅެފައި އައީ އިހަށްދުވަހު ކަމުގައި ބުންޏެވެ. ލުކުމާންއާއި ބެހޭގޮތުން އޭނައަށްވެސް އެހާ ބޮޑަށް ނޭގޭކަމަށާއި އެއީ ސިއްރުވެރި ތަފާތު މިޒާޖެއްގެ ޒުވާނެއްކަމުގައި ލިވިއާ ބުނެލީ އުއްމީދާއިއެކުގައެވެ.

"ސޮރީ ލިވީ. ކިތަންމެ ޕަފެކްޓްވިޔަސް އަހަރެންގެ އިންޓެރެސްޓެއްނެތް....." ސަވާނާ ސީދަލަށް ބުންޏެވެ.

"އެކަމަކު......ވާއި......." ލިވިއާ ދަމާލާފައި ސުވާލުކުރީ ހައިރާންވެފައެވެ.

"އަހަރެން މީހަކާ ރައްޓެހިވާކަށް އަދި ހިތަކަށްވެސް ނާރާ. ހެޑޭކަކަށްވާނީ. އިޓްސް ޖަސްޓް.....ޖަސްޓް.. ދެން ނޭގޭ ލިވީ. އަހަރެން ބޭނުމެއްނޫން...."

"ތި އޭޖްގައި ބައިވެރިޔަކު ހުންނަންވާނެ ނަންނި...." ލިވިއާ ފޯނު ހުޅުވާލަފައި ދެއްކީ ލުކުމާންގެ އެންމެ ރީތި އެއް ފޮޓޯއެވެ. އަންހެންކުދިން މޮޔަވާވަރުގެ ތަސްވީރެކެވެ. ސަވާނާ ޝައުގެއް ނެތްގޮތަކަށް ބަލައިލުމުން ލިވާގެ ހިތަށް އުދަގޫވިއެވެ. ސަވާނާއަކީ ކޮންކަހަލަ ކުއްޖެއްހެއްޔެވެ؟ މިއުމުރުގައިވެސް އުޅެނީ ދިހަބާރައަހަރުގެ އަންހެންކުއްޖެއް ހެންނެވެ. އެއްގޮތުން ބަލާއިރު ކިތަންމެހާވެސް ރަގަޅެވެ. ސަވާނާގެ މޮޔަކަމައި މައުސޫމްކަމުން އޭނަ ބޭނުންހާގޮތަކަށް ހަދައިލެވިދާނެއެވެ.

"އެއަށްވުރެ މާ ރަގަޅުވާނެ ބައިވެރިޔަކަށް ބުޅަލެއް ހޯދިޔަސް. އާ، ލިވީ ތިހެން ބުނީމަ ހަދާންވީ. ޕާޝިއަން ހުދު ބުޅަލެއްކުރީ ދުވަހަކު ފެނުނު. އޭތި ގަންނަންވެގެން ބައްޕަ ކައިރީ ކިޔައިގެން މިއުޅެނީ....."

"އިއޫ......." ލިވިއާ އަނގަ ހަދައިލިއެވެ.

"ދޭ އާ މޯ ފެއިތްފުލް......."

"ސިކުނޑިއެއްނެތީމަ ދެން އެހެން ބަސްއަހައިގެން އޮންނާނެއްނު. ސިކުނޑިއަށް ދެއްވާފައިވާނަމަ ތި އެއްޗެއްސާއިހެދި އިންސާނުން އުޅެން ޖެހޭނީ ދުނިޔޭގައި ނޫޅެވިގެން......."

"ޖެސީ ގެ ޕޮމެރީނިއަން ވަރަށް ކިއުޓް. އޭގެ އެއްޗެއް ގަނެދޭން ޖެސީ އުޅުނީމަ ބައްޕަ ރުޅިދުރުވެގެން ހަޅޭއްލަވައިގަތީމަ ވަރަށް ދެރަވި. ބައްޕަ ބުނުއްވީ ދީނުގައި ހުއްދަކަމެއްނޫނޭ. އެގެންގުޅެންޏާ އެންޖެލްއެއްވެސް ނުވަންނާނެއޭ. ސޯ......އެ ޚިޔާލު ދޫކޮށްލަން ޖެހުނީ......" ސަވާނާ ކިޔައިދިނެވެ.

"އެ ވާހަކައެއް ނޫނޭ ދެން ނަންނި ހަމަ އާއެކޭ ނުބުނާނަންތަ؟ " ލިވިއާ ދެވަނަފަހަރަށްވެސް އަހައިލިއެވެ.

"ނޯ....." ސަވާނާ ތަންކޮޅެއް އަޑަށް ބާރުލާފައި ބުނެލީ އެޚިޔާލުން އުދަގޫވެފައިހުރެއެވެ. ސަވާނާގެ ފަރާތުން އެފަދަ ޖަވާބެއްލިބުމުން މާޔޫސްވުމުގެ އިތުރުން އޭނައިނީ ޝޮކެއްގައެވެ. ލުކުމާންފަދަ ރީތި މީހަކަށްވެސް ކޮންމެ ކޮންމެ އަންހެންކުއްޖެއް ހަމަ ނުލިބޭނީހެއްޔެވެ؟ ސަވާނާ މިއީ އެކަމުގެ ދިރިހުރި ހެއްކެކެވެ. ސަވާނާއަށް އެހެން ކަހަލަ ޝައްކެއްވެދާނެތީ އިތުރަށް އެމައުޟޫއަށް ވާހަކަދައްކަން ލިވިއާ ބޭނުމެއްނުވިއެވެ. ދެން ލުކުމާން ލައްވާ ސަވާނާއާއިހެދި އުޅޭކަމުގެ އެކްޓްކުރުވަންވީއެވެ. ލުކުމާން ސަވާނާ ފަހާ ދުއްވަންވީއެވެ. ސަވާނާއާއި ލުކުމާން ގުޅިއްޖެއްޔާ ފަހަރެއްގައި އެ މުއްސަދިކަމުގެ ކޮންމެވެސް ހިއްސާއެއް ލުކުމާންއަށް ލިބިދާނެއެވެ. އަދި ފަހުން ލުކުމާން ސަވާނާ ދޫކޮށްލާފައި އެނބުރި އޭނަ ކައިރިއަށް އައިސްދާނެތާއެވެ. ލުކުމާން ސަވާނާއާއި ކައިވެނިކުރިޔަސް އެންމެރަގަޅެވެ. ނަމަވެސް އެއްވެސްގޮތަކަށް ސަވާނާގެ ގައިގާ އަތްނުލާން ހުވާކުރަން ލުކުމާން ޖެހޭނެއެވެ. ސަވާނާ ނުލާހިކު މައުސޫމްވާނެއެވެ. ލުކުމާންގެ މައްސަލައެއް ހުންނަނީކަމުގައި ބުނެލިޔަސް އެކުއްޖާ ގަބޫލުކޮށްފާނެއެވެ. ސަވާނާ ޅަކޮށް އުޅުނަސް އޭނަގެ ވިސްނުން އެހާ ރަގަޅެވެ. ނަމަވެސް މިފަދަ ކަންތައްތަކުގައި ސަވާނާގެ ބޮލަކަށް މާ ބޮޑު އެއްޗެއް ނުވަންނާނެއެވެ.

ލިވިއާ އުޅޭގޮތާއިމެދު ހިތް ނުތަނަވަސްވީވަރުން ކެތްނުކުރެވިގެން ލުކުމާން ސީދާ ދިޔައީ ލިވިއާ އުޅޭ އެޕާޓްމެންޓަށެވެ. ލިވިއާ ވަގުތުން އެކަމާއި ހާސްވެގެން އުޅެގަތްގޮތުން ހީވީ ލުކުމާން ނުކުރަންވާވަރުގެ ކަމެއްކުރީހެންނެވެ. އެއް އިރެއްގައި ޝަކުވާކުރީ ލުކުމާން ނާންނާތީއެވެ.

"ނުވެސް ބުނަން ލޫކް އަންނާށޭ....."

"އޯ. ވީއިރު އަހަރެން އައުން ލިވީ ރުހޭކަމަކަށް ނުވަނީތަ؟ ދެން އަހަރެން ކިހިނެއް ހަދަންވީ؟ " ލުކުމާން ދާންވެގެން އެނބުރުނެވެ. ދައުވަތު ނުލިބި އައިކަން މޫނުމަތީގައި ބުނުމުން ކޮންމެ މީހެއްގެ ހިތަށްވެސް އުދަގޫ ވާނެއެވެ. ލުކުމާން ހުރީ ހުރިހާ އަސަރުތަކެއް ފޮރުވާލައިގެންނެވެ. ނަމަވެސް މުޅިން ކާމިޔާބެއްނުވިއެވެ. އެރީތި މޫނުމަތިން ފެނުނީ ލިވިއާގެ ވާހަކައިން ހިތަށް އުދަގޫވެފައި ހުރިވަރެވެ. ލިވިއާ ލުކުމާންގެ އަތުގައި ހިފެހެއްޓިއިރު އެއަތަށް ލުކުމާންއަށް ބަލައިލެވުނުއިރު އަނގޮޓި ނެތްކަން އެނގިފައި ސުވާލު އުފެދުނެވެ.

"ލިވީ ކޮބާ އަނގޮޓީ؟ " ލުކުމާން އެ ހިމައަތްތިލައިގާ ހިފަހައްޓަމުން އިނގިލީގައި ފިރުމައިލިއެވެ.

"ޖިމަށްދާންވެގެން ނެގިގޮތަށް ހަދާން ނެތުނީ..." ލިވިއާ ދޮގުހެދިއެވެ. ރޫބީއެއް ނޫންކަން އޭނަ އަމިއްލައަށް ޔަގީންކޮށްގެން ހުރެ އަޅާހިތްނުވުން އެއީ އެއް ސަބަބެވެ.

"ހޫމް. އަހަރެން ހީކުރީ ގެއްލުނީކަމަށޭ. ލިވީ ރައްކާކޮށްފައި އޮތިއްޔާ ދެން އޯކޭ. ހެހެ އަހަރެން ހީކުރަނީ އަންހެންކުދިންނަށް ރޫބީ ކަހަލަ ސްޓޯންޖެހި އަނގޮޓިކަމުދާ ކަމަށޭ. އެހެނެއްނޫން ދޯ މިވީ............." ލުކުމާން އެހެން ބުނުމުން ލިވިއާ ދެލޯބޮޑުކޮށްފައި ބުނީ އޭނަ ޖަވާހިރާއިމެދު މޮޔަވާކަމަށެވެ. ޖަވާހިރުދެކެ ލޯބިނުވާކުދިން އަންހެންވަންތަކަމެއް ނުހުންނާނެކަމުގައި އޭނަ ދައުވާކުރިއެވެ. ލުކުމާންގެ ދެލޯ ފަނޑު އަނދިރިކަމުގެ ތެރެއިން ފެނުނީ ބަލާބަލާ ފޫހިނުވާހާ ހިތްގައިމުކޮށެވެ. އެދެލޮލުގައި ޖާދޫއެއްވެއެވެ. ބަލައިލާ ކޮންމެ ފަހަރަކު އޭނަ އެލޮލުގެ ތެރެއަށް ގެއްލިދާފަދައެވެ. ދެމީހުންނަށް ބަލަން އިރުކޮޅަކު ތިބެވުނުއިރު ލިވިއާއަށް އެއަތުގެ ހިމާޔަތުގެ ތެރެއަށްވެސް ވަދެވިއްޖެއެވެ. ނަމަވެސް ލުކުމާން އަބަދުވެސް އެދޭތެރޭގައި ދުރުމިނެއް ބަހައްޓައެވެ. އޭނަ ބޭނުންވަނީ ކައިވެނީގެ މާތް ގުޅުމަށްފަހު އެފަދަ ގުޅުންތައް ކުރިއަށް ގެންދާށެވެ. ލުކުމާންގެ ބައްޕަގެ ނަސޭހަތާއި އިރުޝާދުތައް އޭނަގެ ދިރިއުޅުން ކާމިޔާބުކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކޮށްދީފައިވެއެވެ. ލުކުމާންއާއި ލިވިއާ ވާހަކަދައްކާލަން ތިބެފާ ލިވިއާ ކޮފީވެސް ގެނެސްދިނެވެ. ލިވިއާ ހަދާންވެގެން ސުވާލުކުރީ ލުކުމާންގެ ވަޒީފާއާއި ބެހޭގޮތުންނެވެ.

"ލިވީ. އަހަރެން ހިތަށް އަރަނީ މާލޭގައި އުޅުމަށްވުރެ މާ ފަސޭހަވާނެއޭ ރާއްޖެތެރޭގައި އުޅެން ދިޔައީމަ. މިސާލަކަށް އަހަންނަށް ރާއްޖެތެރެއިން ޖޮބް ހަމަޖެހިއްޖެއްޔާ ލިވީ ގޮސްދާނަންތަ؟ " ލުކްމާން އަހައިލިއެވެ.

"ނޯ ވޭ.....ލޫކް ޑޯންޓް އިވެން ތިންކް އެބައުޓް އިޓް ރާއްޖެތެރޭ މީހުންވެސް ރަށްތަކުން ޚިދުމަތް ނުލިބިގެނެއްނު މިކޮޅަށް ބަދަލުވެ މިތަން ފުރާލީ. ދެން އަދި އަހަރެމެން މާލޭ އުޅޭމީހުން ވީ ރާއްޖެތެރެއަށްދާންތަ؟ ލޫކް ތިއީ މޮޔަޚިޔާލެއް. ފަހަތަށް ދާކަށް ނުވާނެ. ލޫކް ބުނީމެއްނު މުއްސަންޖަކަށްވާނަމޭ..." ލިވިއާ ހަދާންކޮށްލަދިނެވެ.

"އޮނެސްޓްކޮށް ބުނަންތަ؟ ލިވީ. އަހަރެން މުއްސަދިންދެކެ ފޫހިވޭ. ބޭނުމެއްނޫން އެހާ މުއްސަދިވާކަށް. އާދައިގެ ދިރިއުޅުމެއް އަހަރެން ބޭނުމީ. އަމިއްލަ ރަށުގައި ޕަބްލިކަށް ޚިދުމަތްކޮށްދިނުމަކީ ޑްރީމެއް. އަހަރެން ލިވީއަށްޓަކާ މިހާވަރަށްވެސް މި ޓްރައިކުރަނީ. ފައިސާ ހޯދަނީ. ތެދަށް ބުނަންޏާ އަހަންނަކަށް ފައިސާއަކުން އުފަލެއް ނުހޯދޭ.........." ލުކުމާން ހިތުގައިވާ ރިހުން މުޅިން ހާމަނުކުރިޔަސް އޭނަގެ ވާހަކަތަކުގައި ސިއްރެއްވިއެވެ. އޭނަ މުއްސަދިންދެކެ އެހާ ރުޅިއަންނަ ސަބަބު ލިވިއާއަށް އަދި އެންމެ ގާތްއެކުވެރިޔާއަށްވެސް އެނގިފައެއްނުވާނެއެވެ. ލުކުމާން ރީތިވިޔަސް އޭނަގެ ބަލިފަޔަކީ މިއީކަމުގައި ލިވިއާ އަބަދުވެސް ދެކެއެވެ. މިއީ ފަހަތަށް ފިޔަވަޅު އެޅުމެވެ. ލުކުމާންގެ ރަށަށް އޭނަ ގައިމު ނުދާނެއެވެ.

"ލޫކް. އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ލިވިއާ ލުކުމާންގެ އިސްތަށިގަނޑާއި އެހިމަ ހޯލި އިނގިލިތަކުން ކުޅެމުން ދިޔައެވެ.

"ކިޔާބަލަ...." ލުކުމާން ހިނިތުންވެލިއެވެ.

"ހިތަށް އަރާފާނެ އަހަރެން މިއީ ކޮންކަހަލަ މީހެއްހެއްޔޭ. ބަޓް ދެމީހުންގެ ދިރިއުޅުމަށް އެންމެ ރަގަޅުގޮތް ވިސްނާފައި ލިބުނު އައިޑިއާއެއް މީ. ޕްރޮމިސް މީ މިވާހަކަ ބުނުމުން ރުޅި ނާންނާނެކަމަށް....."ލިވިއާ ހިންދިރުވައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް