ވަރުގަދަ މާފަރު ބަލިކޮށް، މިލަދޫ އިން ފެށުން ރަނގަޅު ކޮށްފި

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާފަރާއި މިލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު މިލަދޫން ކާމިޔާބުކުރީ 4-2 ލަނޑުގެ ނަތީޖާއަކުން ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ދެވަނަ މެޗުގައި ވަރުގަދަ މާފަރު ބަލިކޮށް މިލަދޫ އިން ފެށުން ރަނގަޅު ކޮށްފިއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި މާފަރުގެ މައްޗަށް މިލަދޫ އިން ކުރި ހޯދާފައި ވަނީ 2-4 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާފަރުން ވަނީ ލަނޑެއް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައްޒާމް އަބްދުﷲ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މިލަދޫގެ މުހައްމަދު މައުރޫފު ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

މެޗުގައި ފުރަތަމަ ފަހަރަށް މިލަދޫ އަށް ލީޑު ނަގައިދިނީ މެޗުގެ 31 ވަނަ މިނެޓުގައި އަލީ ފަރީދެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާފަރާއި މިލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު މިލަދޫން ކާމިޔާބުކުރީ 4-2 ލަނޑުގެ ނަތީޖާއަކުން ---

ދެވަނަ ހާފުގެ ބޮޑު ބައެއް ނިމިގެން ގޮސްފައި ވަނީ ލަނޑެއް ނުފެނިއެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި މިލަދޫ އިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން އަބްދުއް ސަމަދެވެ. އޭގެ ދެ މިނެޓު ފަހުން ޖުމައިލް އީސާ ވަނީ މާފަރުގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ސަމަދު ވަނީ މިލަދޫގެ ހަތަރު ވަނަ ލަނޑު ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

މާޅެންދޫގައި އިއްޔެ ފުށުނު މި މުބާރާތް ފައްޓަވައިދެއްވީ މުބާރާތުގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބޭއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.

comment ކޮމެންޓް