ޒުވާނުންގެ ދުވަސް ލަންކާގައި ކުލަގަދަކޮށް ފާހަގަކުރަނީ

ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ޒުވާނުންނާއެކު-- ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ސޯސަން ވިލާގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.

މި ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކުގައި ވެސް ވަރަށް ފޯރިގަދަ ޙަރަކާތްތަކެއް މާދަމާ ހަވީރު 16:00 އިން ފެށިގެން ކުރިޔަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ 17 ނޮވެމްބަރ އާއި ދިމާކޮށް ހިންގުމަށް ރޭވިފައިވާ މި ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުތައް ނަލަކުރުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ އާއިލީ ހަވީރަކާއި ބާބެކިއު ޑިނާ ނައިޓެއްގެ އިތުރުން މިއުޒިކާއި ބޮޑުބެރު ޝޯވް ވެސް ޒުވާނުންގެ މަރުކަޒުތަކުގައި ކުރިޔަށް ދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީން މާދަމާ ކުރިއަށް ގެންދާ އިރުތު ހަރަކާތްތަކަށް ބަލާލާއިރު، ރޯވްވިންގެ އެސޯސިއޭޝަނާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި ފަލި ޖެހުމުގެހަރަކާތެއްވެސް ކުރިޔަށް ދާނެއެވެ. އަދި ބައިކް މޯލްޑިވްސް އާއި ގުޅިގެން މާލޭ ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ކައިރިން ފެށޭ ބައިސްކަލް ދުއްވުމުގެ ހަރަކާތެއް ވެސް އޮންނާނެ އެވެ. މި ދެ ހަރަކާތް ވެސް ކުރިޔަށް ދާނީ މާދަމާ ހަވީރު 16:00 އިން ފެށިގެން 17:00 އަށެވެ. ބައިސްކަލް ދުއްވުމުގެ ހަރަކާތް ނިންމާނީ ރަސްފަނު ސަރަހައްދަށެވެ. އަދި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތައް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަޑައިގަންނަވާގޮތައް ވަނީ ހަމަޖެހިފައެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅ. ހިންނަވަރުގައި ދުވުމުގެ މުބާރާތަކާއި ފަޅުތެރެ ސާފުކުރުމާއި އަދި ތ.ވޭމަންޑޫގައި ޓީ.ޓީ، ކެރަމް އަދި ބިލިޔާޑް މުބާރާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ގދ.ތިނަދޫގައި އަންހެން ހޭންޑް ބޯޅަ މުބާރާތަކާއި ޒުވާނުންގެ މަސްރޭސް ކުރިޔަށްދާނެކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފުޓްސަލް މެޗަކާއި އެއް ދުވަހުގެ ކްރިކެޓް މުބާރާތެއް ހިމެނޭއިރު އައްޑޫ ސިޓީ ގަން، އަދި މަރަދޫ ފޭދޫގައި ހިންގުމަށް ހަމަޖެހިފައިވާ ސަޤާފީ ޕެރެޑާއި، ވޮލީ މުބާރާތާއި ބެޑްމިންޓަން މުބާރާތާއި ފެތުމުގެ މުބާރާތްވެސް މާދަމާ ކުރިޔަށް ގެންދާގޮތައް ޔޫތު މިނިސްޓްރީއިންވަނީ ނިންމާފައެވެ.

comment ކޮމެންޓް