މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް މިފަހަރުވެސް އެލައިޑް

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖެއްސުން -- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ޓްވިޓާ

ރާއްޖޭގައި ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ މެއިން ސްޕޮންސަރަކަށްވެސް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

އެލައިޑް އަކީ އައިޑަލްގެ ސީޒަން އެކެއް އަދި ދޭތްގެ ވެސް މެއިން ސްޕޮންސަރެވެ. މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސާ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ސޮއި ކުރެއްވީ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. އެލައިޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.

މޯލްޑިވިއަން އައިޑަލްގެ މިއަހަރުގެ ސީޒަންގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. އައިޑަލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަނެއް ބާއްވާނެކަން އިއުލާނުކޮށް ބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ނަމަވެސް އޮޑިޝަން ބާއްވާނެ ރައްތައް އަދި އިއުލާނެއް ނުކުރެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަން ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ސީޒަން ތިނެއް އިފްތިތާހުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު---ސަން ފޮޓޯ/ އަފްރާހް

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލް އާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް މޫސާ ވަސީމެވެ. މި ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. އަންހެން ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަން ލޯންޗުކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ސީޒަން ތިނެއް އިފްތިތާހުކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު---ސަން ފޮޓޯ/ އަފްރާހް

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންތައް ބާޢްވާނެ ރަށްތައް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ވިނާއަކީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަންގައި އައިޑަލްގެ ޓައިޓްލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

comment ކޮމެންޓް