ސަދަގާތު ފައުންޑޭޝަނުގެ ހިތާނީ ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަރުމައަށް ހިންގަވާ ސަދަގާތު ފައުންޑޭޝަންގެ ދެ ވަނަ ހިތާނީ ފެސްޓިވަލް ބާއްވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަދަގާތު ފައުންޑޭޝަނުން ވަނީ އެ ފެސްޓިވަލާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މާދަމާއިން ފެށިގެން، މި މަހުގެ 25ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ފެސްޓިވަލްގައި ބައިވެރިވުމަށް ފޯނު ލިބޭނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި ހުންނަ ރައީސް ޔާމީން ކެމްޕެއިން އޮފީހުން ކަމަށް މުއާޒު ވިދާޅުވިއެވެ.
"140 ކުއްޖަކަށް ހިތާނު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ހިތާނީ ފެސްޓިވަލްގެ ތެރެއިން. މާދަމާއިން ފެށިގެން ފޯމް ދޫކުރާއިރު ޖާގަ ޔަގީން ވާނީ ވީހާވެސް އަވަހަކަށް ފޯމް ލައިގެން،" މުއާޒު ވިދާޅުވިއެވެ.
ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފެސްޓިވަލުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވަމުން މުއާޒް ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި މި އަހަރުވެސް އެއަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.
މުއާޒު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ރައީސް ޔާމީން އެ ފެސްޓިވަލުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ހިތާނީ ފެސްޓިވަލުގެ ކަންކަން ހަމަޖައްސަނީ ސަދަގާތު ފައުންޑޭޝަނުންނެވެ. މިދިޔަ އަހަރު ސަދަގާތު ފައުންޑޭޝަނުން ބޭއްވި "ހިތާނީ" އުފާ ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ގާޒީ ސްކޫލުގައެވެ.