މެޑަމް ފާތުންއާ ސަލާންކުރައްވާ، ނަޝީދު ގޮވާލެއްވީ ޔާމީން މިނިވަންކުރަން

ރައީސް ނަޝީދު މެޑަމް ފާތުންއާ ބައްދަލުވި ވަގުތުކޮޅު ---

ކުރީގެ ރައީސް އަދި ޕީޕީއެމް، ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދުވަސްތަކަކަށްފަހު، ޕާޓީގެ ކެންޕޭން ހަރަކާތެއްގައި ބައިވެރިވާތީ، މުޅި ސަރަހައްދު އޮތީ ފުރާލާފައެވެ.

ޔާމީންގެ ދައުރުގައި އެކަމަނާގެ އަދާކުރެއްވި މުހިއްމު ދައުރުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މެޑަމް ފާތުން އަބަދު ވެސް މަގުބޫލެވެ. މިއަދުގެ ބައްދަލުވުމުގެ ތެރެއިން ވެސް އެ ލޯތްބާއި، ގަދަރު ވަރަށް ސާފުކޮށް ފެނުނެވެ.

ޚާއްސަކޮށް، ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް ޔާމީންގެ ތާއީދު އޮތް ކަމާމެދު ވާދަވެރިން ޝައްކު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ފާތުން ކެމްޕޭނަށް ނުކުމެ ވަޑައިގަތުމަކީ ޕާޓީގައި އެއްބައިވުމުގެ ރޫހެއް އުފެދުނު ކަމެކެވެ.

މެޑަމް ފާތުން މިރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ --- ސަންފޮޓޯ/ މާހިލް އާތިފް

ލޯތްބާއި، ކަރުނައާއެކު، މެޑަމްއަށް ކީ މަރުހަބާގެ ރޫހު، އަލްވަދާއަށް ދަމާލި ސަފުގައި ވެސް ހުއްޓެވެ. ޖޯޝާއި ފޯރީގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ކާނިވާ ސަރައްދުގައި ހުންނަ "ދިވެހިންގެ ޖަގަހަ"އިން ފެށިގެން ދޫވެއްސާއި ދެމެދު ދިގު ސަފެއް ދަމާލިއެވެ. އެންމެން ތިބީ ފާތުންއާ ސަލާންކޮށްލާފައި ނޫނީ އެތަނުން ނުދާންވެގެންނެވެ.

އޭރު، މަގުގެ އަނެއްފަރާތުގައި ހުރި ޑިމޮކްރެޓްސްގެ ޖަގަހައިގައި ވެސް ކެންޕޭނު ހަރަކާތެއް ކުރިއަށް ދިޔައެެވެ. ކުއްލިއަކަށް ފެނުނީ އެ ހަރުގެއިން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުކުންނެވިތަނެވެ.

މެޑަމް ފާތުން އޭރު ސަޕޯޓަރުންނާ ސަލާމްކުރައްވަމުން ވަޑައިގެން ސަލްމާން މިސްކިތާ ހަމައަށް އަރާ ހަމަވަނީއެވެ. ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، ޕީޕީއެމް ސަޕޯޓަރުންގެ ތެރެއަށް ވަދެވަޑައިގަތެވެ.

"ރޫޅާލާތި! ރޫޅާލަންވާނީ މިފަހަރު!"

ކުރީގެ ޕާޓީ، އެމްޑީޕީއަށް ނިސްބަތްކުރައްވާ ނަޝީދު ބޭނުންކުރެއްވި ޝިއާރު ޕީޕީއެމްގެ ސަޕޯޓަރުން ތަކުރާރު ކުރަމުން ދިޔައެވެ.

ދެފަރާތުގައި ތިބި މީހުންނާ ސަލާންކުރައްވަމުން ބާރު ހިނގުމެއްގައި ވަޑައިގެން ނަޝީދު ފާތުންއާ ސަލާން ކުރެއްވިއެވެ. ކަންފަތްޕުޅު ދޮށުގައި ކޮންމެ ވެސް އެއްޗެއް ވިދާޅުވިއެވެ.

"ރައީސް ޔާމީން... ދޫކޮށްލާ!" ޕީޕީއެމްގެ ސަޕޯޓަރުން އެވަގުތު އެއް އަޑަކުން ގުގުމާލީ އެ އަންބާއެވެ.

"ދޫކޮށްލާ!.. ދޫކޮށްލާ!... ދޫކޮށްލާ!..." ގޮށް މުއްކަވާފައި އަތް އުއްކަވަމުން ނުހަނު ޖޯޝުގައި ރައީސް ނަޝީދު އޭގެ ޒުވާބުގައި ބައިވެރިވެ ވަޑައިގަތެވެ.

ނަޝީދު އެތަނުން އަނބުރާ ވަޑައިގަތް އިރުވެސް އެ އަޑު ނުކެނޑި ހުއްޓެވެ.

އެމްޑީޕީން ވަކިވެ ވަޑައިގަތްފަހުން، ނަޝީދު ވަނީ ތަކުރާރުކޮށް، ރައީސް ޔާމީން ބަންދުގައި ބޭއްވުވަމީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އިރާދަ ކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހުތިޖާޖު ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކު މަގުމަތީ ގައި ވެސް ތިބޭނަން. ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ފުވައްމުލަކުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

އެރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

ނަމަވެސް، އެ ޖަލްސާއަށްފަހު، ޔާމީންގެ އިސް ވަކީލު މެދުވެރިކުރައްވާ، އެމަނިކުފާނު އާންމު ކުރެއްވި މެސެޖެއްގައި ވަނީ އެ ޕާޓީތަކުން ދައްކާ ވާހަކައިގައި ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށް އެންމެ ހަތަރު ދުވަހަށް ވެފައިވާއިރު، ނަޝީދުގެ ޑިމޮކްރެޓްސް އާއި، ޔާމީންގެ ޕީޕީއެމް ވެސް އޮތީ ސަރުކާރާ އިދިކޮޅަށެވެ. ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެކަން ކޮޅެެއްގައި ޖެހިފައެއް ނުވެއެވެ.

comment ކޮމެންޓް