ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓުދީ: މެޑަމް ފާތުން

27 ފެބްރުއަރީ 2018: "ސަލާމަތީ ބާރުތަކާއި އެކު ރައްޔިތުން" މި ނަމުގައި ވެސްޓްޕާސް ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހައްގުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވަން ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެދިވަޑައިގެންފިއެވެ.

ފާތުން މިރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ރައްޔިތުންނަށް މިހާރު ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތަކީ މި ފަހަރުގެ ވޯޓުގައި އެ މަނިކުފާނު އެންޑޯޒް ކުރައްވައިފައިވާ ކެންޑިޑޭޓް މުއިއްޒަށް ވޯޓު ދިނުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ ކަމުގެ ސަބަބުން ދިވެހީންގެ ރާއްޖެ އަނބުރާ ލިބި ރައީސް ޔާމީންގެ ތަރައްގީ އަނބުރާ އިޔާދަވާނެ ކަމަށެވެ. އަދި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި ރައީސް ޔާމީންގެ ވިޒަނަރީ، އިގްތިސޯދީ ސިޔާސަތު އިޔާދަވާނެކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ދިވެހީންނަށް ގެނެސްދެއްވީ ހަލުވި ދުވެލީގެ އަތްލެވޭ، އިހްސާސް ކުރެވޭ އެއިން މަންފާ ލިބޭ ތަރައްގީއެއް،" ފާތުން ވިދާޅުވިއެވެ.

ޔޫތު ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރެއްވުމާއި، ހިޔާ މަޝްރޫއާއި ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ އެތައް މަޝްރޫއެއް ދިވެހީންނަށް ހަމައަށް ރައީސް ޔާމީން ގެނެސްދެއްވިކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ މިނިވަންކަމާ މި ވޯޓާ ވަނީ ގުޅިފައި. ތިޔަ ބޭފުޅުން ޑރ. މުއިއްޒަށް ދެއްވާ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި އަވަސް ޝަރީއަތެއް ލިބި އެ މަނިކުފާނު ލިިބިގެންދާ އަނިޔާއިން ސަލާމަތްވާން އޮތް އެންމެ ފަހި މަގު،" ފާތުން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެންމެ ފުރަތަމަ ކެންޑިޑެސީ އެރުވީ ޔާމީނަށެވެ. އެކަމަކު، އެ މަނިކުފާނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީއެވެ. އެހެންވެ، މުއިއްޒަށް ޓިކެޓު ލިބިވަޑައިގަތީ ޕީއެންސީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.

comment ކޮމެންޓް