ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ފުރަތަމަ ފަހަރަށް އެކަމަނާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ހަރަކާތްތެރިކޮށް ފެނިވަޑައިގަތް މެޑަމް ފާތުން ގިނަ ދުވަސްތަކަކަށް ފަހު މިރޭ އިދިކޮޅު 'ރައްޔިތުންގެ ޖަގަހަ' އަށް ވަޑައިގެންނެވީ އެކަމަނާ އުޅުއްވާ ހ. ދޫވެހިން ނުކުމެ ހިންގަވާފައެވެ.
ކާނިވާ ސަރަހައްދުގައި ހުންނަ އެ ޖަގަހަށް އެކަމަނާ ވަޑައިގަތް އިރު ވެސް މަގުމަތީގައި ކޮންމެވެސް ވަރަކަށް އިދިކޮޅު ސަޕޯޓަރުން ތިއްބެވެ. އެ ވަގުތު ވާރޭ ވެހެން ފެށުމާއެކު މެޑަމް ފާތުން ވެސް ސީދާ ވަޑައިގަތީ ޖަގަހައަށެވެ.
އޭރު ކާނިވާ ސަރަހައްދުގައި ހުންނަ ޖަގަހަ ފުރި ބާރުވެ އެ ސަރަހައްދުގެ މަގުމަތީގައި ވެސް އޮތީ އިދިކޮޅު ސަޕޯޓަރުންނެވެ. ގިނައީ ކަނބަލުންނެވެ.
ސަލާމް ކުރައްވަމުން މެޑަމް ފާތުން ޖަގަހައަށް ވަތް އިރު އެކަމަނާގެ އަގު ވަޒަންކޮށް ހަދާފައިވާ ލަވަ ވެސް ޖަހާފައި ހުއްޓެވެ. ގޮނޑިކޮޅާ ހަމައަށް ވަޑައިގަތުމުގެ ކުރިން މެޑަމް ފާތުންގެ ލޮލުން ކަރުނަހިލި އިތުރަށް އެ ވަގުތު ސަޕޯޓަރުންނާ ސަލާމް ނުކުރައްވާ އިށީންނެވިއެވެ. އަދި ޓިޝޫ އަކުން ކަރުތައް ފުހެމުން ދިޔައިރު ،އަރިސް ބައެއް ކަނބަލުން ވަނީ އެކަމަނާއަށް ހިތްވަރު ދެއްވާފައެެވެ.
މެޑަމް ފާތުން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަކީ ވަރަށް އުފާވެރި ވަގުތުކޮޅެއް ނަމަވެސް މިއީ އުފާފާޅުކުރަން އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓްގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވިއެވެ.
"ޚާއްސަ ގޮތެއްގައި ރައީސް ޔާމީންގެ އާއިލާއަށް މެޑަމް ފާތުންނަށް މިއީ އެހާ ފަސޭހަ ވަގުތެއް ނޫން," އެއްވަފައި ތިބި ސަޕޯޓަރުންނާ މުހާތަބުކޮށް ސެންބެ ވިދާޅުވިއެވެ.
މި ފަދަ ނާޒުކު ދަނޑިވަޅެއްގައި މެޑަމް ފާތުން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމުން އާދަމް ޝަރީފް ވަނީ އެކަމަނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ބައްދަލުވުން ނިންމާލުމަށްފަހު މެޑަމް ފާތުން ވަނީ އިދިކޮޅު ސަޕޯޓަރުންނާ އެކު ގްރޫޕް ފޯޓެއް ނަންގަވައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އަށް ތާއީދުއޮތްކަން ދައްކުވައިދީ އަތްޕުޅުން ހަތަރެއް ދައްކަވާލައްވާފައެވެ.
އެއަށްފަހު އެކަމަނާ ހިންގަވާފައި ގެކޮޅަށް ވަޑައިގަތްއިރު އިދިކޮޅު ސަޕޯޓަރުން ވަނީ ކާނިވާ ސަރަހައްދުން ފެށިގެން ހ. ދޫވެއްސާ ހަމައަށް ދިގި ކިޔުއެއް ދަމާލާފައެވެ. ފޮޓޯ ނަންގަވައި ސަޕޯޓަރުންނާ ސަލާމް ކުރައްވުމަގައި އެކަމަނާ ވަނީ ގަޑިއެއްހާއިރު ހޭދަކުރައްވާފައެވެ.